އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ސީޝެލްސްގެ ކިބައިން ރައީސް އެދިވަޑައިގެންފި

ރައީސް ސޯލިހް ޝީޝަލްސް ގެ ރައީސްގެ ބަންދޫބާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ކަނޑުގެ ހަމަޖެހުމަށް އެއްބާރުލުން ދިނުމަށް ސީޝެލްސްގެ ކިބައިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިގޮތަށް އެދިވަޑައިގަތީ، ސީޝެލްސްގެ ރައީސް، ޑެނީ ފޯގެ ހާއްސަ މަންދޫބު، މުހައްމަދު އަފީފް އާ މިއަދު ރައީސް އޮފީހުގައި ބައްދަލުކޮށް ކުރެއްވި މަޝްވަރާތަކުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، އިގްތިސޯދީ މަސައްކަތްތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި އިންޑިޔާ ކަނޑަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވިއެވެ. އެގޮތުން އިންޑިޔާކަނޑުގެ ސަލާމަތާއި ހަމަޖެހުން ގާއިމުވެފައި އޮތުމަށް އެދިވަޑައިގަންނާވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްވަރާ ކުރެއްވުމުގައި ރާއްޖޭގައި ބާއްވާން މަސައްކަތް ކުރާ އެންމެ ބޮޑު ކުޅިވަރުގެ ހަރަކާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ބޭއްވުމަށް ކުރާ ބިޑާ މެދު ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އައިއޯޖީ ރައްޖޭގައި ބެއްވުމަށް ޝީޝަލްސް އިން ވަނީ ތާއީދުކުރާނެކަން ހާމަކޮށްފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ސީޝެލްސްއަކީ ކުޑަ ޖަޒީރާ ދެ ގައުމުކަމަށްވާތީ ދެ ގައުމުގައި ހުރި ބައެއް ކަންކަމަކީ ވަރަށް އެއްގޮތް ކަންތައްތަކެއްކަން ފާހަގަ ކުރައްވާފައެވެ.

އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ސީޝެލްސްގެ ރައީސްގެ މަންދޫބު އަފީފުގެ ވާހަކަފުޅުގައި ރާއްޖޭގެ ޒައާމަތަށް މިހާރު އައިސްފައިވާ އެދެވޭ ބަދަލު ފާހަގަކުރައްވައި، ރައީސް ސޯލިހްގެ ސަރުކާރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ސީޝެލްސުން ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި ސީޝެލްސުން ކަނޑުގެ ނަފާ ހޯދުމުގައި އިސްކަންދެނީ ދެމެހެއްޓެނިވި އުސޫލުތަކަށް ކަންކަން ކުރުމުގެ މައްޗަށްކަމުގައި އަފީފު ވިދާޅުވިއެވެ.

ޝީޝަލްގެ ރައީސްގެ ބަންދޫބު މުޙައްމަދު އަފީފަކީ، ސީޝެލްސްގެ ރައްޔިތެއް ނަމަވެސް ދިވެހި ނަސްލަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ބައްޕައަކީ ދެކުނު ވަކި ދައުލަތެއް އުފެއްދި އައްޑޫ ޢަބްދު ﷲ އަފީފު ދީދީއެވެ.

comment ކޮމެންޓް