ލަންކާ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއިި ރައީސް މައިތިރިޕާލާ ސިރިސޭނާ --ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (ޖުލައި 12): ސްރީލަންކާ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ބުނެ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓެއް ނާކާމިޔާބުވެއްޖެ އެވެ.

ލަންކާގެ އިދިކޮޅު ޕީޕަލްސް ލިބަރޭޝަން ފްރޮންޓް (ޖޭވީޕީ)އިން ސަރުކާރުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ، މިދިޔަ އޭޕްރިލް މަހު އެގައުމުގައި ދިން ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށް ބުނެ އެވެ. އެގޮތުން އީސްޓާ ސަންޑޭގައި ހަމަލާތައް ދީފާނެ ކަމުގެ އިންޒާރު ސަރުކާރަށް ކުރިން ލިބުނު ނަމަވެސް ހަމަލާތައް ހުއްޓުވިފައި ނުވާކަން އެޕާޓީން ފާހަގަ ކުރި އެވެ.

އިއްޔެ ޕާލިމެންޓުގައި ނެގި ވޯޓުގައި ސަރުކާރުގެ އިތުބާރު ނެތް ކަމަށް 92 މެމްބަރުން ވޯޓު ދެއްވި އިރު އެހުށަހެޅުމާ ދެކޮޅަށް 119 މެމްބަރުން ވޯޓު ދެއްވި އެވެ.

ލަންކާގައި އޭޕްރިލް 21ގައި ދިން ބޮމުގެ ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވެ، 500 މީހުންނަށް އަނިޔާވި އެވެ. އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި ހަމަލާތަކުގެ ފަހަތުގައި ވަނީ ދެ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތާއި ޖަމިއްޔަތުލް މިއްލަތު އިބްރާހީމް އެވެ. އަދި އައިއެސްއިންވެސް ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ލަންކާގެ ފައްޅިތަކަށް ހަމަލާ ދޭން އުޅޭކަން އިންޑިއާގެ ޖާސޫސީ އިދާރާތަކުން މާކުރިން އެގައުމަށް އެންގި އެވެ. ނަމަވެސް އެހަމަލާތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ސަބަބު ބެލުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ޕާލިމެންޓަރީ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.

ބޮޑުވަޒީރު ވިކްރަމަސިންހަ އާއި ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އެހަމަލާތަކާ ބެހޭ މައުލޫމާތު ދެ ބޭފުޅުންނަށް ކުރިން ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް