ނިއުޒިލޭންޑްގެ ހަމަލާތަކުގައި މަރުވި މުސްލިމުން ގެ އާއިލާތަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފި

ސަލްމާން ރަސްގެފާނު

ރިޔާޒް (ޖުލައި 17) : މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި 51 މީހުންގެ އާއިލާތަކަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚާއްސަ އިނާޔަތުގެ ދަށުން ހައްޖަށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދީފިއެވެ.

ސައޫދީ އަރަބިޔާގެ އިސްލާމީ ދައުވަތާއި އިރުޝާދާބެހޭ ވަޒީރު ޝައިޚް ޢަބްދުއްލަތީފް ބިން ޢަބްދުލްޢަޒީޒު އާލުއްޝައިޚް އާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނީ ކްރައިސްޓްޗާޗްގެ ދެ މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި 51 މީހުންގެ އާއިލާތަކުން ޖުމްލަ 200 މީހުންނަށް ސަލްމާން ރަސްގެފާނުގެ ޚާއްސަ އިނާޔަތުގެ ދަށުން ހައްޖަށް ދިޔުމުގެ ކަންތައް ހަމަޖެހިފައިވާކަމަށާ އެމީހުން ހައްޖަށް ގެންދިޔުމުގެ އިންތިޒާމުތައް ނިއުޒިލޭންޑްގައި ހުންނަ ސައޫދީ އެންބަސީ މެދުވެރިކޮށް ކުރަމުން ގެންދާކަމުގައެވެ.

މިއީ ކްރައިސްޓްޗާޗް ގެ ޓެރަރިސްޓް ޙަމަލާތަކުގެ ޝިކާރައަކަށްވި މުސްލިމުންގެ އާއިލާތަކުން ކުރަމުންދާ ހިތާމަތަކުގައި ބައިވެރިވެ އެހިތާމަތަކަށް ލުއެއް ހޯދައި ދެއްވުމުގެ ގޮތުން ކަމަށްވެސް ޝައިޚް ޢަބްދުއްލަތީފް ބިން ޢަބްދުލްޢަޒީޒު އާލުއްޝައިޚް އާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނެއެވެ.

ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާތައްދިނީ އެދެމިސްކިތުގައި އެތަށް ސަތޭކަ ބަޔަކު ހުކުރު ނަމާދު ކުރަން ތިއްބައެވެ. އެ ޖަރީމާގައި 51 މީހުން މަރުވިއިރު 49 މީހުން ޒަޚަމްވެފައިވެއެވެ. ނިއުޒިލޭންގެ ސަރުކާރުންވެސްވަނީ އެ ދެ ޙާދިސާގައި މަރުވި މީހުންނާ އަދި ޒަޚަމްވި މީހުންގެ އާއިލާތަކަށް އެކިގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް