ބޮޑެތި ބަދަލުތަކުން ދައުލަތް ހުލިވަނީ! އެވެރިން ކޮބާ؟

ކުރީގެ އެޓާނީ ޖެނެރަލް އަނިލް އާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު -- ސަން ފައިލް ފޮޓޯ

ހަމައެއްލަމައެއް ނެތި ކުރީގެ ސަރުކާރުތަކުން އުވާލާފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން، ދައުލަތުން އެކި ފަރާތްތަކަށް ދޭން ޖެހޭ މާލީ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ ހިސާބުކުރެވިފަ އެވެ. މިއަދަދު ނިއުޅައި ބަލާ އިރު ރާއްޖޭގެ ކޯޓްތަކުން ނިންމި މައްސަލަތަކާ ހުރެ، ބަދަލުގެ ގޮތުގައި 882 މިލިއަން ރުފިޔާ ސަރުކާރުން ކުންފުނިތަކަށް ދައްކަން ހުކުމްކޮށްފައިވާ އިރު، އާބިޓްރޭޝަން އިން ނިންމި މައްސަލަތަކުން 17.89 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ބޭރުގެ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ވަނީ ދޭން ޖެހިފަ އެވެ.

މީގެ އިތުރަށް ކޯޓުތަކުގައި ނުނިމި ހިނގަމުން އަންނަ މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ ކޯޓްތަކުގައި އަދި ވެސް 216 މިލިއަން ރުފިޔާގެ މައްސަލަތައް ހުރި އިރު އާބިޓްރޭޝަންގައި 350 މިލިއަން ޑޮލަރު (5.4 ބިލިއަން ރުފިޔާ) ހޯދުމުގެ މައްސަލަތައް އަންނަނީ ހިނގަމުން އެވެ.

މިއީ ރާއްޖެ ކަހަލަ ނިސްބަތުން ކުޑަ ގައުމަކަށް ސިއްސައިގެން ދާވަރުގެ ބޮޑެތި އަދަދުތަކެކެވެ. މި އަދަދުތަކުން އުފަން ކުރުވާ ސުވާލަކީ، ކުޑަކުޑަ ދައުލަތަކަށް މިއީ އުފުލޭ ވަރުގެ ބުރައެއް ހެއްޔެވެ؟ މި ބުރަ އަހަރުމެންގެ މައްޗަށް ކުރިމަތި ކުރީ ކޮން ބައެއްގެ އިހުމާލުން ހެއްޔެވެ؟

މިއީ ވެސް ބޮޑު ސިންގާނަ ހިޔާނާތެއް!

ކުރީގެ އޭޖީ އަނިލް އާއި އޭރުގެ ސަރުކާރުގެ ބައެއް ވެރިން: ބަދަލު ދޭން ޖެހެނީ އެބޭފުޅުންގެ އިހުމާލުން ކަމަށް ތުހުމަތު ކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް މުހައްމަދު ވަހީދުގެ ކުރު ސަރުކާރާއި އެއަށް ފަހު ރައީސް ޔާމީންގެ ސަރުކާރުގައި ކޮންޓްރެކްޓްތަކާ މެދު އަމަލުކޮށްފައި ހުރި ގޮތުން، ކުންފުނިތަކަށް ބަދަލުގެ ގޮތުގައި މިހާރު ވެސް 1.2 ބިލިއަނެއްހާ ރުފިޔާ ދެވިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ އެންމެ ފަހުގެ ކޭހަކީ، ނޫމަޑި ކިޔާ ކުންފުންޏެއްގެ އެގްރިމަންޓް އުސޫލުން ބޭރުން އުވާލާފައި ވާތީ، ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު (848.1 މިލިއަން ރުފިޔާ) އެ ކުންފުންޏަށް ދިނުމަށް ނިންމުމެވެ. އެ ކުންފުނިން ޖެއްސި މައްސަލައަކީ، ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލަގްޒަރީ ވިލާތަކެއް އެޅުން އަދި ފުލުހުންގެ ފްލެޓްތައް ހަދަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމެވެ.

