އެމެރިކާއިން މިޔަންމާ އަސްކަރިއްޔާގެ ވެރިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިފި

އެމެރިކާއިން ވަނީ މިޔަންމާ އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އައުންގް ލެއިންގްއާ ދެކޮޅަށް ފިޔަވަޅު އަޅާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 17): އެމެރިކާއިން މިޔަންމާ އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް މިން އައުންގް ލެއިންގް އާއި އިތުރު ތިން ސިފައިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނި ގޮތުގައި އެސިފައިންނާ ދެކޮޅަށް ފިޔަވަޅު އެޅީ 2016 ވަނަ އަހަރު މިޔަންމާގެ ރާކިން ސްޓޭޓުގައި ރޮހިންގާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ޖަރީމާތަކުގައި އެމީހުން ބައިވެރިވި ކަމުގެ ހެކި ލިބުމުންނެވެ.

"އެއިއުލާނާ އެކު އެމެރިކާ ވަނީ މިޔަންމާ އަސްކަރިއްޔާގެ އެންމެ އިސް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅި ފުރަތަމަ ސަރުކާރަށްވެފަ،" ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އެވެ.

މީގެ ކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ރެކްސް ޓިލާސަން ވަނީ މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކަކީ ނަސްލެއް ނައްތާލުން ކަމަށް ބެލެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާއިން އިތުރަށް ފިޔަވަޅު އަޅާފައި ވަނީ ޑެޕިއުޓީ ކޮމާންޑާ އިން ޗީފް ސޯ ވިން އާއި ބްރިގޭޑިއާ ޖެނެރަލް ތަން އޫ އާއި ބްރިގޭޑިއާ ޖެނެރަލް އަންގް އަންގާ ދެކޮޅާށެވެ. އަދި އެހަތަރު އޮފިސަރުންގެ އާއިލާއާ ދެކޮޅަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.

މިޔަންމާގެ ސިފައިން ރޮހިންގާ މުސްލިމުންނަށް ދިން އަނިޔާތަކާ ގުޅިގެން 740،000އަށް ވުރެ ގިނަ މީހުންނަށް އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދާން މަޖުބޫރުވި އެވެ.

ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެމީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

comment ކޮމެންޓް