ހުކުމްތަކުން ވީއްލި، އަދީބު މިނިވަން ވެއްޖެ

އަދީބު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނެވިއިރު --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ވެއްޖެ އެވެ.

އަދީބު މިނިވަން ވީ ކޮން ދުވަހަކު ކަމެއް ސާފެއް ނުވެ އެވެ. ކަރެކްޝަނަލް ސާވިސްއިން ބުނީ އަދީބު މިހާރު ހުންނެވީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ކޯޓު ހުރުމަތް ކެނޑިކަމުގެ ހުކުމް އަދީބު ތަންފީޒު ކުރަން ފަށާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހު އެވެ. އޭގެ ފަހުން ބޭސްފަރުވާއަށް އިންޑިއާއަށް ފުރާ ވަޑައިގަތުމަށް ހުކުމް ތަންފީޒު ކުރުން މެދު ކަނޑާލުމަށް ފަހު މިމަހުގެ ހަވަނަ ދުވަހު މާލެ އައިސް ހުކުމުގެ ބާކީ ބައި ވަނީ ތަންފީޒުކޮށް ނިންމާފަ އެވެ.

އަދީބުގެ މައްޗަށް ދެން އިއްވާފައިވާ ހުކުމްތަކުގެ ތެރެއިން ފިސްތޯލައެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްވި 10 އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ރައީސް ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ ހުކުމް ރިވިއު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެމައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި ވަކިގޮތެއް ނިމެންދެން އަދީބުގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ. އެހެންވީމަ މިނިވަންވި ނަމަވެސް ރާއްޖެއިން ބޭރަށް އަދީބަށް ވަޑައެއް ނުގަނެވޭނެ އެވެ.

comment ކޮމެންޓް