މި އަހަރުގެ މެދެއްހާ ހިސާބުގައި، ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިގެން އިތުރު ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރުމަށް ހުއްދަ ހޯދަން މަޖުބޫރުވީ ވެސް މި ބޮޑެތި ބަދަލުތަކާ އެކު ހަރަދުތައް ބޮޑުވެގެން އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓް 30 ބިލިއަން ރުފިޔާގައި ހުރި އިރު، ބަދަލުގެ ގޮތުގައި ދޭން ޖެހޭ ކަމަށް އަންދާޒާ ކުރެވޭ 6.7 ބިލިއަން ރުފިޔާ އަކީ ޖުމްލަ ބަޖެޓްގެ 23 ޕަސެންޓެވެ. މި ހުރިހާ ފައިސާ ދެއްކުމުން މައްސަލަ ނިމުނީ ހެއްޔެވެ؟ ބަޔަކު ޒިންމާ ކުރުވާކަށް ނުޖެހޭ ހެއްޔެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިޝާރާތް ކުރައްވާފައިވާ ގޮތުގައި ނޫމަޑި ކުންފުނިން ހުށަހަޅާފައިވާ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އާބިޓްރޭޝަންގައި އިއުތިރާފްވެ ވަޑައިގަތީ، އެމަނިކުފާނު މިނިސްޓަރުކަމުގައި ހުންނަވައިގެން އެއްބަސްވުން ބާތިލް ކުރީ އުސޫލާ ހިލާފަށް ކަމަށެވެ. ރައީސްގެ ނުބައި އެންގުމަށް މިނިސްޓަރު އޭރު ބޯލަބައި އެ ފިޔަވަޅު އެޅީ އެވެ. -- މުއިއްޒަށް ގުޅައި މެސެޖް ކުރުމުން ވެސް އެ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވަ އެވެ.

އެކަން ކުރި ބޭފުޅާ އަމިއްލައަށް އެގޮތަށް އިއުތިރާފް ވުމުން އެހިސާބުން ދައުލަތުން ގޯސް ހެދިކަން އެއޮތީ ވަރަށް ބޮޑަށް ސާފުވެފަ އެވެ. އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމެން ހުރި ހުރިހާ ދޮރެއް އެ އޮތީ އެކީހެން ބަންދުވެފަ އެވެ. ދެން ސަރުކާރަށް ޖެހުނީ ލުއި ހައްލެއް ހޯދާށެވެ.

ޔަގީންވާ ކަމަކީ އެއްބަސްވުންތައް ބާތިލް ކޮށްފައި ވާނީ، އޭރުގެ ބަންޑާރަ ނައިބަކަށް ހުންނެވި މުހައްމަދު އަނިލްގެ ލަފާތަކެއް ރައީސްއަށް ލިބުނީމަ އެވެ. އެހެން ނޫނީ އެފަދަ ބޮޑެތި ނިންމުންތަކެއް އައުމަކީ ނާދިރު ކަމެކެވެ. އެހެން ކަމަށްވާ ނަމަ، އޭރުގެ ބަންޑާރަ ނައިބު އެކަމުގެ ޒިންމާ ނަންގަވަން ނުޖެހޭ ހެއްޔެވެ؟ ނޫން ނަމަ އެ ފިޔަވަޅު އެޅުއްވި މުވައްޒަފު ޒިންމާވާން ޖެހޭނެ އެވެ.

"އިންސާފު ހޯދައިދޭން އަޅުގަނޑުމެން ދާން ޖެހޭ ހިސާބެއް މިއީ. [ބަދަލު ދިނުން] ބަދަލު ދޭއިރުގައި އަޅުގަނޑުމެން ވިސްނަން ޖެހޭ އެއްކަމެއް އެބަ އޮތް. މިކަން ކުރި ބަޔަކާ ދޭތެރޭގައި އަޅުގަނޑުމެން ކިހިނެތްތޯ ހަނދާނީ. ހަމަ ކޯޓްތަކަށް ގޮސްވެ އާބިޓްރޭޝަން ސެންޓަރުތަކަށް ގޮސްވެސް ވަރަށް ސާފުކޮށް އެކަން ކުރި މީހުން އެބަ ބުނޭ ތިމަންނާމެން އެކަން ކުރީ ގާނޫނާ ހިލާފަށޭ. ނޫމަޑި މައްސަލައިގައި ވެސް ސިންގަޕޫރު އާބިޓްރޭޝަންގައި ވެސް ކޮންމެވެސް ބޭފުޅަކު އެހެން ވިދާޅުވި ކަމަށް ވަނީ. ތިމަންނާމެން އެ އެގްރިމަންޓް އުވާލީ، ގާނޫނާ ހިލާފަށޭ،" މިދިޔަ ޖުލައި މަހުގެ ތެރޭ ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ބޮޑު ބަދަލުގެ މައްސަލަ ސާފުކޮށްދެއްވި އެވެ.

