ބަންގުލަދޭޝްގެ ކުރީގެ ރައީސް އިރުޝާދު އަވަހާރަވެއްޖެ

ބަންގުލަދޭޝްގައި ވެރިކަން ކުރެއްވި ހުސެން މުހައްމަދު އިރުޝާދު ވަނީ މިއަދު އަވަހާރަވެފަ -- ފޮޓޯ: އޭޕީ

ޑާކާ (ޖުލައި 14): ބަންގުލަދޭޝްގެ ކުރީގެ ރައީސް އަދި އަސްކަރީ ޑިކްޓޭޓަރު ހުސެން މުހައްމަދު އިރުޝާދު މިއަދު އަވަހާރަވެއްޖެ އެވެ.

އިރުޝާދުގެ އާއިލާގެ މެމްބަރަކު ވިދާޅުވި ގޮތުގައި އޭނާ އަވަހާރަވީ ފުއްޕާމެ އާއި ކިޑްނީގެ އިންފެކްޝަނަކަށް ޑާކާ މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި މިދިޔަ މަހުގެ 26ގައި އެޑްމިޓު ކުރި އިރުޝާދު އަވަހާރަވީ ލައިފް ސަޕޯޓުގައި އޮއްވަ އެވެ. އޭރު އޭނާގެ އުމުރުން 89 އަހަރެވެ.

ބަންގުލަދޭޝްގެ ވެރިކަމަށް 1982ގައި އިރުޝާދު ވަޑައިގެންނެވީ އޭރު އޮތް އިންތިހާބީ ސަރުކާރު ވައްޓާލުމަށް ފަހުގަ އެވެ. އަދި އޭނާ ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހުނީ މިހާރުގެ ބޮޑުވަޒީރު ޝޭހް ހަސީނާ އާއި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އިސްކޮށް ތިއްބެވި ޑިމޮކްރެސީގެ ހަރަކާތްތަކާ ގުޅިގެން 1990ގަ އެވެ.

އޭގެ ފަހުން 1991ގައި އިރުޝާދު ހައްޔަރު ކުރުމަށް ފަހު، 1997ގައި ކަފާލާތުގެ ދަށުން ދޫކޮށްލި އެވެ. އަދި ޖަލުން ދޫކޮށްލި ފަހުން މަޖިލިސް މެމްބަރުކަން ކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ އިރުޝާދު ހުންނެވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިދިކޮޅު ލީޑަރުގެ ގޮތުގަ އެވެ.

comment ކޮމެންޓް