ވޯޓު އަލުން ގުނުމުންވެސް އެއް ވޯޓުގެ ތަފާތުން އަނާރާ އިންތިހާބު ކާމިޔާބުކޮށްފި

އަނާރާ ނައީމް: ވޯޓު އަލުން ގުނުމުންވެސް އެއް ވޯޓުން އަނާރާ އިންތިހާބު ކާމިޔާބު ކުރި --- ފައިލް ފޮޓޯ/ މަޖިލިސް

އިއްޔެ ބޭއްވި ބާ ކައުންސިލު އިންތިހާބުގެ ވޯޓު އަލުން ގުނުމުންވެސް އެއް ވޯޓުގެ ތަފާތުން ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް އިންތިޚާބުވެއްޖެއެވެ.

ވޯޓު އަލުން ގުނަން މިއަދު ނިންމީ، ބާ ކައުންސިލުގެ ހިނގާ ކޮމިޓީއަށް އިންތިޚާބުވި އަނާރާއާއި، އިންތިހާބުގައި ވާދަކުރި އަބްދުލްމާނިއު ހުސައިންއާ ދެމެދުގައި އެއް ވޯޓުގެ ތަފާތު ހުރުމުން ވޯޓު ފޮށިތައް އަލުން ގުނައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެނެވެ.

ރަސްމީ ނަތީޖާ މިހާރު އިލެކްޝަންސް ކޮމިޝަަނުން ވަނީ އިއުލާން ކޮށްފައެވެ. ދެވަނަ ފަހަރަށްވެސް ގުނުމަށްފަހު އިއުލާނުކުރި ރަސްމީ ނަތީޖާގައިވެސް ވާ ގޮތުން، ވޯޓުގެ އަދަދަކަށް ބަދަލެއް ނާދެއެވެ.

ރަސްމީ ނަތީޖާ ދައްކާ ގޮތުން، އަނާރާއަށް ލިބިވަޑައިގަތީ، 343 ވޯޓެވެ. މާނިއުއަށް ލިބިވަޑައިގެންނެވީ 342 ވޯޓެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަަށް ހޮވުނު މީހުންގެ ރަސްމީ ނަތީޖާ:

  • މުހައްމަދު ފައިސަލް – 637 ވޯޓް
  • އަހްމަދު މުއިއްޒު – 627 ވޯޓް
  • އައިޝާ ޝުޖޫން މުހައްމަދު – 445 ވޯޓް
  • އަނަސް އަބްދުއްސައްތާރު – 361 ވޯޓް
  • މުހައްމަދު އަސީލް ހަސަން – 356 ވޯޓް
  • އަނާރާ ނައީމް – 343 ވޯޓް

އިއްޔެ ބޭއްވި ބާ ކައުންސިލްގެ އިންތިޚާބުގައި ބާ ކައުންސިލު ރައީސްކަމަށް އިންތިހާބު ވެވަޑައިގަތީ މައުމޫން ހަމީދެވެ. އޭނާއަށް 543 ވޯޓް ލިބިލެއްވިއިރު، މައުމޫންއާ ވާދަކުރެއްވި ހުސްނުއްސުއޫދުއަށް ލިބިލެއްވީ 401 ވޯޓެވެ.

ނައިބު ރައީސްއަކަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒުއެވެ. ބޮޑު ތަފާތަކާއެކު ނައިބު ރައީސްގެ މަގާމަށް މުއިއްޒު އިންތިހާބްވެވަޑައިގަތީ 792 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމަށް ލިބިލެއްވީ 139 ވޯޓެވެ.

ޖުމްލަ 1،488 ވަކީލުން ވޯޓުލެއްވުމަށް ރަޖިސްޓްރީ ކުރެއްވި ނަމަވެސް ވޯޓް ލައްވާފައިވަނީ 955 ވަކީލުންނެވެ.

comment ކޮމެންޓް