"ރިޔަލަށަ ވަރަކަށް ވައިވަނަސް، ވަޔަށަ މޮޅަކަށް ނުދުވާށި!"

އޮޑިއަކީ ފެނަށް ތިލަ އޮޑިއެކެވެ. ދުވެލި ހަރު އޮޑިއެކެވެ. އެހެންނަމަވެސް ހަލަށް ގޮސް، އޮޑިއަށް އެން އަޅައިލީ، ކިރިޔާ ގިލަ ހިކޭ ނުހިކޭ ވަރަށެވެ. ދެ ފަރާތުން ކުދި ރާޅުއަރާ ވަރަށެވެ. އެންހަލުން އޮޑި މޮހާލައި، ރިޔާ ނަގައި ކުނބުކުރީގައި ޖެއްސުމާއެކު، ރިޔަލުގައި ހެސްކިޔާފައި ވައި އަޅައިފިއެވެ. އެހެނަސް ސަހަރޯއެވެ. އޮޑިއަކަށް ދުވެއްޔެއް ނައެވެ. ކިރިޔާ ފިރުކިލަނީއެވެ. ދެން ވީ މާ ނުބައި ގޮތެވެ. ހުރިހައި ވަރެއް ބޭލީ އޮޑިޔަށެވެ. ދަތުރެއް ކޮށްލާން ހެޔޮވެސް ނުވާ ފަދަ އޮޑިއަކަށް އެ އޮޑި ވެ ނިމުނީއެވެ.

މިއީ ނައިބު ތުއްތުގެ ރައިވަރަކުން ޚިޔާލު ނަގައިގެން ލިޔެފައިވާ ވާހަކަކޮޅެކެވެ. ސިކުނޑިއަށް އުނދަގޫކުރާ ކަމަކާ ގުޅުންހުރި ޚިޔާލީ ތަސްވީރެކެވެ. ކޮންކަމެއްތޯ ސުވާލު އުފެދިދާނެއެވެ. ކުރިއަށް ދާށެވެ! ޖަވާބު ލިބޭނެއެވެ. އެހެންނަމަވެސް ސިކުނޑީގައި މި ތަންކޮޅު ބާއްވައްޗެވެ. މިއީ އެއްވެސް މީހަކު ބަދުނާމުކުރާން ދައްކާ ވާހަކައެއް ނޫނެވެ. ދިވެހި އުޑުދަށުން މިއަދު ފެންނަ، ހިތާނުވާ ކަމެއްކަމަށްވާތީ ލިޔެލަނީއެވެ.

ވަޒީފާއަށް މީހުން ވަންނަނީ، ފައިސާ ހޯދާށެވެ. ދިރިއުޅުމަށް ޓަކައި އާމްދަނީ އިތުރުކުރާށެވެ. ޢާއިލާ ގޮވައިގެން އިއްފަތްތެރި ދިރިއުޅުމެއް އުޅޭށެވެ. ވަޒީފާ ދޭ ފަރާތުން ވަޒީފާ ދެނީ، އެ މީހުންގެ މަސައްކަތް ނުވަތަ ވިޔަފާރި ކުރިއަރުވާށެވެ. ލިބޭ އާމްދަނީ ހަލާލުގޮތުގައި އިތުރުކުރާށެވެ. އެހެންކަމަށްވާ ނަމަ، ދެ ފަރާތުގައި ވެސް މި އޮތީ ފައިސާގެ މަސްލަޙަތެވެ. ވަޒީފާ ދޭ ފަރާތުގެ ކުރިއެރުން ގުޅިފައިވަނީ، ވަޒީފާ އަދާކުރާ ފަރާތުގެ ހީވާގިކަމާއި، ކަމަށް ކަމޭހިތުމާއި ތެދުވެރިކަމުގެ މައްޗަށެވެ. މި ކަންކަން ފުރިހަމަގޮތުގައި ވަޒީފާއަދާކުރާ ފަރާތަށް ކުރެވޭނީ، ވަޒީފާއަދާކުރާ ފަރާތަށް، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދީގެންނެވެ. ދޭ ވަޒީފާއާ ކުރަންޖެހޭ މަސައްކަތާ އެއް ގަލަށް އަރުވައިގެންނެވެ.

ޤަބޫލުކުރަމެވެ. މަސައްކަތެއް ފެށިޔަސް، އަދި ވިޔަފާރިއެއް ފެށިޔަސް، އެންމެ މުހިންމު މަޤުޞަދަކަށް ވާނީ، ވީ އެންމެ އަވަހަކަށް އެ ކަމެއް ކުރިއަރުވައި ފުޅާކުރުމެވެ. އިތުރު ކުރިތައް ފަޅުވައި، ކަފިކަތްޕަށް ބަހައި ދުރުދުރަށް ފެތުރުމެވެ. އެހެންނަމަވެސް ހަނދާން ބަހައްޓަން ޖެހޭ އެންމެ މުހިންމުކަމަކީ، ތިމާގެ ހިތް ދަތުރުކުރާހައި ހަލުއި މިނުގައި އެއްވެސްކަމެއް ކުރިއަރައިގެން ނުދާނޭކަމެވެ. އެއްވެސްކަމެއް އަމިއްލަ ހިތާ ވާދަކޮށްފި ނަމަ، އަބަދުވެސް ކުރި ހޯދާނީ ހިތެވެ. އެހެންނޫން ނަމަ، ދުނިޔެއޭ މި ކިޔާ، ފުންމިން އެނގުން ނުވާ ކަނޑުގައި، ބަކަތަޅަތަޅައި އެކަކު ވެސް ނޯންނާނެއެވެ. ބަސްބުނާ ހިނދުން، މަންޒިލަށް ވާސިލުވާނެއެވެ. ކޮންމެ މީހަކު ވެސް ވާނީ، ފުދިފައި ހުރި، އުދުހޭ މީހަކަށެވެ.

