ފުނައްޑޫ ފަރަށް ޓަގަކާއި ބާޖެއް އެރިތާ ދެ އަހަރު، ފުން ނުކުރެވި ގެއްލުން

ފުނައްޑޫ ފަރަށް އަރާފައިވާ ބާޖް: އެ ބާޖް ފުންނުކުރެވި ފަރަށް ގެއްލުންވެ، ސާފަރުންނަށް ވެސް ވަނީ ހުރަސްއެޅިފައި.

ތ. ފުނައްޑޫ ފަރަށް 2017 ވަނަ އަހަރު އެރި ބާޖަކާއި އެ ބާޖު ކަފުޖަހައިގެން ދިޔަ ޓަގްބޯޓެއް އަދިވެސް ފުން ކުރެވިފައި ނުވާ މައްސަލަ ފެންމަތި ވެއްޖެއެވެ.

ފުނައްޑޫއަކީ މަސް ފެކްޓްރީއެއް ހިންގަން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ރަށެކެވެ. އެ ރަށުގެ ހުޅަނގު ދެކުނާ ވީ ދިމާލުން ބޭރަކީ ރާޅާ އެޅުންތެރިންގެ ސުވަރުގެއެއް ފަދަ ސާފް ސްޕޮޓެކެވެ.

މީގެ ދެ އަހަރު ކުރިން ފުނައްޑޫ ފަރަށް އެރި މި ބާޖަކީ އެމްޓީސީސީން ތިމަރަފުށި އެއަޕޯޓު ހެދުމުގައި ބޭނުންވި ބޮޑު ހިލަތަކެއް ބަރުކޮށްގެން ދިޔަ ބާޖެކެވެ. މިހާތަނަށްވެސް ބާޖު ފުންކުރެވިފައި ނުވާ އިރު، އެކަމުގެ ސަބަބުން އެތަނުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންވެ، އަދި ރާޅާ އަޅާ މީހުންނަށްވެސް އެތަން ބޭނުމެއް ނުކުރެއެވެ.

ޓަގު ބޯޓާއި ބާޖު ފުން ނުކުރެވި އޮތުމަކީ އަތޮޅު ކައުންސިލުގެ ކަންބޮޑުވުމެކެވެ. އެ ކައުންސިލުގެ ރައީސް ރިލްވާން އަބްދުﷲ ވިދާޅުވީ ފުނައްޑޫ ފަރަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީއާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރަން ކުރިއެރުމެއް ލިބުނުކަން ނޭނގޭކަމަށް ވިދާޅުވިއެވެ.

ފުނައްޑޫ ފަރަށް އަރާފައިވާ ބާޖް: އެ ބާޖް ފުންނުކުރެވި ފަރަށް ގެއްލުންވެ، ސާފަރުންނަށް ވެސް ވަނީ ހުރަސްއެޅިފައި.

މީގެ ކުރިން ހީކުރެވިފައި އޮތީ ފަރަށް އެރި ޓަގް ބޯޓާއި ބާޖަކީ އެމްޓީސީސީގެ ތަކެތި ކަމަށެވެ.

ނަމަވެސް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު "ސަން"އަށް ވިދާޅުވީ އެ ބާޖަކީ އެމްޓީސީސީގެ ބާޖެއް ނޫން ކަމަށެވެ. އެއީ އެމްޓީސީސީގެ ހިލަ އުފުއްލަން ހަވާލުކުރި ކުންފުންޏެއްގެ ބާޖެއް ކަމަށް ޝާހު ވިދާޅުވިއެވެ. "ސަން"އިން ގުޅި އިރު ޝާހު ގެންދެވީ އެއީ ކޮން ކުންފުންޏެެއްކަން ހޯދުމަށް ރެކޯޑުތައް ބަލަމުންނެވެ.

ބާޖާއި ޓަގު ފުން ނުކުރެވި ގިނަ ދުވަސްވެފައިވާ ސަބަބާ ގުޅޭ ގޮތުން އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ އެކަން މިހާތަނަށް ކުރެވިފައި ނުވަނީ ބާޖާއި ޓަގު ބޯޓާ ހަވާލުވާނެ ފަރާތެއް ނެތުމުން ކަމަށެވެ. އަދި އޭގެ ވެރިފަރާތާ މެދު ސުވާލު އުފެދިފައި ވުމަކީ ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ އޭޖެންސީއިން ހާމަކުރި ގޮތުގައި ފަރަށް އެރި އުޅަނދުތަކަކީ އިންޑޮނޭޝިއާގެ ކުންފުންޏެއްގެ އުޅަނދުތަކެކެވެ. އެކަމަކު، ފަރަށް އެރުމުން އެ ދެ އުޅަނދު އެ ކުންފުނިން ވަނީ އެހެން ފަރާތަކަށް ވިއްކާލާފައެވެ. އީޕީއޭގެ ސްޓޭންޑަކީ އެއާ ހަވާލުވާން ޖެހޭނީ ފަރަށް އެރި އިރު އޭގެ ވެރި ފަރާތް ކަމަށެވެ. އެކަމަކު، އިންޑޮނޭޝިއާގެ ކުންފުނިން އެކަމާ ދެކޮޅު ހަދައެވެ.

އުޅަނދުތަކުގެ ވެރިފަރާތާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައިވާތީ ނައީމް ވިދާޅުވީ އީޕީއޭއިން ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފައިވާ ކަމަށެވެ.

ފުނައްޑޫ ފަރަށް އަރާފައިވާ ބާޖް: އެ ބާޖް ފުންނުކުރެވި ފަރަށް ގެއްލުންވެ، ސާފަރުންނަށް ވެސް ވަނީ ހުރަސްއެޅިފައި.

ފުނައްޑޫ ފަރަށް ޓަގާއި ބާޖު އަރައި، ސާފް ސްޕޮޓު ބޭނުންކުރުމަށް ބުރޫ އަރާފައިވާތީ ސޯޝަލް މީޑިއާގައި އެކަމާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. އެއީ އެތަނަކީ ސާފިންގް ޓޫރިޒަމަށް ފައްކާ ކުރެވޭނެ ތަނެއް ކަމުންނެވެ.

ފުނައްޑޫ ކައިރީގައި އޮންނަ ކަނިމެންދޫއަކީވެސް މުހިންމު ސާފް ސްޕޮޓެކެވެ. އެތަނަށް ކޮންމެ ދުވަހަކުވެސް ސަފާރީތައް ގޮސް އުޅެއެވެ.

ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ސާފް ޓޫރިޒަމްވެސް ކުރިއެރުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް