މަޖުބޫރުވެގެން ލޭނު މަސްވެރިކަމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލްކޮށްފި

ދިވެހި މަސްވެރިން، މަސްވެރިކަން ކުރުމުގައި --

ލޭނު މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލްކޮށް އެޒާތުގެ މަސްވެރިކަން ކުރުމަށް މިވަގުތު ހުއްދަ ދޫނުކުރަން ސަރުކާރުން ނިންމައިފި އެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލޭނު މަސްވެރިކަމުގައި ނުގަވާއިދުން އެތައް ކަމެއް ހިނގާކަން ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ވެސް ރާއްޖޭގެ ސަމާލުކަމަށް ގެނެސް، އެ ކަންކަމުގެ ސަބަބުން ރާއްޖޭގެ މަސް ޔޫރަޕަށް އެކްސްޕޯޓް ކުރުން މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޫކޮށްފައި ވަނީ ވެސް ބޭރުގެ ފަރާތްތަކަށެވެ.

އެ މިނިސްޓްރީއިން ބުނީ، ލޭނު މަސްވެރިކަމުގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވަނީ، ލޯބޮޑު ކަންނެލީގެ ބަދަލުގައި މިފަދަ މަސްބޯޓްތަކުން ރީނދޫ އުރަހަ ކަންނެލި ހިފަމުން ދިޔުން ކަމަށެވެ. އެހެން ނަމަވެސް، އެއީ ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދީފައިވާ އުސޫލާ ހިލާފު ކަމެކެވެ.

އެ ހުއްދަތައް ބާތިލް ކުރަން ދެން ނިންމި އަނެއް ސަބަބެއް ކަމަށް މިނިސްޓްރީއިން ބުނީ ކަނޑުމަތީގައި އެއް އުޅަނދުން މަސް ބަދަލުކުރުމުގައި މިފަދަ ބޯޓްތައް ހަރަކާތްތެރިވުމެވެ. އެއީ، އިންޑިއާ ކަނޑުގައި މަނާކޮށްފައިވާ ކަމެކެވެ.

ފިޝަރީޒް މިިނިސްޓްރީއިން ބުނީ، ލޭނު އަޅަން ހުއްދަ ދީފައިވާ ބޯޓްތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި ނަނު ދޫކޮށްގެން ކުރާ މަސްވެރިކަމުގެ ތަސައްވަރު ބޭރު ދުނިޔޭގައި ކިލަނބުވަމުން އަންނަ ކަމަށެވެ. އަދި ދިވެހި މަސްވެރިކަމާއި މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މިވަގުތު ދޫކޮށްފައިވާ އެފަދަ ހުއްދަތައް ހިފަހައްޓައި ހުއްދަތައް އާނުކޮށް ދިނުމަށް ސަރުކާރަށް މަޖުބޫރުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ދިނުން ހުއްޓާލާއި ދިވެހިރާއްޖޭގައި މިހާރު ކުރަމުން އަންނަ ލޭނު މަސްވެރިކަން ހުއްޓާލުމަށް ދިވެހި ސަރުކާރުގެ ފަރާތުން ނިންމައިފި އެވެ. މިނިންމުމަކީ، ރައްޔިތުންގެ އަދި ވަކިން ހާއްސަކޮށް މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ދިވެހި ދައުލަތުގެ އެންމެ
މުހިއްމު މަތީ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ފަރާތުން އަޅާފައިވާ ފިޔަވަޅެކެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ، ރާއްޖޭގެ ކަނޑުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޫކޮށްފައިވާ ބޯޓްތަކުގެ އަސްލު މަންފާ ނަގަނީ ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބޭ އެހެން ބައެއްކަން ވެސް އީޔޫއިން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ވަކި މަސްވެރިކަމެއް އިސްތިސްނާވުމެއް ނެތި މުޅި ރާއްޖޭގެ މަހަށް ޔޫރަޕްގެ މާކެޓްގައި ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

"ލޭނު މަސްވެރިކަމުގައި ހިންގާ ޤާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކުގެ ސަބަބުން، އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް އިސްތިސްނާ ކުރެމެއްނެތި، ދިވެހިރާއްޖޭގެ މަހާއި މަހުގެ ބާވަތްތައް ވަގުތުން ވަގުތަށް ޔޫރަޕަށް އެތެރެކުރުން ހުއްޓާލާ މިންވަރަށް ލޭނު މަސްވެރިކަމުގައި މައްސަލަތައް ހުރިކަން އެފަރާތުންވަނީ ފާހަގަކޮށްފަ އެވެ،" ބަޔާނުގައިވެ އެވެ.

ލޭނުގެ މަސްވެރިކަމަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 100 މޭލުގެ އެތެރޭގައި ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޫކޮށްފައިވާ ބޯޓްތަކުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ 90 ޕަސެންޓަކީ ބިދޭސީ ފަރާތްތައް ކަމަށެވެ. އަދި މިފަދަ ކޮންމެ ބޯޓެއްގައި ހުންނަނީ އެންމެ ދިވެއްސެއްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

މީގެ އިތުރުން މި ސަރުކާރުގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލިއިރުވެސް މަސްވެރިން އެންމެ ބޮޑަށް ފާހަގަ ކުރި ކަމަކީ، ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވާ ބޯޓްތަކުގެ ސަބަބުން ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެ ކަންކަން ބަލައިދިނުމަށް މަސްވެރިން އެދިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިނިސްޓްރީއިން ބުނީ، އެ މައްސަލަތައް ބެލުމަށް ފަހު ސަރުކާރުގެ ސިޔާސަތަކީ ލޭނު މަސްވެރިކަމުގެ ހުއްދަ ދޫކުރުމަށް މުޅިންއާ ގަވާއިދެއް އެކުލަވާލުން ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން ލޭނުގެ މަސްވެރިކަން ކުރުމަށް ވެސް ދެން ހުއްދަ ދޭނީ ވަކި ފެންވަރެއްގައި ބަދެފައިވާ ދިވެހި މަސް ދޯނިތަކަށް ކަމަށެވެ.

comment ކޮމެންޓް