ވިއްސާރައިގެ ސަބަބުން ނޭޕާލާއި އިންޑިއާއިން 50އަށް ވުރެ ގިނަ މަރު

އިންޑިއާ އާއި ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި 50އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި -- ފޮޓޯ: އީޕީއޭ

ކަތަމަންޑޫ (ޖުލައި 14): އިންޑިއާ އާއި ނޭޕާލުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ނޭޕާލު ފުލުހުން ބުނި ގޮތުގައި އެގައުމަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 43 މީހުން މަރުވެ، 24 މީހުން ވަނީ ގެއްލިފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވަނީ ފެންބޮޑުވުމާ ކުރިމަތިލާން ޖެހިފަ އެވެ.

ނޭޕާލު ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެމީހުން ވަނީ ފެން ވަދެފައިވާ 10،385 ގެޔަކުން ހާލުގައި ޖެހުނު 1،100 މީހުން ސަލާމަތްކޮށްފަ އެވެ.

މީގެ އިތުރުން، ޖޫން މަހުން ސެޕްޓެމްބަރާ ހަމައަށް ކުރާ މޫސުމީ ވިއްސާރައިގައި އިންޑިއާގެ އާސާމާއި އަރޫނާޗަލް ޕްރަދޭޝްއަށް ވެސް ވަނީ ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެފަ އެވެ. އަދި އާސާމުން ފާއިތުވި 72 ގަޑި އިރު ތެރޭ 10 މީހަކު މަރުވެ، އަރޫނާޗަލް ޕްރަދޭޝްއިން ހަ މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

ނޭޕާލާއި އިންޑިއާއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެ ގައުމުގެވެސް ބައެއް ސަރަހައްދުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ އެވެ.

comment ކޮމެންޓް