ޖާބިރު ޑީއާރްޕީގެ ލީޑަޝިޕާ ގުޅިވަޑައިގަންނަވަނީ

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

ޖާބިރު މިއަދު 'ސަން' އަށް ވިދާޅުވީ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި އިނދެ މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ކަމަށާއި، ޕާޓީ އަކާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމެވީ އެ ސަބަބާ ހެދި ކަމަށެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އެތައް ދުވަހެއް ވީއިރު އެ ޕާޓީއަށް ވަރަށް ބޮޑަށް އިންވެސްޓު ވެސް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ވެސް އޭނާ ހިމަނާފައި ނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޑީއާރްޕީގެ ލީޑަޝިޕާ ގުޅެން ނިންމީ ޕާޓީ ހިންގުމުގައި އޭނާގެ ދައުރެއް އޮންނާނެ ކަމަށް ގަބޫލުކުރައްވައިގެން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ޑީއާރްޕީ އުފެދިގެން އައި އިރު އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރި އެކަކަށް ވާނެ. އެހެންވީމަ އަޅުގަނޑު އަލުން މި ގުޅެނީ ޑިއާރްޕީ އާ. ޑީއާރްޕީ އަދިވެސް ވުޖޫދުގައި އޮތީ. މާބޮޑު އޮޕަރޭޝަނެއް ނެތް ނަމަވެސް. ދެން އޮޕަރޭޝަންތައް ފެށޭނެ އާ ލީޑަޝިޕް އާ އެއްކޮށް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދެން ވަރަށް އަވަހަށް ޑީއާރްޕީގެ އޮޕަރޭޝަންތައް ހިނގައިގަންނާނެ ކަމަށާއި، 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ.

ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) 'ސަން' އަށް ވިދާޅުވީ އެ ޕާޓީ އިން ޖާބިރަށް މަރުހަބާ ކިޔާ ކަމަށާއި، ޖާބިރު ފަދަ ސިޔާސީ ތަޖުރިބާ ހުރި އަދި ވިޔަފާރީގައި ވެސް ކާމިޔާބު ބޭފުޅަކު ޕާޓީގެ ލީޑަޝިޕާ ގުޅުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކާނަލް ވިދާޅުވީ ޖާބިރާ އެކު މަޖިލީހުގެ އިތުރު ދެ މެމްބަރަކު ވެސް އެ ޕާޓީއާ ގުޅޭނެ ކަމަށް ޖާބިރު ވިދާޅުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕާޓީގެ އަހަރީ ދުވަހު، ޕީޖީ ގްރޫޕެއް އުފެދި މަޖިލީހުގައި އެ ޕާޓީއަށް ވެސް ހައިސިއްޔަތު ލިބި ޕާޓީގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

"ޖާބިރުގެ ތަޖުރިބާގެ އަލީގައި، އެމަނިކުފާނުގެ ދުރުވިސްނުންފުޅުގެ އަލީގައި ޑީއާރްޕީއަށް ކުރިއެރުން ލިބިގެން ދިއުމަކީ އަޅުގަނޑުގެ އުންމީދު،" ކާނަލް ވިދާޅުވިއެވެ.

ޑީއާރްޕީއާ ގުޅޭ އިތުރު އެއްވެސް މަޖިލިސް މެމްބަރެއްގެ ނަން ކާނަލް އަދި ޖާބިރު ވެސް ހާމައެއް ނުކުރައްވައެވެ. ޖާބިރު ވިދާޅުވީ ޑީއާރްޕީގެ ޕީޖީ ގްރޫޕް 15 މެމްބަރުންނަށް ބޮޑުކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެހެންކަމުން ވީހާވެސް ގިނަ މެމްބަރުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހުއެވެ. ޑީއާރްޕީ އަކީ ރާއްޖޭގައި އުފެދުނު ދެވަނަ ސިޔާސީ ޕާޓީއެވެ. ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ގިނަ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް 2009 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީ އަކީ ވެސް ޑީއާރްޕީ އެވެ. އެއީ 28 ގޮނޑި އެވެ. ނަމަވެސް މިހާރު މަޖިލީހުގައި ޑިއާރްޕީ ތަމްސީލު ކުރާ އެއްވެސް މެމްބަރަކު ނެތެވެ.

comment ކޮމެންޓް