ބިދޭސީއަކު މަރާލި މައްސަލާގައި އަހަރުތަކެއް ފަހުން ބޮޑު ހުކުމެއް އިއްވައިފި

ކްރިމިނަލް ކޯޓު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މީގެ އަށް އަހަރުކުރިން ފުވައްމުލަކުގައި ބިދޭސީއަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު 20 އަހަރަށް ޖަލަށްލުމަށް އަދި ތިން ވަނަ މީހާ 17 އަހަރާއި ހަ މަސް ދުވަހަށް، ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ ކުރީ ބަންގުލަދޭޝްގެ ރައްޔިތުން ކަމަށްވާ ޝަރީފް އާއި އެމްޑީ ސަލާމްގެ އިތުރުން އަލާލް ކިޔާ މީހެއްގެ މައްޗަށެވެ.

ޝަރީފް އާއި އެމްޑީ ސަލާމްގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އަދި އަލާލްގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރީފުލް މަރާލާފައި ވަނީ ޖޫން 28، 2011 ވަނަ ދުވަހުގެ ރޭ 10:25 އެހައިކަންހާއިރު އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމްގައިވާގޮތުން ޝަރީފުލް މަރާލާފައި ވަނީ އެމީހުންގެ ތެރެއިން އަލާލް ފުވައްމުލަކުގައި ދިރިއުޅުނު ކޮޓަރިއަށް ގެންގޮސްގެން އެވެ. އެ ކޮޓަރިއަށް ޝަރީފުލް ގެންގޮސް އެމްޑީ ސަލާމް އާއި ޝަރީފް އާއި ދެ މީހުން ވެގެން، އޭނާގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލައި، މޭމަތީ ކަކުލުން ޖަހައި، ކަރުގައި ޔޫއެސްބީ ވާގަނޑެއް އައްސައި ނޭވާ ހާސްކޮށް، ތަޅުންމަތީގައި ބޯތަޅައި، ބޮލުގައި ހިފައި ބޯ އަނބުރައިގެން ކަރު ބިންދާލައިގެން އޭނާ މަރާލާފައިވާ ކަމަށް އެ ހުކުމްގައިވެ އެވެ.

ޝަރީފުލް މަރުވިތޯ ޔަގީންކުރަން ބުނުމުން ގައިގައި އަތްލައިގެން އަލާލް އެކަން ބެލި ކަމާއި، އޭނާގެ ހަށިގަނޑު އެއްލާލުމަށްޓަކައި އެމްޑީ ސަލާމްގެ ކޮނޑަށް ހަށިގަނޑު ލައިދީ، އެކަމުގައި އަލާލް އެހީތެރިވެދީފައިވާކަން އެ ތިން މީހުން ތަހުގީގަށް ދިން ބަޔާނުންނާއި އެމީހުން އެ ޖަރީމާ ހިންގިގޮތް ދެއްކުމަށް ފުލުހުންގެ ހާޒިރުގައި އެ ތިން މީހުން ތަމްސީލުކުރިއިރު ނަގާފައިވާ ވީޑިއޯ އާއި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ޑީއެންއޭ ތަހުލީލު ރިޕޯޓާއި ކްރައިމް ސީން އެގްޒެމިނޭޝަން ރިޕޯޓާއި މަރުވި މީހާގެ މެޑިކޯ ލީކަލް ރެކޯޑުން ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ޝަރީފުލްގެ ވާރިސުން ހޯދުމަށް ބަންގުލަދޭޝްގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ގިނަ އަހަރުތަކެއް ވަންދެން ކްރިމިނަލް ކޯޓުން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭނާގެ ވާރިސުން ހޯދޭ ގޮތެއް ނުވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ އެ ކޯޓަށް އަންގާފަ އެވެ. އެ މައްސަލަ ލަސްވީ އެ ސަބަބާ ހެދި އެވެ.

comment ކޮމެންޓް