ހަނދަށް ދިޔަތާ 50 އަހަރު: މައިކެލް ކޮލިންސް އެނބުރި ލޯންޗު ސައިޓަށް

މައިކެލް ކޮލިންސް (ކ) އާއި ކެނެޑީ ސްޕޭސް ސެންޓަރުގެ ޑިރެކްޓަރު ބޮބް ކަބާނާ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖުލައި 17): އިންސާނުން ފުރަތަމަ ފަހަރަށް ހަނދަށް ދިޔަ މިޝަން ކަމަށްވާ އެޕޯލޯ 11ގައި ބައިވެރިވި ކުރޫ މެމްބަރެއް ކަމަށްވާ މައިކެލް ކޮލިންސް، އެމިޝަން ލޯންޗު ކުރި ސަރަހައްދަށް އަނެއްކާވެސް ޒިޔާރަތްކޮށްފި އެވެ.

މީގެ 50 އަހަރު ކުރިން، 16 ޖުލައި 1969ގައި ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން އެޕޯލޯ 11 ލޯންޗު ކުރި އިރު 88 އަހަރުގެ ކޮލިންސްގެ އިތުރުން ނީލް އާމްސްޓްރޯންގް އާއި ބަޒް އަލްޑްރިން އެމިޝަންގައި ބައިވެރިވި އެވެ.

ޖުލައި 20ގައި އާމްސްޓްރޯންގާއި އަލްޑްރިން ހަނދުގައި ދެ ގަޑިއިރާއި ބައި ހޭދަ ކުރި އެވެ. އޭރު ކޮލިންސް އިނީ އެމީހުން ދަތުރު ކުރި ޖައްވީ އުޅަނދުގައި ޕައިލެޓުގެ ގޮތުގަ އެވެ.

އެމިޝަންގެ ކޮމާންޑަރުގެ ގޮތުގައި ހުރި އާމްސްޓްރޯންގް ވަނީ 2012 ވަނަ އަހަރު މަރުވެފަ އެވެ. އަދި 89 އަހަރުގެ އަލްޑްރިން އިއްޔެ ކެނެޑީ ސްޕޭސް ސެންޓަރަށް ދާން އޮތް ނަމަވެސް، ފަހުން އޭނާ ވަނީ ދަތުރު ކެންސަލްކޮށްފަ އެވެ.

އެމެރިކާގެ އެސްޓްރޮނޯޓް ބަޒް އަލްޑްރިން ހަނދުގައި -- ފޮޓޯ: ރޮއިޓާސް

ކޮލިންސް ވަނީ އާމްސްޓްރޯންގާއި އަލްޑްރިންއަށްވެސް އެޒިޔާރަތުގައި ބައިވެރިވެވުނު ނަމައޭ ހިތަށް އަރާ ކަމަށް ބުނެފަ އެވެ. އަދި އެޕޯލޯ 11 މިޝަންއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ވަނީ އޭރު ދުނިޔޭގެ ސަމާލުކަން އެމިޝަންއަށް ލިބުނުކަން އެނގޭ ކަމަށާއި އެހެންކަމުން ވީހާވެސް ރަނގަޅަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ ބެލި ކަމަށް ބުނެފަ އެވެ.

"އެޕޯލޯ 11އަށް މުޅި ދުނިޔޭގެ ސަމާލުކަން އޭރު ހުއްޓުނުކަން އެނގޭ. އަދި އަޅުގަނޑުމެންގެ އެކުވެރިންނާއި އިދިކޮޅު ފަރާތްތަކުންވެސް ބަލަން ތިބިކަން އެނގޭ. އެހެންކަމުން ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް ކުރެވޭތޯ ބެލިން،" އޭނާ ބުންޏެވެ.

އެޕޯލޯ މިޝަން 11 ނިންމާލުމަށް ފަހު އެސްޓްރޮނޯޓުން ދުނިޔެއަށް އައީ ޖުލައި 24ގަ އެވެ. އަދި މިހަފްތާ ތެރޭ އެމެރިކާގައި ދަނީ ހަނދަށް ދިޔުން އެކި ގޮތްގޮތަށް ފާހަގަ ކުރަމުންނެވެ.

ނާސާއިން ދަނީ އަނެއްކާވެސް 2024ގައި އިންސާނުން ހަނދަށް ފޮނުވަން ތައްޔާރުވަމުންނެވެ. އަދި އެމިޝަންގައި ފުރަތަމަ ފަހަރަށް އަންހެނަކު ހަނދުގައި ހިނގާނެ ކަމަށް ނާސާއިން ބުނެ އެވެ.

comment ކޮމެންޓް