ޝައިމް ގެއްލުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭ: ޝިދާތާ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަނީ --- ފޮޓޯ/ މަޖިލިސް

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ގެއްލުނު މައްސަލައިގައި މުޅި ދައުލަތުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވީ އެކަމަނާ މިއަދު މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު މިނިސްޓަރާ ކުރެއްވި ސުވާލަކީ އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިކަމާއި އަދި ޒިންމާ ވާން ޖެހޭ ފަރާތްތަކާ ފިޔަވަޅު އަޅާފައިވާނެ ތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލައިގައި ޖެންޑާ މިނިސްޓްރީ އިން ވަރަށް ބޮޑަށް ޒިންމާވާން ޖެހޭ ކަމަށާއި، ނަމަވެސް އެ މައްސަލައިގައި މުޅި ދައުލަތް ޒިންމާ ވާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޖެންޑާ މިނިސްޓްރީ އަކީ މުހިންމު ދައުރެއް މިކަމުގައި ޒިންމާ ނަގަން ޖެހޭ މުއްސަސާއެއް. ހަމައެއާއެކު އަޅުގަނޑު ގަބޫލުކުރަނީ މުޅި ދައުލަތުން މިކަމުގައި ޒިންމާ ނަގަން ޖެހޭނެ ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ގާއިމުކޮށް އެތަންތަން ހިންގުމަކީ ވެސް ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އަދި ކުޑަކުދިންގެ ހިޔާގައި ތަންރީނު ލިބިފައިވާ މުވައްޒަފުންނާއި ކުދިންގެ ކަންކަން ބެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށާއި، ތަނުގެ އިންފްރާސްޓްރަކްޗާ ވެސް ވަރަށް ބޮޑަށް ވީރާނާވެ، ތަން ހިންގުމަށް އެކަށީގެންވާ ބަޖެޓެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ފާއިތުވި ހައެއްކަ އަހަރު މަސައްކަތް ކުރަމުން މި ދަނީ އަންޑާ ބަޖެޓުކޮށް. މިހާރުވެސް ކުޑަކުދިންގެ ހިޔާގައި ތޭރަ އަހަރާ އަށާރަ އަހަރާ ދެމެދުގެ 42 ކުދިން ބަލަހައްޓަމުންދާ އިރު އެތަނުގައި 29 މުވައްޒަފުން މަދުކޮށް މި މަސައްކަތް ކުރަނީ. އެހެން މަރުކަޒުތަކުގައި ވެސް ކުދިންގެ އަދަދު އިތުރުވަމުންދޭ. އެކަމަކު އެކުދިން ބަލަހައްޓާނެ މީހުން ނެތްކަން ފާހަގަކުރަން،" ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝައިމް ގެއްލުނުކަން އެނގުނު ހިސާބުން ފެށިގެން ހުރިހާ ފަންގިފިލާއެއް ބަލާފައި ވާނެ ކަމަށާއި، އަދި ޝައިމް ފެންނަން ދެން ފުލުހުންނާ ގުޅިގެން އެ މިނިސްޓްރީ އިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ޝައިމް ގެއްލުނު އިރު ޑިއުޓީގައި ހުރި އެއް މުވައްޒަފަކު ވަގުތީ ގޮތުން މަސައްކަތުން ދުރުކޮށް ސަސްޕެންޑު ކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިދާތާ ވަނީ ޝައިމް ދައުލަތުގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދެވުނު ހިސާބުން އޭނާ ގެއްލުމާއި ހަމައަށް ހިނގާފައިވާ ކަންތައް ހިއްސާކުރައްވައިފަ އެވެ. ޝައިމް އާ ބެހޭ ހުރިހާ މައުލޫމާތެއް މިނިސްޓަރު ޝިދާތާ މީޑިއާގައި އާންމު ކުރުމުން ވެސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމަޒުވެފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ ޝައިމްގެ އެއްވެސް ޒާތީ މައުލޫމާތެއް ހާމަކޮށްފައި ނުވާނެ ކަމަށާއި، ހާމަކުރީ މައްސަލައާ ގުޅުންހުރި މައުލޫމާތު އެކަނި ކަމަށެވެ. އަދި މައުލޫމާތު ހިއްސާކުރީ މީޑިއާތަކުގައި މައްސަލައާ ގުޅިގެން އޮޅުން އަރާ ގޮތަކަށް މައުލޫމާތު ދައުރުވަމުން ދިއުމުން ކަމަށެވެ.

"އަޅުގަނޑުގެ ގާނޫނީ ޒިންމާއެއް އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި އެކަންކަން ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް އޮތް ނަމަ އެކަންކަން އޮޅުންފިލުވުމުމަކީ. ކުއްޖާގެ އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެކަން ފާހަގަކުރަން،" ޝިދާތާ ވިދާޅުވިއެވެ.

ޝައިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އޭރު އޭނާ ހުރީ ބަލާނެ މީހަކު ނުވެގެން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގަ އެވެ.

ފުލުހުން ޝައިމް ހޯދާފަައި ވަނީ ޖުލައި އެއް ވަނަ ދުވަހު ބުރުޒުމަގު މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރެއިން އެވެ. އަދި ޝައިމް ފިލައިގެން ދިޔުމުން ފޮރުވައިގެން ގެންގުޅު ކަމުގެ ތުހުމަތުގައި 46 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ފިރިހެން ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް