ހިތަދޫ ހޮސްޕިޓަލްގެ ހުރިހާ ވޯޑްތަކެއް އޭސީކޮށް ޑޮކްޓަރުން ހަމަކޮށްފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުް --- ފައިލް ފޮޓޯ

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހުރިހާ ވޯޑްތަކެއް އެސީކޮށް އެ ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ހަމަކޮށްފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލް އޭސީ ކުރުމުގެ މަސައްކަތް ފަށީ ރޯދަމަހު ތެރޭ ކަމަށެވެ. އަދި އޭސީކޮށް މިދިޔަ ހަފްތާގައި ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެ ހޮސްޕިޓަލްގެ ވޯޑްތަކުގައި ހޫނުގަދަވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ މެޓާނިޓީ ވޯޑް އޭސީ ކުރި ނަމަވެސް އެ ތަނުނުގައި ކަރަންޓް އޯވާލޯޑްވުމުގެ މައްސަލަ ކުރިމަތިވެދާނިތީ އެ ވޯޑް އަދި ބޭނުންނުކުރާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ހޮސްޕިޓަލަށް މިހާރު ހުރިހާ ދާއިރާތަކުންވެސް ޑޮކްޓަރުން ހަމަކޮށްފައިވާ ކަމަށެވެ.

"މިހާރު ގައިނޮކޮލޮޖީ، ކުޑަކުދިން. ކަށީ މިހެންގޮސް ކޮންމެ ދާއިރާއަކަށްވެސް ދެ ޑޮކްޓަރުން ތިބޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިދިޔަ މޭމަހު ވަނީ އެމްއާރުއައި މެޝިނެއްވެސް ފޮނުވައިފައެވެ.

ސަރުކާރުން އައްޑޫގައި 100 އެނދުގެ އާ ހޮސްޕިޓަލެއް ހުޅުވުމަށް މިހާރު ދަނި ތައްޔާރުވަމުންނެވެ. އެ ހޮސްޕިޓަލް އަޅަނީ 2011 ގައި އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގަ އެވެ.

comment ކޮމެންޓް