ރައީސް އޮފީހުގެ އިސް ބޭފުޅުންނާ އެކު އެމަނިކުފާނު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވެސް އެ އިޝާރާތް ކުރެއްވީ ދައުލަތަށް ބަދަލު ދޭން ޖެހުމުން އުފުލަން ޖެހޭ ބޮޑު ބުރަޔާ އެކު، އެކަމުގައި އިހުމާލުވާ މީހުންގެ އަތުން އެ ބަދަލު ހޯދޭނެ ގޮތްތަކެއް ރޭވުމާ ގުޅޭ ގޮތުން އެވެ. އޭރަކު ހުންނަވާ އެޓާނީ ޖެނެރަލް ދެއްވި ލަފަޔާއި އޭގެ ފަހުން ތަރުތީބުވެގެން އަންނަ ފިޔަވަޅުތަކުން ދައުލަތަށް ގަސްތުގައި ގެއްލުމެއް ލިބޭ ގޮތަށް އަމަލު ކުރެވިފައިވާ ނަމަ، އެއީ ބަޔަކު ޒިންމާ ކުރުވަން ޖެހޭ ކަމެކެވެ.

ޖީއެމްއާރުގެ މައްސަލާގައި ވެސް، ކަން ދިމާވީ މިކަހަލަ ގޮތަކަށެވެ. އުފެދުނު އިރުވެސް ބާތިލް އެގްރިމަންޓެއް ކަމަށް ބުނެ، އޭރުގެ ރައީސް ވަހީދުގެ ސަރުކާރުން ޖީއެމްއާރުގެ އެގްރިމަންޓް ބާތިލްކޮށްލުމުން އާބިޓްރޭޝަނުން ނިންމީ ބަދަލަށް 271 މިލިއަނެއްހާ ޑޮލަރު ދައްކާށެވެ. އޭރުގައި ބަންޑާރަ ނައިބަކަށް ހުންނެވި އައިޝަތު އާޒިމާ ޝަކޫރު ދިން މި ގާނޫނީ ލަފާގެ ސަބަބުން އެ ބުރަ އެންމެ ފަހުން ރައްޔިތުންގެ ބޮލުގައި އެޅުނީ އެވެ.

ސިޔާސީ އަދި ޒާތީ ސަބަބުތައް އިސްކޮށްގެން ނިންމި މި ނިންމުންތަކަކީ ބޮޑު އިހުމާލެކެވެ. އަދި އެއީ ދައުލަތާއި ރައްޔިތުންނަށް ވެވޭ ޒާތެއްގެ ހިޔާނާތެކެވެ. ސަބަބަކަށްވަނީ، ރައްޔިތުންގެ ބައިތުލް މާލުން އެތައް ބިލިއަން ރުފިޔާއެއް ގެއްލިދަނީ މި އިހުމާލުން ކަމުގައި ވާތީ އެވެ.

އިހުމާލުގައި ޒިންމާ ކުރުވައި އަދަބުދީ!

އެއްވެސް ޒިންމާދާރު ކަމެއް ނެތި މި ގޮތަށް ނިންމާ ނިންމުންތަކުގެ ޒިންމާ އެކަން ކުރި ބަޔަކު ނަގަން ނުޖެހޭނެ އެއް ގޮތެއް ވެސް ނެތް ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.

