ރަޝިޔާއިން އުފައްދާ އެސް 400 ނިޒާމުގެ ބައިތައް ތުުރުކީ އަށް ގެންގޮސްފި

ރަޝިއާގެ އެންޓަނޯވް މަރުކާގެ އެއާޓްރާންސްޕޯޓް ކާގޯ މަތިންދާ ބޯޓެއް ތުރުކީގެ ވައިގެ ބޭހަށް ޖައްސަނީ

އަންކަރާ (ޖުލައި 13) : ރަޝިޔާއިން އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމުގެ ބައެއް ބައިތައް ރަޝިޔާއިން ފޯރުކޮށްދިނުމުން އެތަކެއްޗާ ހަވާލުވެއްޖެކަން ތުރުކީން ހާމަކޮށްފި އެވެ.

ތުރުކީގެ ދިފާއީ ވުޒާރާއިން ބުނީ އެސް 400 ނިޒާމުގެ ބައިތަކުގެ ފުރަތަމަ ޝިޕްމަންޓް ރަޝިޔާގެ އެއާޓްރާންސްޕޯޓް މަތިންދާބޯޓަކުން ގެންސްދީފި ކަމަށާ މިތަކެއްޗާ ހަވާލުވުމުގެ ރަސްމިއްޔާތު އޮތީ އަންކަރާގައި ހުންނަ އަސްކަރީ ބޭހެއްކަމަށްވާ މުރްދަތު ވައިގެ ބޭހުގައިކަމުގަ އެވެ.

އެސް 400 ނިޒާމުގެ ބައިތައް ހިފައިގެން ރަޝިޔާގެ އެއާޓްރާންސްޕޯޓް މަތިންދާބޯޓުގެ ތިން ބޯޓުވަނީ އިއްޔެ މުރްދަތު ވައިގެ ބޭހަށް ޖައްސައިފަ އެވެ. އެސް 400 މަރުކާގެ ދިފާއީ ނިޒާމަކީ އެމެރިކާ އުފައްދާފައިވާ އެންމެފަހުގެ ޒަމާނީ ފައިޓާޖެޓްކަމަށް އެފް 35 މަރުކާގެ ސްޓެލްތް ފައިޓާ ޖެޓްވެސް ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެއްކަމުން ރަޝިޔާގެ މި އުފެއްދުމާމެދު އެމެރިކާ ވަނީ ކަންބޮޑުވެފަ އެވެ.

ނޭޓޯގެ ގައުމެއްކަމަށްވާ ތުރުކީ އެމެރިކާގެ އަސްކަރީ ބައިވެރިއެއްގެ ގޮތުގައި އޮވެ ރަޝިޔާގެ ހަތިޔާރު ގަންނަން ފެށުމުން އެމެރިކާވަނީ މާޔޫސްގެ އެފް 35 މަރުކާގެ ސްޓެލްތް ފައިޓާ ޖެޓް ތުރުކީއަށް ލިބުން މަނާކޮށްފަ އެވެ. މީގެ އިތުރުން މިމައްސަލާގައި އެމެރިކާވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ. ނަމަވެސް އެމެރިކާގެ އެއްވެސް އިންޒާރަކަށް ބެލުމެއްނެތި ތުރުކީވަނީ އެސް 400 ނިޒާމުގެރަޝިޔާއިން ގަތުމުގެ ހުރިހާކަމެއް ނިންމާފައެވެ.

ތުރުކީންވަނީ އެމެރިކާ ގެ ބިރުދެއްކުންތަކަށާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯނުލަނބާނެކަން ފާޅުގައި އެމެރިކާއަށް އަންގައި އެމެރިކާއަށް ގޮންޖަހައިފަ އެވެ. މިގޮތަށް އެމެރިކާއަށް ގޮންޖަހާލަން ތުރުކީއަށް ކެރުނީ އެމެރިކާ އިންޒާރުތައް ދިން ނަމަވެސް އެމެރިކާ އިގްތިސާދީ ގޮތުން ބަލިކަށިވެ ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެގެންދާކަން ކަށަވަރުވާތީ ކަމަށް މުރާސިލުން ބުނެ އެވެ. އެސް 400 މަރުކާގެ ދިފާއީ ނިޒާމުގެ ރުކުރުވާލަން ޖެހޭ ސަރަހައްދުތައް ކަނޑައެޅުމުގެ ކަންތައް ކުރިޔަށްދާކަން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.

އުރުދުޣާން ވިދާޅުވެފައި ވަނީ އެސް ފޯހަންޑްރެޑްގެ ބެޓްރީތަކާއި އޭގެ ރާޑަރުތައް ރުކުރުވާލަންޖެހޭ ސަރަހައްދުތައް ކަނޑައެޅުމުގެ ކަންތައް ކުރިޔަށް ގެންދަނީ ތުރުކީގެ ދިފާއީ ވުޒާރާއާއި ސިފައިންގެ ޗީފް އޮފް ސްޓާފްގެ އޮފީސް ގުޅިގެންކަމުގަ އެވެ. ރަޝިޔާއިން އުފައްދާ އެސް 400 މަރުކާގެ ދިފާއީ ނިޒާމަކީ އެމެރިކާއިން އުފައްދާ މިބާވަތުގެ ދިފާއީ ނިޒާމުތަކަށްވުރެ މާ ގާބިލް އަދި ޓެކްނޮލޮޖީގެ ގޮތުން ފެންވަރުމަތީ ނިޒާމެއްކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެ އެވެ. (އަނަތޯލިއާ ނޫސްއެޖެންސީ)

ގުޅޭ ޓެގު
comment ކޮމެންޓް