މަތީ ތައުލީމު ހާސިލު ކުރަން 163 ދަރިވަރަކަށް ލޯންދީފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ

ސްޓޫޑަންޓް ލޯން ސުކީމްގެ ދަށުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން 163 ކުއްޖަކަށް ލޯނު ދޫކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަނުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ހުޅުވާލީ ވެސް ލޯނުގެ 163 ފުރުސަތެވެ. މިއީ ފަހުގެ ތާރީހެއްގައި ލޯނަށް ހުޅުވާލި ހުރިހާ ޖާގައަކަށް ލޯނު ދޫކުރި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ހުޅުވާލި ހުރިހާ ސްލޮޓަކަށް ވެސް މިފަހަރު ލޯނު ދޫކޮށްފައި ވަނީ ފޯމުތައް ފުރުމުގައި ކަނޑައަޅާފައިވާ އުސޫލަށް ފެތޭ، ފުރިހަމަ ފޯމުތަކެއް ހުށަހެޅުމުން ކަމަށެވެ.

"މިފަހަރު ލޯނަށް އެދި ހުށަހެޅި ފޯމުތަކަކީ އާދަޔާ ޚިލާފަށް ފުރިހަމަ، ކޮލިޓީ ރަނގަޅު ފޯމުތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައި ވަނީ އެންމެ 79 ފަރާތަކަށެވެ. މިނިސްޓްރީން ބުނީ އެހާ މަދުދަރިވަރުންނަށް ލޯން ނުލިބުނީ ގިނަ އަދަދެއްގެ ދަރިވަރުން އުސޫލާ ހިލާފަށް ފޯމް ފުރުމުން ކަމަށެވެ.

ނަމަވެސް އަލުން ލޯނަށް ފުރުސަތު ހުޅުވާލައި، ފޯމު ފުރަންވީ ގޮތުގެ މައުލޫމާތު އެ މިނިސްޓްރީ އިން ދެމުން ގެންދިޔަ ކަމަށާއި، ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުގެ ތިން ދުވަސް ކުރިން ހުށަހެޅި ހުރިހާ ފޯމުތަކެއް ބަލައި، މައްސަލައެއް އުޅޭ ނަމަ އެކަން ރަނގަޅު ކުރުވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރު 163 ފަރާތަކަށް ލޯނު ދޫކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ކަނޑައަޅާ 79 ޖާގަ އާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކަނޑައެޅި 84 ޖާގަ އެވެ.

ލޯނު ލިބުނު ފަރާތްތަކުގެ މައުލޫމާތު މިހާރު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.

comment ކޮމެންޓް