ގާނޫނީ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެފައިވާ ގޮތުގައި، މިފަދަ ބޮޑެތި ބަދަލުތަކެއް ކުންފުނިތަކަށް ދޭން ޖެހުމުގެ އަސްލު އުފަންވީ، ސިޔާސީ ސަބަބުތަކާއި ބޭއިންސާފުން ނިންމުންތަކުގެ ސަބަބުން އެވެ. އަދި ނުރަނގަޅުކޮށް އެގްރިމަންޓްތައް ބާތިލް ކުރުން ހިސާން ސިފަކުރައްވަނީ، އެއީ ދައުލަތުން އަދާކުރަން ޖެހޭ ޒިންމާއާ ދިމާ އިދިކޮޅަށް ނުރަނގަޅު ނިޔަތް އިސްކޮށްގެން ނިންމި ބޭއިންސާފު ނިންމުންތަކެއްގެ ގޮތުގަ އެވެ.

"ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހޭ ހާލަތްތަކުގައި އެކަމަށް ޒިންމާ ވާން ޖެހޭ ދައުލަތުގެ ވަޒީފާގައި ހުރި މުވައްޒަފު. ޖަވާބުދާރީ ކުރެވޭނެ އުސޫލެއް ގާއިމް ކުރަން ޖެހޭ. ދައުވާކޮށްގެން އެ ބަދަލު އެ ޒިންމާވާ ފަރާތްތަކުގެ އަތުން ނެގެން ޖެހޭ،" ދައުލަތުން ދޭން ޖެހޭ ބަދަލުގެ މައްސަލާގައި ހިސާން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވެ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު: އޭނާގެ ޒިންމާ ވެސް ބޮޑު ކަމަށް ބުނޭ -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މީގެ ކުރިން އޭޖީ އޮފީހުގައި ވެސް މަސައްކަތް ކުރެއްވި ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް ކުންފުނިތަކަށް ބޮޑެތި ބަދަލުތައް ދޭން ޖެހިފައި ހުރީ، އެޓާނީ ޖެނެރަލަކަށް ހުންނަ ފަރާތުގެ ބޮޑެތި އިހުމާލުތަކެއް ހުރީމަ އެވެ. ގާނޫނީ ޒިންމާ އެއް ފަރާތްކޮށް "ސިޔާސީ ލަފާތައް" ދެމުން ގެންދާތީ އެވެ. އެ ވަކީލް ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، އެފަދަ ލަފާތައް ދީފައިވާ ނަމަ، ބަންޑާރަ ނައިބު ޒިންމާދާރު ކުރުވެން ޖެހެ އެވެ. ގެއްލުމުގެ ބަދަލު ނެގެން ޖެހެ އެވެ.

"މި ގޮތަށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުތަކެއް ކުރެވިފައި ހުރި ނަމަ އޭގެ ބަދަލު ހޯދެން ޖެހޭނެ. ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކުރުވެން ޖެހޭނެ. އެ ބަދަލު ގާނޫނުތަކަށް އަންނާން އެބަ ޖެހޭ،" އެ ވަކީލު ވިދާޅުވި އެވެ.

ނާޖާއިޒު ފައިދާ ނަގައި ނުހައްގު މުއްސަނދިކަމެއް!

ފުލުފުލުގައި ދައުލަތުން ކުންފުނިތަކަށް ދޭން މިޖެހޭ މާލީ ބޮޑު ބަދަލާ އެކު، ފެންނަ ބޮޑު މަންޒަރަކީ ކުންފުނިތަކަކުން ގަސްތުގައި ދައުލަތް ފޭރިގަތުމަށް ހިފައިގަތުމެވެ. އެކަށީގެންވާ ނުވާވަރުގެ ބޮޑެތި ބަދަލުތަކަށް ބައެއް ކުންފުނިތަކުން އެދެން ފެށުމެވެ. އަދި ކޯޓްތަކުގެ ތެރެއިން ވެސް އެފަދަ ހުކުމްތަކެއް އައުމެވެ. އަދި ސަރުކާރުން ވެސް އެ ކުންފުނިތަކަށް އެ ބަދަލު ދެމުން ގެންދިޔުމެވެ.

