ޖަލުތަކުގައި ކުރާ އަނިޔާގެ ސަބަބުން ހަރުކަށި ފިކުރަށް މަގުފަހިވޭ

މާފުށީ ޖަލު ---ސަން ފޮޓޯ// ފަޔާޒު މޫސާ

ޖަލުތަކުގައި ކުރާ އަނިޔާ އަކީ ރާއްޖޭގެ ބައެއް ޒުވާނުން ހަރުކަށި ފިކުރުތަކަށް ދިޔުމަށް މެދުވެރިވާ ސަބަބެއް ކަމަށް ދިވެހި ޒުވާނުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތައް ހޯދުމަށް ނޭޝަންލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާ އަށް ފަހު އެ ސެންޓަރުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" ރިޕޯޓްގައި ބުނެފައި ވަނީ، ހަރުކަށި ފިކުރާއި އަނިޔާވެރިކަން އެންމެ ބޮޑު ވެފައިވާ ގައުމުތަކުގައި އެފަދަ ފިކުރުތައް ޕްރޮމޯޓު ވަނީ ސީދާ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ.

"ރާއްޖޭގައި މިކަން ފާހަގަކޮށްލެވޭ މިންވަރަކަށް އަދި ނެތް ނަމަވެސް، ޖަލުތަކުގައި ދޭ އަނިޔާ ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގައި ވެސް ހަރުކަށި ފިކުރަށް މަގުފަހިކުރުވާ،" އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދު ކުރާ މީހުންނާއި، ކުދި ކުދި ކުށްތަކުގައި ބަންދުކުރާ މީހުން މިނިވަންވުމަށްފަހު މުޖުތަމައު އިން އެމީހުން ބަލައިނުގަތުމުގެ މައްސަލަ ރާއްޖޭގައި ބޮޑު ކަމަށެވެ. އެކަމުގެ ސަބަބުން މުޅިން އާ ދިރިއުޅުމެއް ހޯދުމަށް އެމީހުން ހަރުކަށި ފިކުރުގެ މީހުންނާ ގްރޫޕުތަކާ ގުޅޭ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ޖިހާދުގެ ނަމުގައި ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ ތެރޭގައި ގިނައީ މުޖުތަމައު އިން ބާކީ ކޮށްލާފައި ތިބި މީހުންނާއި، ބޮޑެތި ކުށްތައް ކުރެވިފައި ވާތީ ތައުބާވުމަށް އޮތްގޮތަކީ އެއީ ކަމަށް ދެކިގެން އެކަމަށް ދިޔަ މީހުން ކަމަށެވެ.

ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހުން އަނބުރާ ގެނައުމަކީ ނުރައްކާ ކަމެއް ކަމަށް ވެދާނެ ކަމަށް ރިޕޯޓުގައިވެ އެވެ. ނަމަވެސް އެމީހުން އެ ދިރިއުޅުން ދޫކޮށް އަލުން މުޖުތަމައުގައި އުޅެން ބޭނުންވުމަކީ ވެސް ހަމަ ވަރަށް އެކަށީގެންވާ ކަމެއް ކަމަށާއި ފުލުހުންނާއި، ޝަރުއީ ދާއިރާ އާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ވަކި ވަކި ކޭސްތަކެއްގެ ގޮތުގައި ކޮންމެ މީހަކާ އެކު މަސައްކަތް ކުރުން މުހިންމު ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުތަކަށް ގޮސް، އަނިޔާވެރިވުމުގެ ބިރު އޮތް ކަމަށް ރިޕޯޓު ކުރި ނަމަވެސް، އެއަށް އެކަށީގެންވާ ހެއްކެއް ދެއްކިފައި ނުވާ ކަމަށް ދިރާސާގެ ބައިވެރިން ގަބޫލުކުރެ އެވެ.

ރަށްރަށުގައި ހަރުކަށި ފިކުރުތައް އުޅޭކަމަށް ގަބޫލުކުރަނީ ދިރާސާގައި ބައިވެރިވި މީހުންގެ 10 ޕަސެންޓެވެެ. ނަމަވެސް ރާއްޖޭގައި ވެސް މަދު ބައެއްގެ ތެރޭގައި އެފަދަ ވިސްނުން ހުރި ކަން ދިރާސާގެ ބައިވެރިން ގަބޫލު ކުރެ އެވެ.

ގައުމީ ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާ އެކު، މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ފެބުރުއަރީގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސާވޭގައި 173 ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.

އެ ދިރާސާގެ ބައިވެރިން، ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ހަތް މައްސަލައެކެވެ. މައްސަލަތަކަށް ބަލާއިރު، އެންމެ ގިނަ ޒުވާނުން ގަބޫލު ކުރަނީ، ޒުވާނުންގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަނެވެ. އަދި ލިސްޓުގެ އެންމެ ފަހަތުގައި އޮތީ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނަ އަޅާ ދިޔުމުގެ މައްސަލަ އެވެ.

comment ކޮމެންޓް