އީދަށް ރަށަށްދާއިރު ހަދިޔާ ގަނެލަން ރަނގަޅު ފުރުސަތެއް

ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނައިޓްމާކެޓް -- ސަން ފޮޓޯ

ބޮޑު އީދު މިއޮތީ މާ ދުރަކު ނޫނެވެ. އަންނަ މަހުގެ ނުވަޔަކުން ފެށިގެން ބޮޑު އީދިގެ ބޮޑު ބަންދު ފެށުނީ އެވެ. ގިނަ ބަޔަކު މިހާރު އީދަށް ރަށަށް ދާން ފޮށިތަންމަތި ބަނުމަށް މަސައްކަތް ފަށާނެ އެވެ. ރަށުގައި ތިބި އާއިލާގެ ކުދިންނަށާއި ރައްޓެހިންނަށް ހަދިޔާ ގަންނަން ނިކުންނަން ތައްޔާރުވާ މީހުން ވެސް ތިބޭނެ އެވެ. ރަށަށް ދާއިރު ގެންދާނެ ހަދިޔާ ގަންނަން ރަނގަޅު ފުރުސަތެއް އެބައޮތެވެ.

މިމަހުގެ 26 އިން އަންނަ މަހުގެ އެކަކަށް ލިކަމެކް އިން މާލޭގައި އަނެއްކާ ވެސް ނައިޓްމާކެޓެއް ބާއްވަނީ އެވެ. ނައިޓްމާކެޓުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ސްޓޯލް ވިއްކަން ފަށާފައިވާ އިރު 230 ސްޓޯލް ވިއްކާނެ އެވެ. މިފަހަރު ލިކަމެކް އިން ނައިޓްމާކެޓް ބާއްވަނީ ރަސްފަންނު ސަރަހައްދުގަ އެވެ.

އާންމުކޮށް އޮންލައިން ވެބްސައިޓުތަކުން އެއްޗެހި ގެނެސްގެން ވިއްކާ މީހުންނަށް، އެމީހުންގެ އަތުގައި ހުންނަ މުދާކޮޅު ވިއްކާލަން ވެސް މިއީ ރަނގަޅު ފުރުސަތަކަށްވާނެ އެވެ. ލިކަމެކް އިން ބުނީ ނައިޓްމާކެޓަކީ އެގްޒިބިޓަރުންނަށް ވެސް ވިޔަފާރީގެ ގޮތުން ރަނގަޅު ފައިދާއެއް ލިބޭނެ ނައިޓްމާކެޓަކަށް ވާނެ ކަމަށެވެ. ހާއްސަކޮށް އީދާ ދިމާކޮށް ބާއްވާ ވިޔަފާރީގެ އީދަކީ އަތުގައި މިހާރު ހުރި މުދާކޮޅު ވިއްކާލާ، އަލުން އާ މުދާ ގަންނަން އީދުބަންދުގައި ރާއްޖެއިން ބޭރަށް ނައްޓާލުމުގެ ކުރިން ފައިސާ ކޮޅެއް ހޯދާލަން ލިބޭނެ ފުރުސަތަކަށް ވާނެ އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ނައިޓްމާކެޓް -- ސަން ފޮޓޯ

އައިޖީއެމްއެޗުން ފެށިގެން ޔޫތުސެންޓަރާ ހަމައަށް އޮންނަ ސަރަހައްދުގައި ކުރިއަށްދާނެ މި މާކެޓުގެ ސްޓޯލެއްގެ އަގަކީ 8000 ރުފިޔާ އެވެ. ސްޓޯލުތަކަށް ކަރަންޓު ދިނުމުގެ ކަންތައް ލިކަމެކް އިން ކޮށްްދޭނެ އެވެ.