ކަން މިހެން އޮތްކަމުގައި ވިޔަސް، ބައެއް މީހުންގެ ހިތުގައި އޮންނަނީ، ދެ ދުވަހުން މަހުޖަނަކަށްވުމުގެ ފިކުރެވެ. ކުރިއަރާނީ ފިޔަވަޅަކަށްފަހު ފިޔަވަޅަކުން ކަމެއް، އެ ފަދަ މީހުންގެ ހަނދާނުގައި ހުންނަ ހެނެއް ހިޔެއް ނުވެއެވެ. މި ފަދަ މީހުން ގާތަށް ވަޒީފާއަށް ދާ މީހުންނަށް ކުރިމަތިވާ އަހުވަ ވަރަށް ބޮޑެވެ. އަބަދުވެސް އިވޭ އެއް އަޑަކަށް އޮންނަނީ، ކަމެއް ނުކުރެވޭ ވާހަކައިގެ އަޑެވެ. ކުރާ މަސައްކަތެއް، އަދި ކުރި މަސައްކަތެއް ވެސް ނުފެންނާނެއެވެ. ފެންނާނީ ނުކުރެވިފައި ހުންނަ މަސައްކަތެވެ. ކުށުގެ މާހައުލެއްގައި ބަހައްޓައިގެން، ފުކަކަށް ހެދުން އުފަލެއްކަމަށް ދެކޭނެއެވެ.

ވަޒީފާއަކަށް މީހަކު ވައްދާއިރު، މަސްއޫލިއްޔަތުތަކެއް ކަނޑައެޅިފައި އޮންނާން ޖެހޭނެއެވެ. މަސައްކަތް ކުރާންޖެހޭ ވަގުތު ވެސް ކަނޑައެޅިފައި އޮންނާން ޖެހޭނެއެވެ. މުސާރަ ވެސް މެއެވެ. މި ކަންކަމަކީ ލިޔެކިޔުމުން ފެންނާން ޖެހޭނެ ކަންކަމެވެ. ތަނުގެ ވެރިޔަކަށް ހުންނަ މީހާގެ ދުލުގައި ލިޔެފައި އޮންނަ އެއްޗަކަށް ވެއްޖެ ނަމަ، އޭނާގެ އަމުރުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ވާނީ، ވަރަށް ވޭން ގަދަ ތުރާލަކަށެވެ. ކުރާން ނުޖެހޭ ކަމެއް ނޯންނާނެއެވެ. މެނޭޖަރުކަމުން ފެށިގެން، ފެންފޮތިލުމާ ހަމައަށް ވެސް ރޮނގު ދަމައިލަފާނެއެވެ. ނުވިތާކަށް ވެރިޔާ ދިރިއުޅޭ ގޭގެ ނޯކަރުކަމުގެ ޒިންމާ ވެސް ނަގާން ޖެހިދާނެއެވެ. ހުރިހައި ދިމާއެއްގައި، ހުރިހައި ވަގުތަކު ހުންނާން ވެސް ޖެހޭނެއެވެ. ނޫންނަމަ، ފަރުވާކުޑަ މީހުންގެ ލިސްޓުގެ އެންމެ ކުރިއަށް ނަން އަރުވާނެއެވެ.

ޅެންވެރިޔާ ދައްކަވަނީ މި ވާހަކައެވެ. ކިތަންމެ ދުވެލި ހަރު އޮޑިއެއް ނަމަވެސް، އެ އޮޑިޔަށް ނުތަކާ ވަރަށް އެންއަޅައިގެން އޮޑި ދުއްވާން އުޅެފި ނަމަ، އެ އޮޑި ފެންނާނީ ދުވެއްޔެއް ނެތް، އަމުދުން ދަތުރަކަށް އަރާން ކަމުވެސް ނުދާ އޮޑިއެއްގެ ގޮތުގައެވެ. އިސާހިތަކު ފެތިވެސްދާނެއެވެ. އެހެންނަމަވެސް، ތަކާވަރަށް އެން އަޅައިގެން ދަތުރަށް ފަށައިފި ނަމަ، ނުހަނު ހިތްގައިމު ދުވެލީގައި ގޮސް، މަސްކަނޑަށް ނިކުމެ، ހައްސަ ބައިގެން، އެންމެ އަވަހަށް ރަށަށް ލަފާނީ ވެސް އެ އޮޑިއެވެ.

comment ކޮމެންޓް