އަމާޒަކީ އައިއޯއައިޖީއިން 15 މެޑަލް ދިވެހި ފަސްގަނޑަށް ގެނައުން: މަހްލޫފް

މިއަހަރުގެ މަޖިލީސް ފެށުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާމިއ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިފަހަރު ރާއްޖޭގެ އަމާޒަކީ 15 މެޑަލްއަށްވުރެ ގިނައިން މެޑަލް ހޯދުން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހު މޮރިޝަސްގައި ފަށާ ގޭމްސްއަށް ރާއްޖޭގެ ހުރިހާ އެތުލީޓުން ވެސް ފުރިހަމައަށް ތައްޔާރުވެފައިވާ އިރު މިފަހަރުގެ މި މުބާރާތަކީ އެންމެ ދުރާލައި ބޮޑު ހަރަދުތަކެއް ކޮށްގެން ބައިވެރިވާ މުބާރާތެވެ. އައި ސަރުކާރުގެ ސިޔާސަތުތަކާ އެކު ކުޅިވަރަށް ލިބިގެން ދިޔަ ބޮޑު އަހައްމިއްޔަތުގެ ސަބަބުން ކުޅިވަރުގެ ދާއިރާއިން ގިނަ ތަމްރީންތަކެއް ހޯދަން އެތުލީޓުންނަށް ފުރުސަތު ލިބުނު އިރު މިފަހަރުގެ ގޭމްސްއަށް ސަރުކާރުން ކުރާ އުންމީދު ވެސް ނުހަނު ބޮޑެވެ.

މެއި 12، 2019: ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ފަހަރުގެ މި ގޭމްސް ރާއްޖޭގައި ބާއްވަން ބިޑު ހޯދުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިވަގުތު އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ކުޅިވަރު މިނިސްޓަރު މަހްލޫފް އަންނަނީ އައިއޯއައިޖީއިން ރާއްޖެއަށް ކާމިޔާބީތަކެއް ހޯދައިދިނުމަށް ކެނޑި ނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިނިސްޓަރ މަހްލޫފް ވަނީ މިފަހަރުގެ ގޭމްސްއަށް ހާއްސަ ތަމްރީންތަކެއް އެތުލީޓުންނަށް ދިނުމުގެ ގޮތުން ބޭރުގެ އެކި އެކި ކަންކޮޅުތަކުން ރަނގަޅު ފެންވަރެއްގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވޭނެ ގޮތް ސަރުކާރު މެދުވެރިކޮށް ހަމަޖައްސައިދީފަ އެވެ.

މަޙްލޫފް ވިދާޅުވި ގޮތުގައި މިއަހަރުގެ ގޭމްސްގައި އަމާޒަކީ 15 މެޑަލް ރާއްޖެއިން ހޯދުން ކަމަށާއި މީގެ ކުރިން ގޭމްސްއަކަށް ތައްޔާރުނުވާ މިންވަރަށް މިފަހަރުގެ ގޭމްސްއަށް ރާއްޖޭގެ އެތުލީޓުން ތައްޔާރުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ކޮށްދޭން އެދުނު ކަންކަން ކުރެވެން ހުރި އެންމެ ފުރިހަމަ މިންވަރަށް ކޮށްދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ކޮންޓިންޖެންޓާއި ބައްދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތަށް ކުރިޔަށް ހުރި މުބާރާތްތަކަށް ދިވެހި އެތުލީޓުން ތަމްރީން ކުރުމަށް އެންމެ ރަނގަޅު ފުރުސަތުތައް ކުރިޔަށް އޮތް ހަތަރު އަހަރު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

comment ކޮމެންޓް