ވަކި ސިނގިރޭޓް ނުވިއްކުމުގެ ބޮޑު މަންޒަރާއި ބަދަލު!

ފިހާރައެއްގައި ވިއްކަން ހުރި ސިނގިރެޓް ފޮށިތަކެއް ---

މުޅި މި މާލެއެކޭ ދުންބޯ ކޮޓަރިއެކޭ އެއްވަރެވެ. އާންމު ތަންތަނާއި މަގުމަތީގައިވެސް ސިނގިރޭޓެއް ރޯކޮށްލުމަކީ ދިވެހިންނަށް މާކަބޮޑު ކަމަކަށް ނުވެ އެވެ. މި ނުބައި އާދަ ދިވެހިންގެ ކަށީގައި ހިފާފައި އޮތީ މިހާވެސް މަތީ ދަރަޖައަކަށެވެ.

މީގެ އަހަރުތަކެއް ކުރިން އާންމުތަންތަނުގައި ސިނގިރޭޓު ބުއިން މަނާކޮށް ޖޫރިމަނާތައް ކުރެވޭ ގޮތަށް ގަވައިދުތައް ހެދިފައި ހުއްޓަސް އެކަމުން ވެސް މައްސަލައަށް ހައްލެއް ނުލިބުނެވެ. އެ ގަވާއިދު ވެސް ރަނގަޅަކަށް ތަންފީޒު ނުކުރެވި، އެމީހަކަށް ޖެހުނު ތަނެއްގައި ސިނގިރޭޓު ބުއިން މި އޮތީ ވަބާއަކަށްވެފަ އެވެ.

ދުންފަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މީގެ މަހެއްހާ ދުވަސްކުރިން މިވަނީ އަނެއްކާ ވެސް އާ ފިޔަވަޅެއް އެޅިފަ އެވެ. އޮގަސްޓް 2010 ގައި އަމަލު ކުރަން ފެށި ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު މި ސަރުކާރުން ތަންފީޒުކޮށް ވަކިން ސިނގިރޭޓް ވިއްކުން މި ވަނީ އެކީ މަނާކޮށްފަ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް.

ސިނގިރޭޓް ބޯން ބޭނުން ނަމަ މިހާރު ގަންނަން ޖެހޭނީ ފޮށި އެއްކޮށެވެ.

ގަވާއިދުގައިވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ބިޑި ޕެކްކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑި އަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ދުންފަތުގެ އެހެން ބާވަތްތަކުގައި މަދުވެގެން 30 ގްރާމް ހިމެނެން ޖެހެ އެވެ. މި މިންގަނޑާ ހިލާފަށް ދުންފަތް ވިއްކާ ކޮންމެ ވިޔަފާރިއަކަށް އޮތީ ޖޫރިމަނާތަކާ ކުރިމަތިލުމެވެ.

މި އުސޫލާ ހިލާފަށް ސިނގިރޭޓް ވިއްކައިފި ނަމަ، ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000 ރުފިޔާ އަދި ތިން ވަނަ ފަހަރަށް، 10،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

ސަރުކާރުގެ މި ޖެހިލުން ކުޑަ ނިންމުމާ އެކު އުފެދޭ ސުވާލަކީ ދުންފަތުގެ މައްސަލައަށް އެކަމުން އައީ ކޮން ބަދަލެއް ހެއްޔެވެ؟ މި ގަވައިދު ތަންފީޒު ކުރެވޭ ހެއްޔެވެ؟

ތަފާސްހިސާބުތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް ރާއްޖެއަށް 462 މިލިއަން ސިނގިރޭޓް އެތެރެކުރެ އެވެ. ރާއްޖެއަށް ދުންފަތް ގެނެސް އެ ވިއްކައިގެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ލަފާކުރެވެ އެވެ.

ސިނގިރޭޓު ވިއްކައިގެން މިހާ ބޮޑު އާއްމުދަނީއެއް ވިޔަފާރިވެރިން ހޯދަމުން އަންނަނިކޮށް، ވަކިން ސިނގިރޭޓް ވިއްކުން މަނާ ކުރުމުން އަސަރު ނުކުރާ ވިޔަފާރިއެއް ނެތެވެ. މިފަހަރު މި އެޅި ހަރުކަށި ފިޔަވަޅުން ހަމަ ގައިމުވެސް ވިޔަފާރިތަކަށް އަސަރުކޮށްފި އެވެ. އެނގުން ވެއްޖެ އެވެ.

