ބީއެެމްއެލްއަށް އާ ސީއީއޯއެއް ހަމަޖައްސައިފި

ބީއެމްއެލްގެ އާ ސީއީއޯ ޓިމޮތީ ސޯޔާ : ޓިމް ވަނީ ބަިއނަލްއަގުވާމީ މާލީ ދާއިރާގައި 30 އަހަރު ހޭދަކުރައްވާފައި -- ފޮޓޯ/ ބީއެމްއެލް

ގައުމީ ބޭންކް، ބީއެމްއެލްއަށް އާ ސީއީއޯއެއް ހަމަޖައްސައިފި އެވެ.

އެ މަގާމަށް ހަމަޖެއްސީ ޓިމޮތީ ސޯޔާ އެވެ. ޓިމް އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަގުވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެ ތެރޭގައި އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.

ޓިމް ބީއެމްއެލްއާ ގުޅިވަޑައިގަންނަވަނީ ޔޫކޭ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭ ގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަގާމުގައި ހުންނެވުމަށްފަހު އެވެ.

އިނޮވޭޓް ޔޫކޭގެ ކުރިން ޓިމް މަސައްކަތް ކުރެރެއްވީ ސްޓާޓް އަޕް ލޯންސްގެ ސީއީއޯގެ ގޮތުގަ އެވެ. ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް ޓިމް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ވަނީ ކުއީން އެލިޒަަބަތު ދެއްވާ ކޮމާންޑަރު އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރު އޮފް ދި ބްރިޓިޝް އެންޕަޔާ (ސީބީއީ) އެވޯޑް ލިބިލައްވާފަ އެވެ.

ޓިމް ވަނީ ކަހޫޓް، ކެންޓް ރިލަޔަންސް ފަދަ ކުރިއަރާފައިވާ އެކިއެކި މާލީ އިދާރާތަކުގެ އެންމެ އިސް މަގާމުތައް ވެސް ފުރުއްވާފަ އެވެ. އަދި މީގެ އިތުރުން ޓިމް ވަނީ ބޭންކް ޑުބޮއާ އޮފް ސުވިޒަލޭންޑް އަދި ޔޫކޭގައި ލޯނު ދޫކުރާ ކުންފުންޏެއްކަމަށްވާ ފޯކްޓުފޯކް ގެ ޗެއާމަންކަން ވެސް ކުރައްވާފަ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، އެންޑްރޫ ހީލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެވެ.

އާ ސީއީއޯއެއް ބީއެމްއެލްއަށް ހަމަޖެއްސިއިރު، އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި އާ ސީއީއޯ ހިއްސާދާރުންނަށް ތައާރަފްވާނެ އެވެ.

comment ކޮމެންޓް