ބީއެމްއެލްގެ ތުހުމަތުތައް ނީޒާ ދޮގުކުރައްވައިފި

ނީޒާ އިމާދު ---

އެމްއެމްޕީއާރުސީގެ އެންޑޯޒްޑް ޗެކުތަކެއް އެސްއޯއެފްއަށް ޖަމާވަމުން ދިޔަ ނަމަވެސް، އެ މުއާމަލާތްތައް ނުހިފެހެއްޓީ އެމްއެމްއޭގެ އޭރުގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދާއި އޭރު ފައިނޭންސަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ހެޑް އާތިފް ޝަކޫރުގެ ލަފާގެ މަތިން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފައިވަނިކޮށް އެ ވާހަކަތައް ނީޒާ ދޮގު ކުރައްވައިފި އެވެ.

ބީއެމްއެލް އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ދެއްކި ވާހަކަތަކަށް ރައްދުދެއްވައި މިރޭ ނީޒާ އޭނާގެ ޓްވިޓާގައި އާންމު ކުރެއްވި ކުރު ނޫސްބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާތަކެއް އެސްއޯއެފަށް ޖަމާވަމުންދިޔަ އިރު އެކަން ނުހުއްޓެވީ ނީޒާގެ ލަފާގެ މަތިން ކަމަށް ބީއެމްއެލް އިން މާލިއްޔަތު ކޮމެޓީގައި ބުނެފައި ވަނީ ހަގީގަތާ ހިލާފަށް ކަމަށެވެ.

އެފަދަ ކަމަކާ ގުޅިގެން ވަކިގޮތަކަށް އަމަލު ކުރުމަށް ބީއެމްއެލް އަށް އެއްވެސް ލަފާ އެއް ނުދެއްވާ ކަމަށް ނީޒާ ވިދާޅުވި އެވެ.

ނީޒާގެ ބަޔާނުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށް ވެސް މައުލޫމާތު ދިން ކަމަށާއި ސަރުކާރުގެ އެއްވެސް އިދާރާއަކުން މައުލޫމާތު ބޭނުން ނަމަ، އެ މައުލޫމާތެއް ހިއްސާ ކުރެއްވުމަށް މިހާރު ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުން އެ ބޭންކުގެ އިންޓަރިމް ރިސްކް އޮފިސާ ޔާމީން އާދަމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓް ހޯލްޑްކޮށް، އެފްއައިޔޫއަށް ނޮވެމްބަރު، 27، 2014ގައި އެކަން ރިޕޯޓް ކުރި ކަމަށެވެ. އެ އެކައުންޓް ހޯލްޑް ކުރީ މަނީލޯންޑްރިންއަށް ޝައްކުވާ މުއާމަލާތެއް ނޮވެމްބަރު، 25، 2014ގައި ހިންގާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ލަފާދެއްވީ އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށްގެންދިޔުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫ ވެސް ފަހުން ޗުއްޓީއިން އެނބުރިވަޑައިގެން ނީޒާގެ ލަފާ ތަކުރާރު ކުރެއްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ނީޒާ އާއި އާތިފް އެގޮތަށް ލަފާދެއްވީ ކޮން ޒަރިއްޔާއަކުން ކަމާއި އެކަމަށް އޮތް ހެއްކަކީ ކޮބައިތޯ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ފޯނުންނާއި ބީއެމްއެލް އާއި އެފްއައިޔޫއާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެބޭފުޅުން އެ ލަފާ ދެއްވި ކަމަށެވެ. އަދި އެކަން ބައްދަލުވުންތަކުގެ ޔައުމިއްޔާއިން ސާބިތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނީޒާ އިމާދު މިހާރު ހުންނަވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ނީޒާ ގަވަރުނަރަކަށް ހަމަޖެއްސުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވި ނަމަވެސް، އެ ނަން އަނބުރާ ގެނަ އެވެ. އެ މައްސަލައިގައި އޭނާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން، އެމްއެމްއޭއިން އިސްތިއުފާ ދެއްވި އެވެ.

comment ކޮމެންޓް