މާލިއްޔަތާ ގުޅޭ ބިލުތައް ހުރިހާ މެމްބަރުންނަށް ހުށަހެޅޭތީ މަޖިލިސް ކަންބޮޑުވެއްޖެ

-- ފައިލް ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތްނުވާ މެމްބަރުންނަށްވެސް ދައުލަތުގެ މާލިއްޔާއާ ގުޅޭ ބިލުތަކާއި އިސްލާހުތައް ހުށަހެޅޭތީ މަޖިލީހުގެ ރިޔާސަތާއި، ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ، ޕެންޝަނުގެ ގޮތުގައި މުސްކުޅިންނަށް މިހާރު ދޭ ފައިސާ 10،000 ރުފިޔާއަށް ބޮޑުކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ޖާބިރަކީ އެމްޑީޕީގެ މެމްބަރެއް ނަމަވެސް އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ އަމިއްލަ ގޮތުން ކުރިމަތިލައްވައިގެންނެވެ.

ޖާބިރު އެ އިސްލާހު މަޖިލީހަށް ތައާރަފުކުރައްވަމުން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދޭ 5،000 ރުފިޔާއިން "މިހާރު ނުވާނެ" ކަމަށެވެ.

"ޚަރަދުތަކެއް ހިނގާނެ އަބަދުވެސް. ރާއްޖޭގެ ގާނޫނުތަކަށް ބަދަލުތައް ގެންނަންޖެހޭނެ. މުސާރަ ބޮޑުވަމުން ދަނީ. ޚަރަދުތައް އިތުރުވާ ނަމަ ލިބެންޖެހޭ ގޮތްތަކެއްވެސް އޮންނަންވާނެ. މި 5،000 ރުފިޔާއިން 10،000 ރުފިޔާއަށް ބަދަލުކުރުމުގެ ކެޕޭސިޓީ ސަރުކާރުގެ ހުންނާނެ،" ޖާބިރު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ޖާބިރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުން އުޅެނީ ހަމައެކަނި އޭނާގެ ދާއިރާގައި ނޫން ކަމަށެވެ.

މި އިސްލާހަށް ބަހުސަށް ހުޅުވާލުމުގެ ކުރިން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖާބިރު ހުށަހެޅުއްވި އިސްލާހަކީ މާލިއްޔަތާ ގުޅޭ ބިލެއްކަން މެމްބަރުންނަށް އެނގިވަޑައިގަންނަވަން ވާނެ ކަމަށެވެ.

މީގެ ކުރިންވެސް ދައުލަތުގެ އާމްދަނީއާއި މާލިއްޔާއާ ގުޅޭ ބިލުތައް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ސަރުކާރުގެ މެމްބަރުންނަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިމުމަކާ، ގާތްވެފައި ވަނިކޮށް މި އަހަރުގެ މާޗު މަހު އެ މަޖިލީހުން ވަނީ ހުރިހާ މެމްބަރުންނަށްވެސް މާލިއްޔަތާ ގުޅޭ އިސްލާހުތަކާއި ބިލުތައް ހުށަހެޅޭ ގޮތް ހަދާފަ އެވެ.

"ކާށިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަކީ، އެނގިވަޑައިގަންނަވާނެ، މާލިއްޔަތާ ގުޅޭ ބިލެއްކަން، މަޖިލީހުގެ ހިންގާ ގަވައިދު ހިމޭން މިކަމާ ގުޅޭގޮތުން. މާލިއްޔަތަށް އަސަރުކުރާ ގޮތަށް ބިލު ހުށަހެޅުމާ ގުޅޭގޮޮތުން ހިންގާ ގަވައިދު ހިމޭން،" މަޖިލީހުގެ ގަވައިދު މިހާރު އޮތް ގޮތާމެދު ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވަނީ، ދައުލަތުގެ ބަޖެޓު ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލާޒިމު ކަމެއް ކަމަށާއި ދައުލަތުގެ އެންމެހާ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާކަން ގާނޫނު އަސާސީން އެނގޭ ކަމަށެވެ.

އެހެން ނަމަވެސް ޖާބިރު ހުށަހެޅުއްވި ބިލު މަޖިލީހަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމުގެ އިހުތިޔާރެއް މިވަގުތު އެމަނިކުފާނަށް ނެތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މިހާރު އަޅުގަނޑަށް މިކަމާ ގުޅޭގޮތުން ކަންކަން ސާފުވާ މިންވަރަށް ބަލާއިރު އަޅުގަނޑުމެންގެ ގަވައިދުތަކާއި ގާނޫނު އަސާސީއާއި އެހެންވެސް އުސޫލުތަކުގެ މައްޗަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުށަހަޅުއްވާ ބިލެއް މި ތަޅުމަށް ގެންނަންޖެހޭ. އަޅުގަނޑުގެ އިހުތިޔާރެއް ބާރެއް ނެތް މި ބިލަކީ މިވެނި ބާވަތެއްގެ ބިލެކޭ ދަންނަވައި، ބިލު މިތަނަށް ނުގަނައުމަށް،" ނަޝީދު ވިދާޅުވިއެވެ.

