ޕީޖީ ދަތުރުފުޅެއްގައި ވަޑައިގަންނަވާތީ ކޮމެޓީއަށް ހާޒިރުކުރުން ފަސްކޮށްފި

ޕްރޮސެކިޔުޓާ ޖެނެރަލް އާއިޝަތު ބިޝާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ އިދާރާއަށް ވަތް ކަމަށް ބުނެ ދައުވާ ކުރި މައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އަށް ހާޒިރު ކުރުމަށް ކަނޑައަޅާފައިވާ ދުވަސް ފަސްކޮށްފި އެވެ.

ބިޝާމް ކޮމެޓީ އަށް ހާޒިރު ކުރަން ނިންމާފައި އޮތީ މިއަދު އެވެ. ނަމަވެސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާކަން ސިޓީއަކުން އަންގަވާފައިވާތީ ޕީޖީ ކޮމެޓީ އަށް ހާޒިރުކުރާ ދުވަސް ފަސްކުރީ ކަމަށް ޖުޑީޝަރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވިދާޅުވި އެވެ.

ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެއީ ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ އިދާރާއަށް ވަތް މައްސަލާގަ އެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނެ އެވެ.

އެމައްސަލައިގެ ދައުވާތައް ޕީޖީއިން އަނބުރާ ގެންގޮސްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހު އެވެ.

ޖުޑިޝަރީ ކޮމިޓީ އިން މިހާރު ނިންމާފައި ވަނީ ޕީޖީ ބިޝާމް ކުރައްވާފައިވާ ބައެއް ދައުވާތަކާއި ގާނޫނާ ހިލާފު ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މިމަހުގެ 22ގައި ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ.

ކޮމިޓީއިން ސާފުކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި މެމްބަރުން ޖަލުގައި ހުންނެވި އިރު މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުކުރި މައްސަލަ އާއި އޭރުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަނބިކަނބަލުން ރަހީނު ކުރި މައްސަލަ ހިމެނެ އެވެ.

އޭގެ އިތުރުން ޕީޖީ ކޯޓުތަކުގައި ވަކާލާތު ކުރާ ބައެއް މައްސަލަތަކުގައި ކުއްލި ކުއްލިއަށް ސްޓޭންޑް ބަދަލުވާ މައްސަލަ ސާފު ކުރުމަށް ވެސް ޖުޑިޝަރީ ކޮމިޓީއިން ވަނީ ނިންމައިފަ އެވެ.

މަޖިލީހަށް ވަދެގެން ދައުލަތުން ދައުވާ ކުރި 12 މެމްބަރުންގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް އާއި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ.

އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސައިން އަރީފުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވެސް ހިމެނިވަޑައިގަންވަ އެވެ.

އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ހިމެނިވަޑައިގަންވަ އެވެ.

comment ކޮމެންޓް