މާފަރު އެއާޕޯޓު ބޮޑުކުރަން ހަދަންޖެހޭ އީއައިއޭ ނިމިއްޖެ

މާފަރު އެއާޕޯޓު -- ސަން ފޮޓޯ

ނ. މާފަރުގައި ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ހަދަންޖެހޭ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ހަދައި ނިމިއްޖެ އެވެ.

މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ މިއަދު "ސަން"އަށް ވިދާޅުވީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ހަދަންޖެހޭ އީއައިއޭ ހަދާ ނިމިފައިވާ ކަމަށެވެ.

މާފަރު އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ. އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި މަނަދޫ ދާއިރާ އަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން ބޭނުންވާ ކަމަށެވެ.

"މިއަދު އެ އެއާޕޯޓު ތަރައްގީކުރާ ފަރާތުން ބޭނުންވަނީ މިހާރަށްވުރެ އެއާޕޯޓު ބޮޑުކުރަން. އެނގިވަޑައިގަންނަވާނެ މިހާރު އެއާޕޯޓުގެ ދިގުމިނަކީ 2،200 މީޓަރު. އަދި އެބަ ބޭނުންވޭ އެބޭފުޅުން 1،000 އިތުރުކޮށް އެތަނަށް އޭ380، ދުނިޔޭގައި އޮތް އެންމެ ބޮޑެތި މަތިންދާ ބޯޓުފަހަރު ޖެއްސޭވަރުގެ އެއާޕޯޓަކަށް އެތަން ބަދަލުކުރަން. އަޅުގަނޑުމެން މިތިބީ އެކަން ކުރަން ތައްޔާރަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އެދުވަހު ވަނީ އެކަން ކުރުމަށް އެރަށުގެ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

"އެއާޕޯޓާ ކައިރީގައި ހުރި ބައެއް ގެތައް އެބަޖެހޭ ނަގަން. މަދު ގެތަކެއް. އެކަމަކު އަޅުގަނޑުމެން އެކަން ކުރަން މި ނިންމަނީ ރަނގަޅު ބަދަލު ދީފައި. އެހެންވީމަ މާފަރުގެ ރައްޔިތުން ކޮށްދޭންވީ ކަމަކީ، މި އެއާޕޯޓު ބަދަލުކޮށް ރާއްޖޭގައި އޮތް އެންމެ ބޮޑު އެއާޕޯޓަށް ހެދުމަށްޓަކާ ކުރަންވީ ކަންތައް ކޮށް ނިންމައިދިނުން،"

ރައީސް ވިދާޅުވީ މާފަރު އެއާޕޯޓު ވެގެންދާނީ ރާއްޖޭގައި ތަރައްގީކުރެވޭ އެންމެ މި ޒަމާނުގެ، އެންމެ ބޮޑު އެއާޕޯޓަށް ކަމަށެވެ.

މާފަރު ކައުންސިލްގެ ރައީސް ވިދާޅުވީ އެއާޕޯޓު ބޮޑުކުރުމަށް 40 ވަރަކަށް ގެ ނަގަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ މަސައްކަތް އަދި ރަސްމީކޮށް ނުފެށޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓާ ގުޅޭގޮތުން ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ އިއްޔެ ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މިއަހަރުގެ ޖުލައި މަހު ފެށޭނެކަމަށް ނަހުލާ މީގެ ކުރިން ވިދާޅުވި ނަމަވެސް އިއްޔެ މިނިސްޓަރު ވިދާޅުވީ މާފަރު އެއާޕޯޯޓަށް ދަތުރުތައް ފެށޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

comment ކޮމެންޓް