މާލޭގެ އިމާރާތެއްގެ ބެލްކަނީއިން ބައެއް މަގުމައްޗަށް ވެއްޓިއްޖެ

މާފަންނުގައި ހުންނަ އިމާރާތެއްގެ ބެލްކަނީއިން ބައެއް ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 00:50 އެހާކަންހާއިރު މާފަންނުގެ އިމާރާތެއްގެ ބެލްކަނީއިން ބައެއް މަގުމައްޗަށް ވެއްޓިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ރޭގެ ހާދިސާގައި މަގުމައްޗަށް ވެއްޓިފައި ވަނީ ބެލްކަނީގެ ތިރީގެ ކޮންކްރީޓެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ހާދިސާ ހިނގި ސަރަހައްދަށް ގޮސް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބެލްކަނީ ވެއްޓުނު މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ހަފްތާތަކެއް ކުރިން މާލޭގެ ބާ އިމާރާތެއްގެ ބެލްކަނީއެއް މަގުމައްޗަށް ވެއްޓި ތިރީގައި ތިބި ދެ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ. އެކަމާ ގުޅިގެން ދުވަސްވީ އިމާރާތްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް މަސީ ޖަމިއްޔާއިން ގޮވާލި އެވެ. އެކަމަކު، އަދި އެފަދަ އިންސްޕެކްޝަނެއް ފަށާފައި ނުވެ އެވެ.

comment ކޮމެންޓް