ރާއްޖެ ކޮމަންވެލްތަށް އަލުން ވެއްދުން އަވަސްކޮށްދޭން ގައުމުތަކުން ގޮވާލައިފި

ލަންޑަނުގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދލަުވުމުގައި ބައިވެރިވި، ގައުމުތަކުގެ ފޮރިން މިނިސްޓަރުން -- ފޮޓޯ/ ކޮމަންވެލްތު

ދިވެހިރާއްޖެ ކޮމަންވެލްތަށް އަލުން ވެއްދުމުގެ ކަންކަން އަވަސްކޮށްދިނުމަށް އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުން ގޮވާލައިފިއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތާ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައެވެ. އެ ސަރުކާރުން ބުނަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށްވެސް ނުފޫޒުފޯރުވަން މަސައްކަތްކުރި ކަމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ހަމަޖެހުމަށް ކުރިމަތިވަމުން ދިޔަކަމަށް އެ ސަރުކާރުން އޭރު ނިންމިއެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ ރާއްޖެ އަލުން އެ ޖަމިއްޔާއާ ގުޅޭން ނިންމައި، ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފާސްކުރުމެވެ. އަދި ރާއްޖެ އެ ޖަމިއްޔާއާ ގުޅުމަށް ބޭނުންވާ ލިޔުންތައް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ވަނީ މިހާރު އަރުވާފައެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުރިއަށް ދިޔަ ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓާސް މީޓިންގްގައި ގިނަ ގައުމުތަކެއްގެ ފޮރިން މިނިސްޓަރުން ވަނީ ރާއްޖެ އެ ޖަމިއްޔާއަށް އަވަހަށް ވައްދައިދިނުމަށް އެދިފައެވެ.

އާންމު ގޮތެއްގައި ގައުމަކަށް ކޮމަންވެލްތާ ގުޅޭނީ، ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ބާއްވާ "ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓްސް މީޓިންގް"އަށް އެ ކަން ހުށަހެޅި، އެ ބައްދަލުވުމުން އެ ހުށަހެޅުން ބަލައިގަތުމުންނެވެ. ދެން އެންމެ އަވަހަށް އެ ބައްދަލުވުން އޮންނާނީ 2020 ވަނަ އަހަރު، ރުވަންޑާގެ ކިގާލީގައެވެ.

އެހެން ނަމަވެސް ލަންޑަނުގައި އޮތް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިންޑިއާ އަދި ސްރީލަންކާއިން ބުނީ ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވާ ގޮތުގެ ސަބަބުން، އަލުން ކޮމަންވެލްތާ ގުޅުމުގެ ކަންކަން "ފާސްޓް ޓްރެކް"ކޮށް ކުރިއަށް ގެންގޮސްދޭންޖެހޭނެ ކަމަށެވެ.

އަދި އަންނަ އަހަރުގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓްސް މީޓިންގްގައި ރާއްޖެއަށްވެސް ބައިވެރިވެވޭނެ ވަގުތު އޮއްވައި، ރާއްޖެއަށް މެމްބަޝިޕް ދިނުމަށް ސްރީލަންކާއިން ގޮވާލިއެވެ.

މީގެ ކުރިން ގެމްބިއާއިންވެސް ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން އެ ޖަމިއްޔާއާ ގުޅުނީ ހުށަހެޅުން "ފާސްޓް ޓްރެކް" ކޮށްގެންނެވެ.

ރާއްޖެ އަލުން އެ ޖަމިއްޔާއަށް ވެއްދުމަށް ގޮވާލި އެހެނިހެން ގައުމުތަކުގެ ތެރޭގއި އިންޑިއާ، ކެނެޑާ، ބަންގްލަދޭޝް، ރުވަންޑާ އަދި ޕާކިސްތާނު ހިމެނެއެވެ.

ރޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޓްވިޓާ މެދުވެރިކޮށް، މި ގައުމުތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑާ ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން އޭޕްރިލް މަހު ރާއްޖޭގައި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމުގައިވެސް ކޮމަންވެލްތުން ބައިވެރިވިއެވެ.

comment ކޮމެންޓް