ޒަމާނުއްސުރެ މާލޭގައި ނައިޓްމާކެޓު ބާއްވަމުންދިޔައީ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގުގަ އެވެ. ނަމަވެސް ބްރިޖުގެ މަސައްކަތަށް މަގު ބަންދުކުރުމުން ނައިޓްމާކެޓުގެ ފޯރިވެސް މާލެ އިން ފިލައިގެން ދިޔައީ އެވެ. ބައެއް ފަހަރު ހުޅުމާލޭ ރުއްގަނޑުގައި ނައިޓްމާކެޓެއް ބޭއްވި ނަމަވެސް "ލާޖް ސްކޭލް" ކޮށް މިކަން ނުކުރާތާ އަހަރުތަކެއް ފަހުން މި އަހަރު ލިކަމެކް އިން ވަނީ ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޑޯ ނައިޓްމާކެޓު ވެސް ބާއްވައިފަ އެވެ.

ދަރުބާރުގޭގައި ބޭއްވި އެ މާކެޓަށް އެވްރެޖުކޮށް ރެއެއްގެ ތެރޭ 30،000 އާއި 40،000 އާ ދެމެދުގެ އަދަދަކަށް މީހުން ވަނެވެ. ސްޓޯލުތައް ބެހެއްޓި ފަރާތްތަކަށް ވެސް ރެއެއްގެ މައްޗަށް ވިއްސަކަށް ހާސް ރުފިޔާގެ އާމްދަނީ ލިބުނެވެ. ރޯދައާއި ދިމާކޮށް ބޭއްވި އެ ނައިޓްމާކެޓުން ރޯދައަށް ގޭތެރެއަށް ބޭނުންވާ ސާމާނު ގަންނަން ބޭނުންވި މީހުންނަށް އުފާވެރިކަން ގެނެސްދިނެވެ.

ލިކަމެކް އިން ބުނީ މާލޭގައި ބާއްވާ ނައިޓްމާކެޓަކީ ނައިޓްމާކެޓް ބޭއްވުމުގެ ގަވައިދަށް ފެތޭ މާކެޓެއް ކަމަށެވެ.

ދަރުބާރުގޭގައި ކުރިށް ގެންދާ މިއަހަރުގެ ނައިޓް މާކެޓް ގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ފެއާ، ނައިޓު މާކެޓު ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލު"ގައި ބުނެފައި ވަނީ އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރެވޭ ގޮތަށް ނައިޓުމާކެޓުތައް ބާއްވަން ވާނީ ކޮންމެވެސް މުނާސަބަތަކާ ގުޅުވައިގެން ކަމަށެވެ.

ލިކަމެކް އިން ބުނީ ނައިޓްމާކެޓް ކުރިއަށްދާއިރު އެ ސަރަހައްދުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ކަންތައް އެ ކުންފުނިން ކުރާނެ ކަމަށެވެ. އެ ސަރަހައްދުގައި ސެކިޔުރިޓީ ކެމެރާ ހަރުކޮށް ސަރަހައްދު ބަލާނެ ކަމަށާއި މާކެޓް ކުރިއަށްދާ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ވެސް އެ ކުންފުނިން އިސްކަންދޭނެ ކަމަށެވެ.

މާލޭގައި ބާއްވާ ބޮޑު ނައިޓްމާކެޓުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން، ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ހިފޭނެ އެވެ. ނައިޓްމާކެޓަށް ޒިޔާރަތްކޮށް، އީދަށް ރަށަށް ދިޔުމުގެ ކުރިން ރަށުގައި ތިބި އާއިލާގެ ކުދިންނަށާއި ރައްޓެހިންނަށް ހަދިޔާ ގަތުމަށް މިއީ ރަނގަޅު ފުރުސަތަކަށްވާނެ އެވެ.

ނައިޓްމާކެޓުގައި ބައިވެރިވުމަށް ބޭނުވާ ފަރާތްތަކަށް ސްޓޯލު ބައްލަވައިގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ލިކަމެކްގެ އޮފީސް G.E.K.A.M ބިލްޑިންގެ އަށްވަނަ ފަންގިފިލާ އަށް ޒިޔާރަތްކޮށްގެން ސްޓޯލް ބުކް ކުރެވޭނެ އެވެ. އަދި 24 ގަޑިއިރު ގުޅޭ ހޮޓްލައިން 9409999 އަށް ގުޅައިގެން ވެސް ސްޓޯލް ބުކް ކުރެވޭނެ އެވެ.

comment ކޮމެންޓް