"ތިޔަ މެމްބަރުން ހަގީގަތުގައި ނިންމަވާނީ މި ބިލު ކުރިއަށް ގެންދަންވީ ގޮތަކާއި ގުޅޭގޮތުން. އަޅުގަނޑެއް ނޫން. އަޅުގަނޑު ފާހަގަކޮށް މި ދިނީ މާލިއްޔަތާއި ދައުލަތުގެ ބަޖެޓާ މި ބިލު ގުޅޭކަން،"

އިބްރާހިމް ޝަރީފް --- ފައިލް ފޮޓޯ/ މަޖިލިސް

ޖާބިރުގެ އިސްލާހަށް ބަހުސްކުރެއްވި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވާހަކަދެއްކެވީ އެ ބިލާ ދެކޮޅަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާ އާންމުކޮށް ބަހުގެ ހަމަލާތައް ރައްދުކުރައްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ އެ ބިލަކީ ފައިސާއާ ގުޅޭ ބިލެއް ކަމުން، ދައުލަތުގެ ފަރާތުން ނޫން ގޮތަކަށް އެފަދަ ބިލެއް ހުށަނޭޅޭނެ ކަމަށެވެ.

"ބަޖެޓެއް ފާސްކޮށްފައި އަހަރު މެދުތެރެއިން މި ބިލެއް ހުށަހނޭޅޭނެ. އަޅުގަނޑު މިި ހުށަހަޅަނީ މި ވަގުތުން ވަގުތަށް މި ހިނދުން މި ބިލު މަޖިލީހުން ބޭރުކުރަން. މިއީ ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ގަވައިދު ލިޔާ އިރުގައިވެސް މި ވާހަކަ ލިޔެފައި އޮންނާނީ. ލިޔާނަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ މެމްބަރަކަށްވެސް އިޝްތިހާރުވުމަށާއި މަޖިލީހުގެ ތަޅުމުގައި ވަގުތު ހޯދުމަށް އެކި ނަން ނަމުގައި ބިލު ހުށަހެޅިދާނެކަމަށާއި ނަމަވެސް ދިވެހި ދައުލަތް އަދިވެސް ހިންގަނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުކޮށް ކަމަށެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މިއީ މަޖިލީހަށް ހުށަހަޅައިގެން ބަހުސް ކުރަންޖެހޭކަމެއްވެސް ނޫން ކަމަށެވެ. އަދި ޖާބިރަކީ ރާއްޖޭގެ ހާލަތު ރަނގަޅަށް އެނގިވަޑައިގަންނަވާ، އަދި "މިއަށްވުރެ ވިސްނުން ތަނަވަސް ބޭފުޅެއް" ކަމަށާއި ދައުލަތުގެ ބަޖެޓު ހުންނަންޖެހޭ މިންވަރުވެސް ޖާބިރަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ދަރަންޏަށާއި ހަރަދަށް ޒިންމާވާ ގާނޫނެއް އެބަ އޮތް. އެ ގާނޫނު ފަހަނަ އަޅާދާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ޚަރަދެއް ނުކުރެވޭނެ،" މެމްބަރު ބޮންޑޭ ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މި ހިނގާ ޖުލައި މަހުގެ ތެރޭގަިއވެސް ދައުލަތުގެ ބަޖެޓުން ޕެންޝަނަށް 105 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށާއި، ނަމަވެސް ދައުލަތަށް ޕެންޝަނުން އާމްދަނީއެއްގެ ގޮތުގައި ލބިޭނީ އެންމެ 90 މިލިއަން ރުފިޔާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް

"ކިހިނެއްތޯ ދެކޮޅު ޖެހޭނީ. އަޅުގަނޑުމެން ވިސްނަންޖެހޭ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް އޯލްޑް އޭޖް ޕެންޝަނެއް ލިބޭނެ ގޮތަށް މި ބައްޓަންކޮށް، ރައްކާތެރިކުރަން،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅަން ބޭނުން ނަމަ ކޮންމެ މެމްބަރަކުވެސް ހިސާބު ޖަހައި، އިންފްލޭޝަނާއި އާމްދަނީއަށް ބަލަންޖެހޭ ކަމަށެވެ.

"ލޯ މަރާލާފައި ހަމަ އަދަދެއް ޖަހައިގެން ގެނައުމަކީ ދައުލަތުގެ މާލިއްޔާ ފުނޑާލުން ކަހަލަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް