ޕީޕީއެމް/ޕީއެންސީ ވަރުގަދު ކުރުމަށް ރައީސް ޔާމީންއާ އެކު އަތޮޅުތަކަށް

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އިދިކޮޅު ޕީޕީޕީއެމް އަދި ޕީއެންސީގެ ހަރަކާތްތައް ވަރުގަދު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު އަތޮޅުތަކަށް ދަތުރުތަކެއް ފެށުމައް ނިންމައިފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ހަރަކާތްތައް ގެންދާނެ ގޮތަކާ މެދު ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށާއި ރޭ ބޭއްވި ހާއްސަ ލީޑާރޝިޕް ބައްދަލުމުމެއްގައި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގެ ހަރަކާތްތައް އަންނަ މަހުން ފެށިގެން ފަށާނެ ކަން ޝުޖާއު ފާހަގަކުރެއްވި އެވެ. އަދި އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅަށް ކަމަށާއި އެ ދަތުރުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ރައީސް ޔާމީންއާ އެކީގައި ފުރަތަމަ އަޅުގަނޑުމެންގެ ދަތުރު މި ފަށަނީ ހއ. އަތޮޅަށް. ހއ. އަތޮޅުގެ ހުރިހާ ރައްޔިތުންނާއި އުތުރުގެ ހުރިހާ ރައްޔިތުން ތައްޔާރުވެ އަޅުގަނޑުމެންގެ ދަތުރުތަކަށް އިންތިޒާރު ކުރުމަށް އަޅުގަނޑު ދަންނަވަން،" ޝުޖާއު ވިދާޅުވި އެވެ.

އިދިކޮޅު ހަރަކާތްތައް އެންމެ ބާރަށް ކުރިއަށް ގެންދާނީ މާލޭގައި ނޫން ކަމަށާއި އެ ހަރަކާތްތައް ކުރިއަށް ގެންދާނީ އަތޮޅުތެރޭގައި ކަން ޝުޖާއު ފާހަގަކުރެއްވި އެވެ. އަދި މިސަރުކާރުން ކުރާ ކޮންމެ ކަމެއް ބަލަން ނުތިބޭނެ ކަމަށާއި މުޒާހަރާ ކުރަން ޖެހިއްޖެ ހާލަތެއްގައި މަގުމައްޗަށް ވެސް ނިކުންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިހާރުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބް ކާމިޔާބްކޮށް މިހާރުގެ ސަރުކާރު ބޮޑުތަނުން ބަލި ކުރުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެކަން ކުރާނީ ރައީސް ޔާމީންއާ އެކީގައި. އަޅުނގަޑުމެނެއް އިނގޭ މިހެން ބުނީމަ ސަރުކާރުން މިހާރު ބިރުގަންނާނެ ކަން. އެއީ ރައީސް ޔާމީން ރާއްޖެތެރޭ އަތޮޅަކަށް ވަޑައިގަންނަވާކަން މީހެއްގެ ފަރާތުން ސިއްރު މައުލޫމާތެއް ލިބިއްޖެ ނަމަވެސް ކެކިގަންނާނެ. މާދަމާކަމެއް ނޭނގެ ޗިޓް ފޮނުވައިގެން ޝަރީއަތް ފަށާނީ،" ޝުޖާއު ވިދާޅުވި އެވެ.

comment ކޮމެންޓް