ސީލައިފްއަށް ފައިސާ ދެއްކި މީހުންނަށް އެޗްޑީސީއިން ބަދަލުދޭން އެއްބަސްވެއްޖެ

ސީލައިފްއަށް ފައިސާ ދެއްކި ފަރާތްތަކުން އިންސާފު ހޯދުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން --

ސީލައިފް ގްލޯބަލްއިން ފުލެޓް ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެޗްޑީސީގެ ފަރާތުން ރިފަންޑް ދިނުމަށް އެއްބަސްވެ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފި އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި، ސީލައިފްއަށް ދައްކާފައި ހުރި ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކާއި އެޗްޑީސީއާ އެކު އިއްޔެ ވަނީ، އެ ފައިސާ އެ ފަރާތްތަކަށް ދިނުމަށް ކޯޓް މެދުވެރިކޮށް ސެޓުލްމަންޓް އެގްރިމަންޓްގައި ސޮއިކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ އެގްރިމަންޓްގެ ދަށުން އެއްބަސްވެފައި ވަނީ، ސީލައިފް އިން އެޗްޑީސީއަށް ދައްކާފައި ހުރި ފައިސާގެ ތެރެއިން، ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކަށް ރިފަންޑް ދައްކާ އެކީ ހަލާސްކުރުމަށެވެ.

އެހެން ކަމުން، ސީލައިފްއިން އަނބުރާ ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމުގެ ޒިންމާ ދެން ނަގާނީ އެޗްޑީސީއިން އެވެ.

މީގެ އިތުރުން ސީލައިފުން ފުލެޓް ގަންނަން ފައިސާ ދީ ގެއްލުމާ ކުރިމަތިވި ފަރާތްތަކަށް، ހައުސިންގެ ސުކީމެއްގެ ދަށުން ފުލެޓް ގަތުމަށް މަގުފަހިކޮށް ދިނުމަށް އެއްބަސްވި ކަމަށް ވެސް އެނގިފައިވެ އެވެ.

އެ އެގްރިމަންޓަށް އަމަލު ކުރުމަށް ސިވިލް ކޯޓްގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި އެއްބަސްވެ، ދެ ފަރާތުން ސޮއިކުރުމުން ސީލައިފުން ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ދައުވާތައް އިއްޔެ ވަނީ ކޯޓުން ބޭރުކޮށް، އެގްރިމަންޓަށް އަމަލުކުރަން ހުކުމްކޮށްފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ސުހެއިލް އަހުމަދު ރޭ "ސަން"އަށް ވިދާޅުވީ ސީލައިފްއިން ހުށަހެޅި މައްސަލައަށް މިހާރު ގޮތެއް ނިމިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ނިންމުން ހާމަކުރައްވާނެ ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.

ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާން ކުރި މަޝްރޫއާ އެކު އެޕާޓްމަންޓްތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ސީލައިފަށް ވަނީ ފައިސާ ދައްކައިފަ އެވެ.

އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓި މަސައްކަތް ވެސް ކުރިއަށް ނުގޮސް، ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ނުލިބި ހާލުގައި ޖެހުނެވެ.

އެ މައްސަލަ އެ ފަރާތްތަކުން ފުލުހުންނަށް ހުށަހަޅައި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު، އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ) ހޯދަން ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފަ އެވެ.

ދާދި ފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސީލައިފްއިން އެޗްޑީސީއަށް ދައްކާފައި ހުރި އެޑްވާންސް ފައިސާގެ ތެރެއިން ޑައުން ޕޭމަންޓަށް ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ފަހު ޕްރޮޖެކްޓް އަލުން ފެށުމަށް އެ ކުންފުނިން ހުށަހަޅާފައި ވާތީ އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުން އެވެ. އަދި ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްއިން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ތެރޭގައި ސީލައިފްގެ މޯލްޑިވްސް އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 15،000 ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް އޭސީސީއިން އަންނަނީ ބަލަމުން އެވެ. އޭސީސީއިން ތުހުމަތު ކުރާ ގޮތުގައި އެ ފައިސާ އަކީ، ހައުސިން މަޝްރޫއާ ގުޅުން ހުރި ފައިސާ އެކެވެ.

އެހެން ނަމަވެސް ސީލައިފުން އެކަން ދޮގު ކުރަމުން ބުނެފައި ވަނީ، އެ ފައިސާ އަކީ އެ ކުންފުނީގެ ވެރިޔާ އައްމަޓީގެ ކާރެއް މަރާމާތުކުރުމަށް އެކި ފަހަރުމަތިން ރައީސް ޔާމީންގެ އަތުން ކުރެއްވި ހަރަދުތަކަށް އޭނާ އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް