ޑރ. ހިޝާމްގެ ފުރަތަމަ ޕޭޝަންޓު ލިބުނީ ފްލައިޓެއްގެ މަތިން!

ޑޮކްޓަރު ހިޝާމް އަލީ ޒަކީ --

ފްލައިޓެއްގެ ތެރޭގައި ހާލު ދެރަވި މީހަކަށް ދިވެހި ޑޮކްޓަރަކު ފަރުވާދީ އޭނާގެ ފުރާނަ ސަލާމަތްކޮށްދީފި އެވެ.

މިއަދު އެ ހާދިސާ ހިނގާފައި ވަނީ ކޮލޮމްބޯ އިން ބަންގްލަދޭޝްގެ ވެރި ރަށް ޑާކާ އަށް ދަތުރު ކުރަމުން ދިޔަ ސްރިލަންކަންގެ ފްލައިޓް UL189 ގައެވެ.

ފްލައިޓުގައި ދަތުރު ކުރަމުން ދިޔަ މީހަކު ފިޓް ޖެހި އޭނާގެ ޚަބަރު ހުސްވީ އެވެ. އެ ހިސާބުން އޭނާއަށް ފަރުވާ ދިނުމަށް އަތުކުރި އޮޅާލީ ދިވެހި ޑޮކްޓަރު ހިޝާމް އަލީ ޒަކީ، ސަބުނަމީގެ، ރ.ކަނދޮޅުދޫ އެވެ.

ހިޝާމް މިއަދު 'ސަން' އަށް ބުނީ ފްލައިޓުގައި އޮތް ބަލިމީހަކަށް ފަރުވާ ދިނުމަށް ފްލައިޓުގެ ކްރޫއިން އެދުނީ ދަތުރު ފެށިތާ ދެ ގަޑިއިރު ވީފަހުން ކަމަށެވެ. އޭރު ދަތުރުގެ ބާކީ އަދި އެއް ގަޑި އިރު ކަމަށެވެ.

"އޭރު ދެތިން ފަހަރަކު އެނައުންސް ކޮށްފި. އެއްވެސް މީހަކު ނުތެދުވޭ. ދެން އަޅުގަނޑު ތެދުވީ. އަޅުގަނޑު ބުނިން އަޅުގަނޑަކީ އަދި އިންޓާން އެކޭ. ކްރޫ އިން ބުނީ މައްސަލައެއް ނެތޭ،" ހިޝާމް ކިޔައިދިނެވެ.

ހިޝާމް ބުނީ އޭރު ބަލިމީހާ ހޭނެތިފައިވާ ކަމަށެވެ. އަދި ބަލިމީހާ އެއްވެސް ވަރަކަށް ރެސްޕޯންޑް ނުކުރާ ކަމަށް ކްރޫ އިން އޭނާ އަށް މައުލޫމާތު ދިނެވެ. އެހެން ނަމަވެސް އޭނާގެ ވިންދު ބަރާބަރަށް ހުރި އިރު ނޭވާ ވެސް ލަމުން ގެންދިޔަ އެވެ.

ހިޝާމް ބުނީ މޫނުމަތީގައި ޖަހާލުމުން އޭނާ ލޯ ހުޅުވައި އަނގަ ވެސް ކުޑަކޮށް އެއް ފަރާތަކަށް ދަމާލި ކަމަށެވެ.

"ފިޓް ޖެހޭ ކަމަށް ކްރޫ އިން ބުނީ. އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ މާ ބޮޑަށް ފިނިވެގެންނޭ. އޭރު ވަރަށް ފިނި. ދަތުރު ކުރަމުން ދިޔަ އެލްޓިޓިއުޑް މަތިވީމަ،" ހިޝާމް ބުންޏެވެ.

ހިޝާމް ބުނީ އޭނާގެ ސިކުނޑިއަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވޭތޯ ވަގުތުން ޗެކް ކުރި ކަމަށެވެ. ނަސީބަކުން އެކަހަލަ އެއްވެސް ކަމެއް ނެތެވެ.

ދެން ހިޝާމް އަވަސްވެގަތީ އޭނާގެ ހަށިގަނޑުން ފިނި ކަނޑުވައި ހޫނުކޮށްދޭށެވެ. އެގޮތުން އޭނާގެ ފަޔަށް ވެސް ލީ ހިޝާމް ލައިގެން ހުރި އިސްޓާކީނެވެ. އަދި ބަލި މީހާގެ ގައިގައި ރަޖާ އަޅައިދީ ދަތުރު އެއްކޮށް ނިމެންދެން އެމީހާގެ ގާތުގައި ހިޝާމް މަޑުކުރި އެވެ.

ހިޝާމްގެ ހުޝިޔާރު ކަމުން މިއަދު ފްލައިޓެއްގެ ތެރޭގައި ބަލިމީހަކަށް ފަރުވާ ދީފައި ވާއިރު، އޭނާ އަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ފަހު އިމްތިހާން ނިންމާލި ދަރިވަރެކެވެ. ރާއްޖެ އައީ އިމްތިހާން ނިންމާލުމަށް ފަހު ޗުއްޓީ އަށެވެ.

މިއަދު މިއީ 27 އަހަރުގެ ހިޝާމް ޗުއްޓީ ނިންމާލުމަށްފަހު، ޑރ.ގެ ލަގަބާއެކު ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި އިންޓާނެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރި ދުވަހެވެ. އޭނާގެ އިންޓާންޝިޕް ފެށޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އޭނާގެ ހަޔާތުގައި ލިބުނު ފުރަތަމަ ޕޭޝަންޓް މި ދިމާވީ ފްލައިޓެއްގެ ތެރެއިންނެވެ. ނަމަވެސް ހިޝާމް ވަނީ އޭނާ ކިޔެވި އެއްޗެއްގެ ބޭނުން ހިފައި ސާބިތުކަމާ އެކު އެ އިމްތިހާނު ވެސް ކާމިޔާބު ކޮށްފަ އެވެ.

ހިޝާމް ވަނީ މިއަދު ބަލިމީހާއަށް އެހީތެރިވުމުގައި އޭނާއަށް ފްލައިޓްގެ ކްރޫގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. ހިޝާމް ބުނީ އޭނާގެ ފުރަތަމަ ޕޭޝަންޓަށް ފަރުވާ ދިނުމުގައި އެއްވެސް ވަރަކަށް ހާސްނުވެ، އެކަން ފަސޭހަ ކަމާއެކު ކުރެވުނީ ކްރޫ އިން އޭނާއަށް ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް