ބޮޑު ހިޔާނާތުގެ މުއާމަލާތްތައް ބޭންކުން ނުހުއްޓުވީ ނީޒާ އާއި އާތިފްގެ ލަފަޔަށް

ނީޒާ އިމާދު އާއި އާތިފް ޝަކޫރު.

އެމްއެމްޕީއާރުސީގެ އެންޑޯޒްޑް ޗެކުތަކެއް އެސްއޯއެފްއަށް ޖަމާވަމުން ދިޔަ ނަމަވެސް، އެ މުއާމަލާތްތައް ނުހިފެހެއްޓީ އެމްއެމްއޭގެ އޭރުގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދާއި އޭރު ފައިނޭންސަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ހެޑް އާތިފް ޝަކޫރުގެ ލަފާގެ މަތިން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުން އެ ބޭންކުގެ އިންޓަރިމް ރިސްކް އޮފިސާ ޔާމީން އާދަމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓް ހޯލްޑްކޮށް، އެފްއައިޔޫއަށް ނޮވެމްބަރު، 27، 2014 ގައި އެކަން ރިޕޯޓް ކުރި ކަމަށެވެ. އެ އެކައުންޓް ހޯލްޑް ކުރީ މަނީލޯންޑްރިންއަށް ޝައްކުވާ މުއާމަލާތެއް ނޮވެމްބަރު، 25، 2014 ގައި ހިންގާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ލަފާދެއްވީ އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫވެސް ފަހުން ޗުއްޓީއިން އެނބުރިވަޑައިގަތް ނީޒާގެ ލަފާ ތަކުރާރު ކުރެއްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"މުއާމަލާތް ކުރިއަށް ގެންދެވިދާނެ ކަމާއި [އެސްއޯއެފް] އެކައުންޓް ހޯލްޑްއެއް ނުކުރެވޭނެ ކަމަށް، އިތުރު މުއާމަލާތްތަކަށް އެކައުންޓް އިންއެކްޓިވޭޓްކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ނީޒާ އިމާދުގެ ފަރާތުންވެސް އަދި އާތިފް ޝަކޫރުގެ ފަރާތުންވެސް އެއް އިންސްޓްރަކްޝަން އައި،" ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން މެންބަރުން ސުވާލުކުރެއްވީ، ނީޒާ އާއި އާތިފް އެގޮތަށް ލަފާދެއްވީ ކޮން ޒަރިއްޔާއަކުން ކަމާއި އެކަމަށް އޮތް ހެއްކަކީ ކޮބައިތޯ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ފޯނުންނާއި ބީއެމްއެލް އާއި އެފްއައިޔޫއާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެބޭފުޅުން އެ ލަފާ ދެއްވި ކަމަށެވެ. އަދި އެކަން ބައްދަލުވުންތަކުގެ ޔައުމިއްޔާއިން ސާބިތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނީޒާ އިމާދު މިހާރު ހުންނަވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ނީޒާ ގަވަރުނަރަކަށް ހަމަޖެއްސުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވި ނަމަވެސް، އެ ނަން އަނބުރާ ގެނަ އެވެ. އެ މައްސަލައިގައި އޭނާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން، އެމްއެމްއޭއިން އިސްތިއުފާ ދެއްވި އެވެ.

ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ކޮމިޓީގައި ވިދާޅުވީ އެމްއެމްޕިއާރުސީ އާއި އެސްއޯއެފްގެ އެކައުންޓާ ދެމެދު މުއާމަލާތްތައް ބޭންކުން ހިންގާފައި ވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެކަމުގައި ބޭންކާއި ބޭންކްގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ޝަރީފް އެގޮތަށް ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާ ގުޅިގެން ބީއެމްއެލްގެ 38 މުވައްޒަފަކަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހުންނާއި އޭސީސީއިން އަންނަނީ ތަހުގީގު ކުރަމުން އެެވެ.

އެހެން ނަމަވެސް، ޝަރީފް ވިދާޅުވީ ބޭންކުގެ މުވައްޒަފުންނާ މެދު އެފަދަ ތުހުމަތުތަކެއް ކުރެވުމަކީ ބޭންކާ މެދު އޮންނަ އިތުބާރަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްއަށް ކުރެވޭ ތުހުމަތުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ނިންމައި، އޭގެ ހަގީގަތް އޮޅުން ފިލުވައި ދިނުމަށް މުއައްސަސާތަކަށް އޭނާ ގޮވާލެއްވި އެވެ.

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.

comment ކޮމެންޓް