ރޭގެ އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އައިޖީއެމްއެޗުގައި ފަރުވާދެނީ

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޯފަޅައިގެން ދިޔަ މީހާ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާއަށް އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމުގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ ބިދޭސީ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އޭނާ އަށް ލިބިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ރޭ ސައްޔިދު ކިލެގެފާނު މަގުން ވަންވޭ ފަޅާލާފައި ނުކުތް ސައިކަލެއް މަޖީދީމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ.

އެކްސިޑެންޓުގައި އަނިޔާވީ ދިވެއްސަކަށާއި ބިދޭސީ އަކަށެވެ. އަނިޔާވި ދިވެހި މީހާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އައިޖީއެމްއެޗުން ބުނީ އޭނާ އަމިއްލަ އަށް އެދިގެން އޭނާ މިހާރު އޭޑީކޭ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭޑީކޭ އިން ބުނީ ބަލިމީހުންގެ ޕްރައިވެސީއަށް ޓަކައި ޕޭޝަންޓުންނާ ބެހޭ މައުމޫލާތު، ހުއްދަ ނެތި އާންމު ނުކުރާ ކަމަށެވެ. އެހެންކަމުން އޭޑީކޭ އަށް ބަދަލުކުރި މީހާގެ ހާލަތު ސާފުވާގޮތް ވަނީ ނުވެފައެވެ.

ރޭގެ އެކްސިޑެންޓު ހިނގީ ސައްޔިދު ކިލެގެފާނު މަގުން ވަންވޭ ފަޅާފައި ނުކުތް ޕަލްސާ ސައިކަލު، މަޖީދީމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭވް ސައިކަލެއްގައި ޖެހިގެންނެވެ.

ޕަލްސާ ސައިކަލުގައި ތިބީ ދެ ބިދޭސިންނެވެ. ވޭވް ސައިކަލުގައި ތިބީ ދެ ދިވެހިންނެވެ. އެކްސިޑެންޓު ހިނގުމުން އެތަނުން އެއް ދިވެއްސަކު ވަނީ ފިލައިފައެވެ.

comment ކޮމެންޓް