ޖޭއެސްސީއަށް އާންމުންގެ ތެރެއިން މީހަކު ހޯދުމަށް އިއުލާންކޮށްފި

މަޖިލިސް: ޖޭއެސްސީގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާނެ މީހަކު ހޯދުމަށް ވަނީ އިއުލާން ކޮށްފައި -- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް މި ހުޅުވާލީ އާންމުގެތެރެއިން ކަނޑައަޅާފައިވާ އަބްދުލް ހަންނާން އަހްމަދުގެ ދައުރު ހަމަވާތީ އެވެ.

މަޖިލީހުން މިއަދު ކުރި އިއުލާނުގައި ބުނީ، އާންމުންގެ ތެރެއިން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކުގެ މަގާމަށް ކުރިމަތިލާން އޭދޭ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާ އެކު މަޖިލީހުގެ އިދާރާ އަށް ހުށަހެޅުމަށެވެ.

ޖެއެސްސީގެ މެމްބަރުކަމުގެ ޝަރުތު:

  1. މުސްލިމަކު ކަމުގައިވުން
  2. ދިވެހި ރައްޔިތަކު ކަމުގައިވުން
  3. އުމުރުން 25 އަހަރުވެފައިވުން
  4. އިސްލާމްދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަރުގެ ކުށެށް، ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  5. ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  6. ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
  7. ބުއްދި ހަމައަށް ހުރި މީހަކަށްވުން

ގާނޫނު އަސާސީއާ ޖޭއެސްސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަންގައި ހުރެވޭނީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ. އަދި އެ ދައުރު ހަމަވުމުން އެ މީހަކު އަލުން ކޮމިޝަނަށް އައްޔަން ނުކުރެވޭނެއެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް:

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް
  2. އުއްތަމަ ފަނޑިޔާރުފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކު
  3. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު
  4. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކު
  5. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅާ މީހެއް
  6. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކު
  7. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު
  8. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  9. ދައުލަތުގެ ބަންޑާރަ ނައިބު
  10. ވަކީލުންގެ ފަރާތުން އިންތިހާބު ކުރާ މެމްބަރަކު
comment ކޮމެންޓް