ހަރަމައިންއިން އިތުރަށް ފައިސާ ނަގާތީ ފުލުހުން ހައްޖާޖީންގެ ބަޔާން ނަގައިފި

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު މީހުން ހައްޖަށް ގެންދިއުމުގައި "އަލް ހަރަމައިން" ހައްޖު ޖަމާއަތުން ހައްޖާޖީންގެ އަތުން އިތުރަށް ފައިސާ ނަގަަމުންދާކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހަރަމައިންއަށް ހުއްދަ ދީފައިވަނީ 69،965 ރުފިޔާއަށެވެ. އެހެން ނަމަވެސް އެއަށްވުރެ އިތުރަށް ފައިސާ ނަގާކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި އެކަމާ ގުޅޭ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައިވަނީ އާންމުވެފައިވެ އެވެ.

އެގޮތުން ހަރަމައިންއިން ހައްޖަށް ދިއުމަށް ފައިސާ ދެއްކި ބައެއް މީހުން "ސަން" އަށް ބުނީ ހައްޖަށް ގެންގޮސްދޭން ޖާގަ ހޯދައިދިނުމަށް ބައެއް މީހުންގެ އަތުން ލައްކައެއްހާ ރުފިޔާވެސް ނަަގައިފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ އެ މައްސަލައިގައި ހަރަމައިންގެ ބައެއް މީހުންނާއި އެކަމާ ގުޅޭ އެހެން މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މިހާރު ބަޔާން ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. ނަަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގައި ހަަރަމައިންއިން އިތުރަށް ފައިސާ ނަގާކަމަށް ބުނެ އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މައްސަލައިގައި އަލްހަރަމައިން ގްރޫޕުގެ އިސްވެރިން އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފަ އެވެ.

comment ކޮމެންޓް