ފްލައިޓްތައް ކެންސަލް ވުމުން ސިޓީގެ ކުޅުންތެރިން ތާށިވެފައި

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ފްލައިޓްއަށް އަރަން ދާ މަންޒަރު --- ފޮޓޯ// ރަޔާން ބެންސަން

ވޭތުވެ ދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފްލައިޓުތައް ކެންސަލް ވުމުން އެ ޓީމުގެ ކުޅުންތެރިން ދެ ދުވަސް ވަންދެން ޕްރި ސީޒަނަށް ނުގޮސް ތާށި ވެފައި ތިބި ކަމަށް އެކުލަބުން ބުނެފި އެވެ.

ސީޒަން ބްރޭކަށް ފަހު ޔޫރޮޕުގެ ކުލަބުތަކުގެ ޕްރި ސީޒަން މިހާރު ފަށާފައިވާ އިރު ސިޓީއިން ޕްރި ސީޒަނުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ އޭޝިޔާ ޓުއާއެއްގެ ތެރެއިންނެވެ. އެގޮތުން އެ ޓީމުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ހުރިހާ ކުޅުންތެރިންނާ އެކު ޗައިނާއަށް ގޮސް އާދީއްތަ ދުވަހު ތަމްރީނުތައް ހަދަން ތައްޔާރުވެފަ އެވެ. ނަމަވެސް ފަހު ވަގުތު ޓީމު ދަތުރު ކުރާ ފްލައިޓުތައް ވަނީ އިދާރީ މައްސަލަތަކަކާ ގުޅިގެން ކެންސަލް ވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ސިޓީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލައިޓުތައް ކެންސަލް ވުމަކީ އެ ކުލަބުގެ ދަތުރުފަތުރުގެ ޕާޓްނާގެ އިދާރީ މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެ ދުވަހުގެ ޕްރި ސީޒަން ފަރިތަކުރުންތައް ވެސް ކެންސަލް ކުރަން ޖެހުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ކުލަބުގެ ޓްރެވެލިންގް ޕާޓްނާއަށް ދިމާވި އިދާރީ މައްސަލައެއްގެ ސަބަބުން ދެ ދުވަހު ވެސް ވަނީ ފްލައިޓުތައް ކެންސަލް ވެފައި. ނަމަވެސް މިއަދުގެ ވަގުތެއްގައި ޓީމު އެއްކޮށް ޗައިނާއަށް ދަތުރު ކުރާނެ." ސިޓީގެ ބަޔާނުގައިވެ އެވެ.

ސިޓީއިން ޗައިނާއަށް ގޮސް ކުޅޭ ފުރަތަމަ މެޗުގައި މާދަން ރޭ ބައްދަލު ކުރާނީ ވެސްޓްހާމްއާ އެވެ. އެއަށްފަހު އެ ގައުމުގެ އިތުރު ދެ ކުލަބަކާ އެކު ރަހުމަތްތެރި ކަމުގެ މެޗެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މެންޗެސްޓާ ސިޓީއިން އޭޝިޔާ ޓުއާ ނިންމުމަށްފަހު އެނބުރި އިނގިރޭސި ވިިލާތަށް ދިއުމަށް ހަމަޖެހިފައި ވަނީ ޖަޕާންގެ ސީޒަން ހުޅުވާ މެޗު މި މަހުގެ 27 ވަނަ ދުވަހު ކުޅުމަށްފަހު އެވެ.

comment ކޮމެންޓް