"ފިނިފެންމާ" ގޮއްވާލުމުގެ ކުރިން ހިޔާނާތް ބަލަން ހުރަސް އެޅުނު: މުއައްވިޒު

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މުއައްވިޒު ވާހަކަ ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ރިޔާސީ ލޯންޗްކޮޅު، "ފިނިފެންމާ" ގޮއްވާލުމުގެ ކުރިން އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތް ބެލުމަށް ގޮންޖެހުންތައް އައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް، މުއައްވިޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއަރުސީގެ ހިޔާނާތުގެ ތަހުގީގު ފެށީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ ހަތަރު މަސް ކުރިން މެއި، 2014 ގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ސަރުކާރުގެ އިސްވެރިންތަކެއް ރިޔާސީ ލޯންޗުގައި ތިއްބާ އެ ލޯންޗު ގޮއްވާލީ، ސެޕްޓެމްބަރު، 28، 2015 ގައެވެ. ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި ބޮން ތައްޔާރުކުރި މީހާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ އެ ބޮން ތައްޔާރުކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގާ ގުޅޭގޮތުން ސުވާލުކުރުމަށް މިއަދު މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން އޭސީސީގެ ރައީސް، މުއަވިއްޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ރަށްތައް ވިއްކާލައިގެން ލިބުނު ފައިސާތަކުގެ ތަކުގެ ތަހުގީގު ރަނގަޅަށް ހިނގަން ފެށީ ރިޔާސީ ލޯންޗު ކޮޅު ގޮއްވާލި ހިސާބުން ކަމަށެވެ.

"2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސިޔާސީ މަސްރަހަށް އައި ބަދަލާއެކު އަޅުގަނޑުމެންނަށްވެސް ފާހަގަ ކުރެވުނު ބައެއް ތަހުގީގުތަކަށް އެއްބާރުލުންތައް ލިބިގެން ދިޔަ ކަން،"

ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުން ހިޔާނާތުގެ ތަހުގީގު ބާރަށް ކުރިއަށް ދިޔަ ކަމަށް ބުނެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއައްވިޒު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މުއައްވިޒު ވިދާޅުވީ ހުރިހާ މައްސަލައެއްގައި ތަހުގީގަށް ގޮންޖެހުމެއް ނާންނަ ކަމަށާއި ނަމަވެސް ބޮޑެތި މައްސަލަތަކުގައި ތަހުގީގު ކުރުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.

"ބޮޑެތި މައްސަލަތަކުގައި ތަހުގީގު ފެށުމުން، ބައެއް ކަހަލަ މައުލޫމަތު [އިދާރާތަކުން] ދިނުން ލަސްކުރުމާއި މައުލޫމަތު ނެތް ކަމަށް ބުނުމާއި ކޮންމެވެސް ކަހަލަ ސަބަބެއް ދައްކައި [މައުލޫމަތު ނުދިނުން]. މިކަންތައްތައް ބޮޑެތި ހުރިހާ މައްސަލަތަކުގައި ވެސް ދިމާވި [ލޯމްޗުގައި ބޮންގޮއްވުމުގެ ކުރިން]" މުއައްވިޒު ވިދާޅުވިއެވެ.

ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ ކުރިން އޭސީސީގެ ތަހުގީގުތަކަށް "މަތީ ފަރާތްތަކުގެ ނުފޫޒު ވަދެފައިވާ ކަން" މާނަ ކުރެވިދާނެތޯ މުއައްވިޒު ކުރެން ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް އެއްސެއްވުމުން މުއައްވިޒު އެކަމަށް އިންކާރެއް ނުކުރައްވައެެވެ.

އަސުރު ނަމާދަށް ކޮމިޓީގެ ބައްދަލުވުން މެދުކަނޑާލުމަށްފަހު، ކޮމިޓީ ފެށީ ނޫސްވެރިން ނުވައްދާ ސިއްރުކޮށްގެންނެވެ.

comment ކޮމެންޓް