"ބަވަތި" އާ ޓްރެއިލާއިން އާ އުންމީދެއް

"ބަވަތި"ގެ 3ޑީ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި"ގެ މުޅިން އާ ޓްރެއިލާއެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އެ ޓްރެއިލާ މީގެ ކުރިން ދައްކާލަފައިވަނީ އޮލިމްޕަސް ސްކްރީނުގައެވެ. ދިވެހި ފިލްމު "މާމުއި" ރިލީޒްކުރި ރޭ އެ ޓްރެއިލާ އޮލިމްޕަހުގައި ދެއްކިއިރު ބެލުންތެރިން ވަނީ "ބަވަތި"ގެ ޓްރެއިލާ އަށް ތަރުހީބުގެ އަތްތިލަބަޑިއެއް ދީފައެވެ.

ޓްރެއިލާ ވަރަށް ފުރިހަމަ ކަމަށް ގިނަ ބަޔަކު ބުންޏެވެ. އެ ޓްރެއިލާ މިހާރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ޓްރެއިލާއަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑެވެ. ފިލްމަށް ކުރާ އުންމީދު އިތުރަށް ބޮޑުވެގެންދެ އެވެ.

ފިލްމުގެ ސަސްޕެންސް އިތުރުވެގެން ދިޔައީ ޓްރެއިލާއިން ފެނިގެން ދިޔަ ކަންތައްތަކުންނެވެ.

ޓްރެއިލާ ފެށިގެން ދިޔައީ ލީޑު ތަރި ނުޒުހަތު ޝުއައިބު އާއި އަހްމަދު އިފްނާޒް ފިރާގުގެ ވާހަކަތަކުންނެވެ. އެދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކުން ހާމަވީ ރަށުގެ މާހައުލުގައި ނުޒޫ އަށް ބޮޑު ކަންތައްގަނޑެއް ދިމާވެގެން އުޅޭ ކަމެވެ. ނަމަވެސް ރަށުގެ މީހުންގެ ވާހަކަތަކަށް ބީރު ކަންފަތެއްދީ އިފްނާޒް ނުޒޫ އާއި ކައިވެނިކޮށް މާލެ ބަދަލުވަނީ ވަރަށް ލޯބިންނެވެ. ނަމަވެސް ދެން ފެނުނު ކަންތައްތަކުން ގިނަ މީހުންގެ ހިތުގައި ސުވާލުމާކު ޖެހިގެން ދިޔައެވެ. ޓްރެއިލާ ނިމުނުއިރު ގިނަ ބަޔަކު ތިބީ ގޮނޑީގައި ވަރަށް ބާރަށް ހިފަހައްޓާލައިގެންނެވެ.

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ތްރިލާ ފިލްމެކެވެ.

"ބަވަތި" އެ ނަން ފިލްމަށް ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާ ގުޅޭތީ ކަމަށް ޑައިރެކްޓަރު އިލްޔާސް ބުންޏެވެ. މާނައަކީ ދެރަ ކަމެއް ވުމަށް ފަހު ދެންވާ ކަންތައްތަކެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ފިލްމު ރިލީޒްކުރާއިރު ބެލުންތެރިން އަންނަނީ ފިލްމަށް ނުހަނު ގިނަ އުންމީދުތަކެއް ކުރަމުންނެވެ.

comment ކޮމެންޓް