ގަދައަޅައި ކުރި މަސައްކަތުން މިއުވާން އެއްވަނައިގައި

އޭ ލެވެލްގެ ޓޮޕް ޓެން އިން އެއްވަނައަށް އައި މިއުވާންއަށް ރައިސް ސޯލިހް އިނާމް އަރުވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"އެންމެ ކުޑަކުޑައިރު ހަނދާންވޭ ޑިކްޓޭޝަން ޓެސްޓެއްގަ ބައެއް ސްޕެލިން ނުބައިވެގެން އުޅުނު ދުވަސް. އެ ދުވަހު ރުއިން. އޭރުވެސް އެނގޭ ކޮންމެ ފަހަރަކު ކާމިޔާބީ ނުލިބިދާނެކަން. އެހެން ނަަމަވެސް ގަދަ އަޅައި މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެއޭ އޭރުވެސް ހިތަށް އެރި،" މިދިޔަ އަހަރު ސީއެޗްއެސްސީން އޭ ލެެވެލް އިމްތިހާން ނިންމި މުހައްމަދު މިއުވާން މަސީހް ކިޔައިދިނެވެެ.

އެންމެ ކުޑަކުޑައިރުވެސް ކާމިޔާބީގެ އެންމެ އުހަށް ވާސިލްވުމަށް އަޒުމް ކަނޑައެޅި މަސީހުގެ ކާމިޔާބީތައް ކިތަންމެހާވެސް ފޮންޏެވެ.

މިއުވާން

ނިމިގެން ދިޔަ އޭ ލެވެލް ޓޮޕް އެޗީވާސް އެވޯޑްސްއިންވެސް އޭނާގެ ނަަން ރަން އަކުރުން އޮތީ ފަވާލާފަ އެވެ. އޭނާއަކީ މިދިޔަ އަހަރު އޭ ލެވްލް ނިންމި ދަރިވަރުންގެ ތެރެއިން މުޅި ރާއްޖެއިން އެއްވަނައަށް ހޮވުނު ހަތަރު ދަރިވަރުންގެ ތެރޭގައި ހިމެނުނު ދަރިވަރެކެވެެ.

މިއުވާން ސީއެޗްއެސްސީގެ އިނާމް ދިނުމުގެ ހަފްލާފައި---

މުޅި ރާއްޖެއިން އެކަންޏެއް ނޫނެވެ. އޭ ލެވަލް އިމްތިހާންގައި އޭނާ ބައިވެރިވި ބައިލޮޖީ މާއްދާއިން މުޅި ދުނިޔެއިންވެސް މިއުވާން ވަނީ އެއްވަނަ ހޯދައިފަ އެވެ. އޭގެ އިތުރުން ކެމިސްޓްރީ އިން މުޅި ދުނިޔެއިން ދެވަނަ އަދި ފިޒިކްސްއިން މުޅު ދުނިޔެއިން ހަވަނަ އޭނާ ވަނީ ހޯދައިފަ އެވެ.

އޭލަވަލް އިމްތިހާންގައި ބައިވެރި ހަ މާއްދާއިން އޭ ސްޓާ ހޯދައި މިއުވާން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްކޮލަޝިޕްވެސް ހާސިލްކޮށްފަ އެވެ.

މިއުވާން މަޖީދިއްޔާ ސްކޫލުގައި އުޅުނު ދުވަސްވަރު---

މިއީ މިއުވާންގެ ފުރަތަމަ ފޮނި ކާމިޔާބީއެއް ނޫނެވެ. ދެހާސް ސަތާރަވަނަ އަހަރު އޭނާ ވަނީ އޯ ލެވެލްއިންވެސް މުޅި ރާއްޖެއިން އެއްވަނަ ހޯދައިފަ އެވެ. މަޖީދިއްޔާއިން އޯ ލެވެލް ނިންމިއިރު އޭނާ އަކީ އެ އަހަރު މުޅި މަޖީދިއްޔާއިން ހުރިހާ ގޮތަކުން ދެވަނަ އަށް ހޮވުނު އެއްމެ މޮޅު ދަރިވަރުވެސްމެ އެވެ.

ކިޔެވުމުގެ އިތުރުން މިއުވާން ވަނީ ސްކޫލްގެ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވެފަ އެވެ.

" ސީއެޗްއެސްސީގައި އުޅުނުއިރު އަޅުގަނޑަކީ އަޝްރަފީ ހައުސްގެ ޑެޕިއުޓީ ކެޕްޓަން. އޭރު ހައުސްއިން ބޭއްވި ފުޓްސެލް، ބާސްކެޓް، މަދަހަ މުބާރާތެއް ބޭއްވިޔަސް އަޅުގަނޑު އުޅުނިން އޭރު. ދެން ކިޔެވިއިރު ވަކި ޓައިމް ޓޭބަލްއެއ ހަދައިގެނެއްވެސް ނޫން ކިޔެވީކީ ވަކި." މިއުވާން ބުންޏެވެ.

މިއުވާން--- ފޮޓޯ: މިއުވާން

އޭ ލެވަލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް މިއުވާން ވަނީ ދުރާލައި މަސައްކަތް ފަށައިފަ އެވެ. އެގޮތުން އޭނާ ވަނީ އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ ގޮތުން ގްރޭޑް 12 ގައި ބައެއް މާއްދާތަކުން ޓިއުޝަންވެސް ނަގައިފަ އެވެ. އޭގެ ނަތީޖާވެސް ފޮންޏެވެ.

" ރައީސްގެ ސްކޮލަޝިޕްގެ ލިބުމަކީ ހަމަ އަޅުގަނޑު ދެކެމުން އައި ހުވަފެނެއް. އެކަން ވަނީ ހާސިލްވެފައި. މިހާރު އަޅުގަނޑު ބޭނުންވަނީ އިނގިރޭސިވިލާތަށް ޑޮކްޓަރުކަން ކިޔަވަން ދާން. އުއްމީދު އެބައޮތް ރާއްޖޭގައި ޑޮކްޓަރުން ސްޕެޝަލައިޒް މަދުން ވެފައި އޮތް ދާއިރާއަކުން ކުރިއަށް ދާން" މިއުވާން އޭނާގެ އުއްމީދުތައް ބަންޑުންކޮއްލަމުން ބުންޏެވެ.

މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ މިއުވާންގެ މަންމަ އަކީ ނަރުހެކެވެ. ބައްޕައުޅެނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތުގަ އެވެ. ދަރިފުޅަށް ލިބުނު ރައީސްގެ ސްކޮލަޝިޕްއާއެކު ހިނިތުންވެފައި ހުރި މައިންބަފައިންގެ އުއްމީދަކީވެސް މިއުވާން އިތުރަށް ކިޔަވައިގެން ގައުމަށް ހިދުމަތް ކުރާނެ މީހަކަށް ވުމެވެ.

comment ކޮމެންޓް