އުތުރާއި ދެކުނުގައި އަޅާ ބަނދަރަށް ލަފާދޭނެ ފަރާތެއް ހޯދަން އިތުރު މުއްދަތު

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅާ ވިޔަފާރި ބަނދަރުތައް ގާއިމް ކުރުމުގެ މަސަައްކަތުގައި ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ބަނދަރު ގާއިމް ކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ކޮންސަލްޓެންސީ ފާމެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެ މިނިސްޓްރީ އިން ކުރި އިއުލާނުގައި ވާގޮތުން އެ މަޝްރޫއަށް ކޮންސަލްޓެންޓެންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 21 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 18 އަށް އިތުރުކޮށްފައެވެ.

މި މަސައްކަތުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރަން ނިންމާފައިވާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމް ކުރުމަށް، ސްކޯޕިންގެ މަސައްކަތާއި ފީސިބިލިޓީ އެނެލިސިސް ހަދައި ޕްރޮޖެކްޓު އެކުލަވަލުމާއި ޓްރާންސެކްޝަން އެޑްވައިޒަރީގެ މަސައްކަތް ކުރުމެވެ.

އުލާނުގައި ބުނީ ސަރުކާރުން ހިތްވަރުދެނީ ބައިނަލްއަގުވާމީ ފާމްތަކުން ޕްރޮޕޯޒަލް ހުށަހަޅާއިރު ދިވެހި ފާމްތަކުގެ ބައިވެރިވުމާއެކު ޕްރޮޕޯޒަލް ހުށަހެޅުމަށް ކަމަށެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު އެކަމަށްވެސް ރިއާޔަތްކުރާނެ ކަމަށް ފިނޭންސްގެ އިއުލާނުގައި ބުންޏެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމް ކުރަން ނިންމާފައިވާއިރު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ މަޝްރޫއު އަދި ފަށައިފައެއް ނުވެއެވެ.

މިހާރުވެސް ކުޅުދުއްފުއްޓާއި އައްޑޫގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމްކޮށްފައިވެ އެވެ.

comment ކޮމެންޓް