މިސާލަކަށް، ބިޒްނަސް އިމޭޖް ގްރޫޕްގެ އަސްލު ކޮންޓްްރެކްޓްގެ އަގަކީ 5.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ކޯޓުން މައްސަލަ ނިމުނު އިރު ޖޫރިމަނާ ފައިސާގެ އަދަދާ އެކު 78 މިލިއަން ރުފިޔާއަށް އެ ކޮންޓްރެކްޓްގެ އަގު އަރައިގެން ދިޔައީ އެވެ. އަދި ސަރުކާރުން އެ ކުންފުންޏަށް 30 މިލިއަން ރުފިޔާގެ ބަދަލެއް ދީ މައްސަލަ ނިންމަން ޖެހުނީ އެވެ.

އެކަމަކު މިއީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ އެއް ބަޔަކު ގޯސްކޮށް ނިންމާފައިވާ ކަމެއް އަނެއްކޮޅަށް ނިއުޅާ އިރު، އިންސާނުންގެ ބުއްދި ގަބޫލު ކުރާ ހަމައަކުން އެކަން ކުރާކަށް ނުޖެހޭ ހެއްޔެވެ؟ ކޯޓުން ބޭރުން، "ލުއި" ގޮތަކަށް މައްސަލަ ނިންމާ އިރު، ދޭން ޖެހޭ ބަދަލު ކަނޑައަޅަނީ ކޮން އުސޫލަކުން ހެއްޔެވެ؟ އަދި ކޯޓުން ބޭރުން މައްސަލައެއް ނިންމަނީ ކޮން އަސާސްތަކަކަށް ބަލާފައި ހެއްޔެވެ؟ އެކަންކަން ނިންމާއިރު ދެފުށް ފެންނަނީ ކިހާވަރަކަށް ހެއްޔެވެ؟

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ސިފަކުރައްވާ ގޮތުގައި، ދައުލަތުން ބަދަލު ހޯދުމުގެ ކަންތައްގަނޑަކީ މިހާރު އެންމެ ހިނގާ ޒާތުގެ ވައްކަމެވެ. އޭނާގެ އެ ވާހަކައަށް ތާއީދު ކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އބްރާހިމް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، ވިޔަފާރިއެއްކޮށްގެން 1،000 އަހަރުން ނުލިބޭނެހާ ބޮޑު ފައިދާއެއް ބަދަލުގައި ގޮތުގައި ހޯދަން ބައެއް ކުންފުނިތަކުން މަސައްކަތް ކުރެ އެވެ. އެކަން އެގޮތަށް ހިނގާ ނަމަ ދައުލަތް ބަނގުރޫޓް ވެގެން ހިނގައިދާނެ ކަމަށް ޝަރީފް ދެކެވަޑައިގަންނަވަ އެވެ.

"މިދާ ރޭޓުން މިކަން ދަންޏާ ދައުލަތް ބަނގުރޫޓްވާން މާ ގިނަ ދުވަހެއް ނުނަގާނެ. މިކަން މިއީ ގާނޫނަށް ބަދަލު ގެނެސްގެން ވެސް ހުއްޓުވަން ޖެހޭ ކަމެއް،" ޝަރީފް ވިދާޅުވެފައިވެ އެވެ.

މި ސަބަބުތަކާ ހުރެ އެންމެ ބޮޑަށް ފެންމަތިވާ ތުހުމަތަކީ، މިއީ ސަރުކާރާ ގުޅުން އޮންނަ ބަޔަކަށް ދައުލަތުގެ ފައިސާތަކެއް ދިނުމަށް ގުޅިގެން، ހިންގާ ޖަރީމާއެއް ކަމަށެވެ.

