އައިއޯއައިޖީއަށް ޒުވާން ޓީމެއް: ކޯޗުގެ އުންމީދު ނުހަނު ބޮޑު

އައިއޯއައިޖީގައި ވާދަ ކުރާ ޒުވާން ގައުމީ ފުޓުބޯޅަ ސްކޮޑު މޮރިޝަސްއަށް ފުރުމުގެ ކުރިން --- ފޮޓޯ// އެފްއޭއެމް

މިފަހަރުގެ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގައި ވާދަކުރާ ގައުމީ ފުޓުބޯޅަ ޓީމު ރޭ މޮރިޝަސްއަށް ފުރައިފި އެވެ. ނަމަވެސް ޓީމު ދަތުރު ކުރީ ތަޖުރިބާ އެއްކައިރިކޮށް ހުނަރުން ފުރިފައިވާ ޒުވާން ޓީމަކާ އެކު ކަމަށް ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވަނީ ބުނެފަ އެވެ.

ވޭތުވެ ދިޔަ އަހަރު އޮތް ސާފު ޗެމްޕިއަންޝިޕު ދިހަ އަހަރަށް ފަހު އަލުން އަނބުރާ ރާއްޖެއިން އުފުލާލި އިރު ޓީމުގައި ހިމެނުނެ ތަޖުރިބާކާރު ބައެއް ކުޅުންތެރިން ބައިތިއްބައި، ޒުވާން ކުޅުންތެރިންތަކަކަށް މިފަހަރުގެ ސީނިއާ ސްކޮޑުން ފުރުސަތު ދިނީ އެ ކުޅުންތެރިން އިތުރަށް ތަރައްގީކޮށް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ތަޖުރިބާ ހޯދުމަށް ކަމަށް ސެގާޓް ބުންޏެވެއެވެ.

އައިއޯއައިޖީގައި ވާދަ ކުރާ ޒުވާން ގައުމީ ފުޓުބޯޅަ ސްކޮޑު މޮރިޝަސްއަށް ފުރުމުގެ ކުރިން --- ފޮޓޯ// އެފްއޭއެމް

"ފުޓުބޯޅައިގެ މުސްތަގުބަލް" ކަމުގައިވާ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް މީގެ ކުރިން ދިމާވާ އެންމެ ބޮޑު އެއް ކަމަކީ ޖާގަ ނުލިބުމުގެ މައްސަލަ އެވެ. ނަމަވެސް ރާއްޖެގެ ގައުމީ ފުޓުބޯޅަ ޓީމާ ސެގާޓް ހަވާލުވި ހަމައިން އޭނާ ވަނީ އެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ފުރަތަމަ ދުވަސްވަރު ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެ ސޯޝަލް މީޑިއާގައި އޭނާ ކޯޗުކަމުން ވަކިކުރުމަށް ކެމްޕޭނެއް ވެސް ބަޔަކު ޖެއްސި އެވެ.

ނަމަވެސް ބުނި ބަހުގައި ހިފަހައްޓައި ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ގޮސް މިދިޔަ އަހަރުގެ ސާފު ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެ ހޯދުމުން ސެގާޓް ދެއްކި ވާހަކަތައް ގިނަ ބަޔަކަށް ރަނގަޅަށް ފަހުމްވި އެވެ. ނަތީޖާ އަކަށްވީ ޒުވާން ކުޅުންތެރިންނަށް އިތުރު ހިއްވަރެއް ލިބުމެވެ. ގައުމީ ޓީމުން ޖާގަ ހޯދުމަކީ ނުވާނެ ކަމެއް ކަމުގައި ދެކެމުން އައި ކުޅުންތެރިންނަށް އެ ހިޔާލު ދޫކޮށް އުންމީދެއްގައި ހުރުމުގެ އުފާވެރިކަން ލިބުމެވެ.

މިފަހަރުގެ އައިއޯއައިޖީގައި ވާދަކުރަން އެކުލަވާލި ސްކޮޑުގައި ހިމެނެނީ ތަޖުރިބާގެ ގޮތުން ބަލައި ނަމަ ގައުމީ ޓީމަށް ގިނަ ދުވަހު ކުޅެފައިވާ އެންމެ ދެ ކުޅުންތެރިންނެވެ. ޓީމުގެ ކެޕްޓަންގެ މަގާމުގައި ހުރި ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ޓީމުގެ ނުހިމަނާ ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި އަލީ ފާސިރު (ސެންޓޭ)ގެ ތަޖުރިބާއާ އެކު ދެން ޓީމުގައި މުޅިން ވެސް ތިބީ "ނޫކަށި" ޒުވާން ޓީމެކެވެ.

"މި މުބާރާތަށް މި ގެންދަނީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންތަކެއް. ހުރިހާ ގޮތަކުން ވެސް ތަފާތު ޓީމެއް މިފަހަރުގެ ޓީމަކީ. މި ކުޅުންތެރިންގެ ކުޅުން ބަލާލަން ބޭނުން،" ގައުމީ ކޯޗު ސެގާޓް ބުންޏެވެ.

އައިއޯއައިޖީގައި ވާދަ ކުރާ ޒުވާން ގައުމީ ފުޓުބޮޅަ ސްކޮޑު މޮރިޝަސްއަށް ފުރުމުގެ ކުރިން --- ފޮޓޯ// އެފްއޭއެމް

ކޯޗު ބުނީ މި މުބާރާތަކީ ކުޅުންތެރިންގެ ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މި ޓީމާ މެދު އުންމީދު އެބައޮތް ކަމަށެވެ. އަދި ޓީމެއްގެ ކާމިޔާބީގެ ފަހަތުގައި ހަމައެކަނި ތަޖުރިބާ އޮތުން މުހިއްމު ނޫން ކަމަށާއި މީގެ ކުރިން ވެސް އެކަން ސާބިތުކޮށްދީފައި ވާނެ ކަމަށެވެ.

އައިއޯއައިޖީގެ ސްކޮޑުގައި ހިމެނި ސީނިއާ ޓީމުން މުޅިން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންނަށް ބަލާއިރު އީގަލްސްގެ ހައިޝަމް ހަސަން، ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް އައިސަމް އަދި ށ. ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) އެވެ. އަދި ސްކޮޑުން ފުރުސަތު ދިން އެހެން ކުޅުންތެރިންނަށް ބަލާއިރު މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ބާކީވި އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) ހިމެނެ އެވެ.

"މިފަހަރުގެ މުބާރާތުން ސީނިއާ ބައެއް ކުޅުންތެރިންނަށް ފުރުސަތު ނުލިބުނު ނަމަވެސް އަންނަ ސެޕްޓެމްބަރު މަހު ފަށާ ވޯލްޑް ކަޕް ކޮލިފައިންގައި މިފަހަރުގެ ސްކޮޑުން ބާކީކުރި ތަޖުރިބާކާރު ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ." ސެގާޓްގެ ވާހަކައިގައި ބުންޏެވެ.

އައިއޯއައިޖީގެ ފެށުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު އޮތް ނަމަވެސް ބުރާސްފަތި ދުވަހު ފުޓުބޯޅައިގެ އިވެންޓު ފަށާނެ އެވެ. މިފަހަރުގެ އިވެންޓުގައި ހަތް ގައުމަކުން ވާދަ ކުރާ އިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ރީޔޫނިއަންއާ ދެކޮޅަށެވެ.

comment ކޮމެންޓް