"މާމުއި"ގެ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި

މާމުއި ގެ ޕޯސްޓަރެއް---

މިހާތަނަށް ބެލުނު އެންމެ ވަރުގަދަ ކޮމެޑީ ކަމަށް ބެލުންތެރިން އިއްތިފާގުވާ "މާމުއި"ގެ އެންމެ ފަހު ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފަހު ޝޯތަކުގެ ޓިކެޓް މިއަދުން ފެށިގެން އޮލިމްޕަހުގައި ވިއްކަމުންދާނެ ކަމަށެވެ. "މާމުއި"ގެ ފަހު ޝޯ ދައްކާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ.

ފިލްމުގެ ޑިމާންޑް މަތިވި ނަމަވެސް އޮލިމްޕަސް ބާރުބޮޑުވުމާއެކު ފިލްމު ބެލުންތެރިންނަށް އަލްވަދާއު ކިޔާނެއެވެ.

މިހާތަނަށް ދެއްކި ހުރިހާ ޝޯއެއްވެސް ހައުސްފުލް އެ ފިލްމަކީ ޑާކްރެއިންގެ އެންމެ އަގުބޮޑު ފިލްމުވެސް މެއެވެ.

ފިލްމު އަޅުވާނީ ހަމައެކަނި އޮލިމްޕަސް ސިނަމާގައެވެ. ފިލްމު ޝްވެކްގައި ނާޅުވާނެއެވެ.

ފިލްމުގައި ހިމަނާފައިވާ މޮޅެތި ޑައިލޮގްތައް މިހާރު އާންމު ދިރިއުޅުމުގައިވެސް ބޭނުންކުރާ މަންޒަރު ފެނެއެވެ. ފިލްމުގައި ހިމެނޭ ބައެއް ޑައިލޮގް ވީޑިއޯ މިހާރު އާންމުކޮށްފައިވާއިރު އެ ވީޑިއޯތައް އަންނަނީ ބެލުންތެރިންގެ މެދުގައި ރަސްކަންކުރަމުންނެވެ.

"މާމުއި" ބަލައިލަން ވަންނަ ކޮންމެ މީހަކުވެސް ފިލްމު ބަލާފައި ނުކުންނަނީ ހިތްހަމަޖެހިގެންނެވެ. މޫނު މަތިން އުފާވެރިކަން ފެނެއެވެ. ފިލްމު ބަލަމުންދާ ވަގުތު ހީ ހީ ހަލާކުވެއެވެ.

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

comment ކޮމެންޓް