އެސްޓީއޯގެ ދަށަށް މިފްކޯ ގެނައުމުން 450 މިލިއަން ރުފިޔާގެ ގެއްލުންވި: އަމްރު

އެސްޓީއޯގެ އެމްޑީ އަމްރު: އޭނާ ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ގެނައުމުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯގެ ދަށަށް ބަނގުރޫޓުވި މަސް ކުންފުނި، މިފްކޯ ގެނައުމުން މިއަހަރުގެ މިހާތަނަށް އެސްޓީއޯއަށް 450 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް 'ޖަޒީރާ ހޮޅުއަށި' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، އެސްޓީއޯ ދަށަށް މިފްކޯ ގެނައީ އެ ކުންފުނިން ބޭނުން ވެގެން ނޫން ކަމަށާއި އެކަން ކުރީ ބަނގުރޫޓުވުމުން ދެން ހަނދާނެ ގޮތެއް ނެތިގެން ކަމަށެވެ.

އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި މޯލްޑިވަސް (އެފްއެސްއެމް) އިން މިފްކޯއަށް އަށް ދޫކުރާ ތެޔޮ މަސްވެރިންއަށް ވިއްކުމަށް ފަހު އެ ފައިސާ ވެސް އެސްޓީއޯއަށް ލިބެމުން ނުދާ ކަން އަމްރު ފާހަގަކުރެއްވި އެވެ. އަދި އެ ފައިސާގެ އަދަދު 230 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

މިހާރު ގދ. ތިނަދޫގައި ބޭއްވި 'ޖަޒީރާ ހޮޅުއަށި' ޖަލްސާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

"މިފްކޯ އެސްޓީއޯ ދަށަށް އައުމާ ގުޅިގެން އެސްޓީއޯއަށް މިވަގުތު ގާތްގަޑަކަށް 450 މިލިއަން ރުފިޔާ ގެއްލުން ވަމުން ދަނީ. މިއަހަރާއި ހަމައަށް މިހާރުވެފައިވަނީ،" އަމްރު ވިދާޅުވި އެވެ.

ޒަމާނާ އެއްވަރަށް މަސްވެރިކަން ކުރާ އުޅަނދުފަހަރު ތަރައްގީވެ ބޮޑުވަމުން އައި ނަމަވެސް މިފްކޯއަށް އެ ތަރައްގީ އައިސްފައިނުވާކަން ފާހަގަކޮށް އަމްރު ވިދާޅުވީ، މިހާރު ގެންގުޅޭ މަސްދޯންޏަށް މިފްކޯގެ މަސްބޯޓްތައް ލެވޭ ވަރަށް ކުޑަ ކަމަށެވެ.

"މަސްވެރިންގެ އުޅަނދު 150 ފޫޓަށް ބޮޑުވެގެން ދިޔައިރު މިފްކޯގެ ބޯޓް ފަހަރުތައް އޮތީ ވަރަށް ކުޑަކުޑަކޮށް. އެއްވެސް ކަހަލަ ކަމެއް ނުކުރެވި،" އަމްރު ވިދާޅުވި އެވެ.

ރާއްޖެއަށް ދުވާލަކަށް 150 ޓަނުގެ މަސް ބާނާއިރު ފެލިވަރުގައި ހުންނަ މަސް ބަންދުކުރާ ކާރުޚާނާގެ ޖާގަ ހުރީ 50 ޓަނުގައި ކަމަށް އަމްރު ވިދާޅުވި އެވެ. އަދި އެކަމަށް މިއިން ޒަމާނަކު ވެސް ހައްލު ހޯދާފައި ނުވާ ކަން އަމްރު ފާހަގަކުރެއްވި އެވެ.

އެސްޓީއޯއާ ހަވާލުވެ މިވީ ހަ މަސްދުވެހުގެ ތެރޭގައި ކުއްލިއަކަށް މިފްކޯ ނަގާ ކޮޅަށް ނުޖެހޭނެ ކަމަށް އަމްރު ވިދާޅުވި އެވެ. ނަމަވެސް އުންމީދު ކުރަނީ ކުރިއަށް އޮތް ހަ މަސް ނިމުމުގެ ކުރިން މިފްކޯ އަކީ ގެއްލުން ނުވޭ ހިންގޭ ތަނަކަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފްކޯ އަކީ މުހިންމު ތަނެއް އޮންނަން. އެކަން އެގޮތުގައި އޮތުމައްޓަކައި މިވަގުތު ކުރަންޖެހޭ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ މިދަނީ ކުރަމުން،" އަމްރު ވިދާޅުވި އެވެ.

ދިވެހި މަސްވެރިންނަށް އެންމެ ބޮޑަށް ފައިދާ ވާނީ މިފްކޯއަށް ގަންނަ މަސ،ް ދަޅުގައި ބަންދުކޮށްގެން ބޭރުކުރުމުން ކަމަށާއި، އެހެންކަމުން މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިރޭ ވިދާޅުވެފަ އެވެ.

comment ކޮމެންޓް