އެމެރިކާގައި ހުންނަވާ ބްރެޒިލްގެ ސަފީރަކަށް ރައީސްގެ ދަރިކަލުން

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އާއި ދަރިކަލުން އެޑުއާޑޯ -- ފޮޓޯ: ގެޓީ

ބްރެޒިލިއާ (ޖުލައި 12): އެމެރިކާގައި ހުންނަވާ ބްރެޒިލްގެ ސަފީރުގެ މަގާމު، ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯގެ ދަރިކަލުން އެޑުއާޑޯއަށް ހުށަހަޅައިފި އެވެ.

ރައީސްގެ ފަސް ދަރިކަލުންގެ ތެރެއިން ތިން ވަނަ ދަރިކަލުން ކަމަށްވާ އެޑުއާޑޯ ބޮލްސޮނާރޯ އަކީ މިވަގުތު ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ޚާރިޖީ ކަންތައްތަކުގައި ރައީސްގެ މުޝީރެކެވެ. އަދި އޭނާ ވަނީ ސަފީރުގެ މަގާމު ހުށަހަޅައިފި ނަމަ މަގާމު ގަބޫލު ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ސަފީރަކަށް އައްޔަންކޮށްފި ނަމަ މަޖިލިސް މެމްބަރު ކަމުން އިސްތިއުފާ ދެއްވަން ޖެހޭނެ އެވެ.

ރައީސް ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި ސަފީރުގެ މަގާމުން ގަބޫލު ކުރުމާއި ނުކުރުން ދޫކޮށްލައްވާނީ ދަރިކަލުންގެ އަތް މައްޗަށެވެ.

"[މަޖިލިސް މެމްބަރުކަން] ދޫކޮށްލަން ގާނޫނުގައި ބުނެފައިވާތީ އަޅުގަނޑު ބޭނުމެއް ނޫން އޭނާ ބޭނުންވާނެ ގޮތެއް ނިންމަން،" ބޮލްސޮނާރޯ ވިދާޅުވި އެވެ.

އަދި އެޑުއާޑޯ އެމަގާމު ގަބޫލު ކުރެއްވުމުން އޭނާއަށް ސެނެޓުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ރުހުން ދޭން ޖެހޭނެ އެވެ. އޭގެ ފަހުން ސެނެޓުގައި ވެސް ވޯޓަށް އަހާނެ އެވެ.

ރައީސް ބޮލްސޮނާރޯ އާއި ދަރިކަލުން އެޑުއާޑޯވެސް ގެންގުޅުއްވަނީ އެމެރިކާއާ ގާތް ސިޔާސަތެކެވެ. އަދި އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމުން ބޮލްސޮނާރޯ ވަނީ ބްރެޒިލްގެ އެމްބަސީވެސް ގުދުސަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަރަބި ގައުމުތަކާ އެކު އޮތް ވިޔަފާރީގެ ގުޅުންތަކަށް ބުރޫ އަރާފާނެތީ، މިދިޔަ މާޗް މަހު ބްރެޒިލް އިމް ވަނީ އެމްބަސީއެއްގެ ބަދަލުގައި ޓްރޭޑް މިޝަންއެއް ގުދުސްގައި ހުޅުވާފަ އެވެ.

comment ކޮމެންޓް