މާލޭގެ ކަންމަތީ ފިހާރައެއްގެ ވެރިޔަކު ބުނީ، ވަކިން ސިނގިރޭޓް ވިއްކަމުން ދިޔައިރު ދުވާލަކަށް 50 ވަރަކަށް ފޮށި، އެއީ 1000 ވަކި ސިނގިރޭޓު ވިކޭ ކަމަށެވެ. ނަމަވެސް އަލަށް ހެދި ގަވައިދާ އެކު މިހާރު ވިކެނީ ދުވާލަކު 20 ވަރަކަށް ފޮށި، ވަކިން ބަލާނަމަ 400 ސިނގިރޭޓު ކަމަށް އޭނާ ބުންޏެވެ. މި ހިސާބުތަކަށް ދައްކާ މަންޒަރަކީ، ސިނގިރޭޓު ގަންނަ ފަރާތްތައް ދެގުނައަށް މަދުވެފައިވާ ކަމެވެ.

"ވަރަށް ބޮޑަށް ސިނގިރޭޓްގެ ވިޔަފާރި ދަށްވެއްޖެ. ހީވެސް ނުކުރާ ވަރަށް މިހާރު ދަށް،" ފިހާރައިގެ ވެރިޔަކު ނަން ނުޖަހާގޮތަށް ބުންޏެވެ. "ބައެއް ފިހާރަތައް އެބަ އުޅޭ ވަކި ވަގަށް ވަކި ސިނގިރޭޓް ވިއްކާ. ހާއްސަކޮށް މި އުޅޭ ބިދޭސީންނަށް."

ވިޔަފާރިއަށް އައި މި ހީނަރު ކަމާ އެކު، ވަގުވަގަށް ވަކިން ސިނގިރޭޓް ވިއްކުމުގެ މާކެޓެއްގެ ދޮރުވެސް މި ވަނީ ހުޅުވެން ފަށައިފަ އެވެ. ވަކިން ސިނގިރޭޓު ވިއްކާ ފިހާރަތަކާ ގުޅޭ ޝަކުވާތައްދަނީ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އެވެ. މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ވެސް، ވަކިން ސިނގިރޭޓް ވިއްކަމުން ދިޔަ 28 ތަނެއް ހޯދައި ވަނީ ޖޫރިމަނާކޮށްފަ އެވެ. މި މައްސަލަތައް ބޮޑޫވާން ފެށުމުން މި އާ ގަވައިދު ތަންފީޒު ކުރެވިދާނެ ކަމާ މެދު ފެންމަތި ކުރާ ސުވާލުތައް ވެސް ގިނަ އެވެ.

"މިހާރު އެބަ އުޅޭ ކާޓޫން ގަނެގެން ވަކިން ސިނގިރޭޓް ވިއްކާ ބިދޭސީން ވެސް. އެވެސް ނުރައްކަލެއް މިކަން ތަންފީޒު ކުރަން. އެއީ އޮތޯރިޓީތަކުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް. އެހެން ނޫނި ވާނީ، އާންމު ތަންތަން ސިނގިރޭޓް ނުބޮވޭ ގަވާއިދަށް ވީގޮތް،" ފިހާރައެއްގެ ވެރިޔަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކީ ޒުވާން އާބާދީއަކަށް ވާއިރު، އޭގެ ތެރޭގައި ދުންފަތުގެއިސްތިއުމާލުކުރާ މީހުންގެ އާބާދީ ބޮޑުކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ލިބޭ ކުޑަ އާއްމުދަނީއާ އެކު ސިނގިރޭޓް ފޮށި ގަނަގެން ދުން ބޯ މީހުން ނިސްބަތުން މަދެވެ. ސިނގިރޭޓު ވިއްކުމަށް މި ގެނައި ބަދަލާ އެކު އެކަން ހުއްޓާލުމަށް ބާރަކަށް ވާން ޖެހެ އެވެ. އެކަމަކު މި އުފެދޭ ބުލެކްމާކެޓާ އެކު އެކަން ނުވަތަށް އެނބުރުމުގެ ފުރުސަތު އެބައޮތެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް --

ނަމަވެސް ދުންފަތާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ ހުއްޓާލެވެން އޮތް ހަނގުރާމައެއް ނޫނެވެ. މިފަހަރުގެ ހަރުކަށި ފިޔަވަޅާ އެކު ދުންފަތުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމުގެ އުންމީދު މި ވަނީ އާވެފަ އެވެ.

comment ކޮމެންޓް