އެ ތުހުމަތުތައް ބޮޑު ވަނީ މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަގާމަށް ވަޑައިގަތުމުގެ ކުރިން ވަކީލެއްގެ ގޮތުގައި ކޯޓްތަކުގައި ދިފާއު ކުރެއްވި ބައެއް ކުންފުނިތަކާ އެކު، މަގާމަށް ވަޑައިގެން ކޯޓުން ބޭރުން އެއްބަސްވުންތައް ހަދައި ބަދަލުގައި ފައިސާތަކެއް ދޫކޮށްލެވެން ފެށި ހިސާބުން އެވެ. އެ މުއާމަލާތްތައް މާ ބޮޑު ހާމަކަމެއް ނެތި ކުރެވުމުގެ އަސްލަކަށްވީ ތުހުމަތުތަކެއް ފެންމަތިވުމެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދެތިން ބޭފުޅުން ތިއްބަވާފައި މި ނިންމަނީ ކޯޓުން ބޭރުގައި މިކަން ނިންމީމާ މާ ބޮޑަށް ދައުލަތަށް ލުއިވާނޭ. އެކަމަކު ކިހިނެތްތޯ ދައުލަތަށް މި ލުއިވަނީ. އެހެން ދެތިން މީހުންނަށް ނިއްމޭތޯ؟ މިއީ ހަމަ ކަނޑައެޅިގެން ހިންގާ ޖަރީމާއެއް،" އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ، މާވަށު ދާއިރާ މެންބަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް ނާޖާއިޒު ކަމެއް އެކަމުގައި ހިނގާ ކަމަށް ބަންޑާރަ ނައިބުވެސް އަދި ސަރުކާރުން ވެސް އެއްބަހެއް ނުވެ އެވެ. އެކަމަކު އެ މުއާމަލާތްތަކުގައި ހާމަކަމެއް ނެތުމުން އެއީ "ނާޖާއިޒު" މުއާމަލާތްތަކެއްގެ ތުހުމަތު ކުރަން ފުރުސަތު އެބަ އޮތެވެ.

ދައުލަތަށް ބުރައަކަށްވެ، ބިލިއަން ރުފިޔާ އިން މައްޗަށް ގޮސްފައިވާ މި ބަދަލުގެ ކުޅިގަނޑު ހުއްޓެން އޮތީ ހަމަ އެންމެ ބަދަލަކުން އެވެ. އެއީ ބަދަލު ކަނޑައެޅޭނެ މިންވަަރާއި އެކަމާ ގުޅޭ އޮނިގަނޑެއް ތައާރަފްކޮށް އެކަން ގާނޫނުގެ ތެރެއަށް ފެއްތުމެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މިފަހުން މަޖިލީހަށް ހުށަހެޅި ގަރާރުގައި، އެކަމުގެ ހައްލުތަކެއް ބަޔާންކުރި އެވެ. އެއީ، ދައުލަތުން ބަދަލު ދޭން ޖެހޭ ހާލަތުގައި، ދޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅައި އެކަމުގެ އޮނިގަނޑެއް ހެދުމެވެ. އަދި ދޭ ބަދަލުގެ މިންވަރާއި އެކަމާ ގުޅޭ މުއާމަލާތްތައް މަޖިލީހަށް ހާމަކުރަން ޖެހޭ ގޮތް ހެދުމެވެ.

މިސާލަކަށް ބަލާނަމަ، އިނގިރޭސިވިލާތުގައި ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުން ލިބިދެވޭނީ އެންމެ ބޮޑުވެގެން އެގްރިމަންޓްގެ ޖުމްލަ އަގުގެ އަށް ޕަސެންޓެވެ. އަދި ޔުނައިޓެޑް އަރަބި އެމިރެޓްސް (ޔޫއޭއީ)ގައި ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑުވެގެން އަހަރަކަށް 12 ޕަސެންޓެވެ.

ބަދަލުގެ ގޮތުގައި ދޭން ޖެހޭ ވަރުކުޑަކުުރުމަށް މިކަހަލަ ހިފެހެއްޓުންތަކެއް ނުލެވިއްޖެ ނަމަ، ބަދަލު ދީދީ ދައުލަތް އެކީ ހުލިވެދާނެ އެވެ. އަދި ރައްޔިތުންނަށް ކަމެއްކޮށް ނުދެވި ދައުލަތުގެ ހަޒާނާ އެއް ބައެއްގެ ޖީބަށް ވަދެ ހުސްވެ ދާނެ އެވެ. އަދި މިއީ ސަރުކާރުގެ ތިބޭ ބަޔަކު މުއްސަނދިވާން ވެސް ހުޅުވިފައި އޮތް ވަރަށް ފުޅާ ދޮރެކެވެ.

comment ކޮމެންޓް