ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް 1.5 ބިލިއަން ރުފިޔާގެ ފައިދާއެއް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުންނަ އިމާރާތް: ސަން ފައިލް ފޮޓޯ

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.5 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ސަރުކާރު ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ އާއި ފައިދާގެ ތަފްސީލު މިއަަދު ވަނީ އާންމުކޮށްފައެވެ. އެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 24 ޕަސެންޓް އިތުރުވެފައެވެ.

އެ މުއްދަތުގައި އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ އެމްއޭސީއެލްއަށެވެ. މައި އެއާޕޯޓު ހިންގާ އެމްއޭސީއެލްއަށް 572 މިލިއަން ރުފިޔާގެ ފައިދާ އެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެމްއޭސީއެލްއަށް ލިބިފައިވަނީ 379 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، ފެނަކަ، އައިލެންޑް އޭވިއޭޝަން، އެމްއެމްޕީއާރުސީ އަދި އެމްޑަބްލިއުއެސްސީއާއި އެސްޓީއޯއަށް ލިބުނު ފައިދާވެސް ވަނީ އިތުރުވެފައެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބިފައިވަނީ 276 މިލިއަން ރުފިޔާގެ ފައިދާއެކެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅަބަލާއިރު ހަ ޕަސަންޓުގެ ކުރިއެރުމެކެވެ. ފެނަކައަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 18.6 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 1.7 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.

އައިލެންޑް އޭވިއޭޝަންއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 104 މިލިއަން ރުފިޔާގެ ފައިދާ އެއް ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 52 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

އެމްއެމްޕީއާރުސީއަކީވެސް ގެއްލުމުގައި ހިންގަމުން ދިޔަ ކުންފުންޏެއް ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ ފައިދާވެފައެވެ. މިދިޔަ އަހަރު އެމްއެމްޕީއާރުސީއަށް 1.4 މިލިއަނުގެ ގެއްލުމެއް ލިބުނު ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 34 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.

ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ 27 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަކުއާޓަރުގައި އެމްޑަބްލިއުއެސްސީއަށް 70 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 90 މިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 103 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނިއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 123 ޕަސެންޓް އިތުރު އަދަދެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަލާއިރު ދިރާގު، އެޗްޑީސީ، އަދި ސްޓެލްކޯއަށް ލިބުނު ފައިދާ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ދަށްވެފައެވެ.

ދިރާގުގެ ފައިދާ ހަ ޕަސެންޓު ދަށަށް ދިޔައިރު އެޗްޑީސީގެ ފައިދާ ވަނީ 68 ޕަސެންޓް ދަށަށް ގޮސްފައެވެ. ސްޓެލްކޯގެ ފައިދާ ދަށްވެފައިވަނީ އެ ކުންފުނީގެ ހަރަދުތައް ކޮންޓްރޯލު ނުކުރެވުމުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ސްޓެލްކޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ މިދިޔަ އަހަރާއި އަޅާބަލާއިރު 17 ޕަސެންޓް ދަށް ފައިދާއެކެވެ.

comment ކޮމެންޓް