ފެހުރިހި އުޅޭ "ސައުތު އަރި މެރިން ޕާކު" ބަލަހައްޓަން ރޭންޖަރުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ފެހުރިއްސެއް: ފެހުރިހި އުޅޭ ސައުތްއަރި މެރިން ޕާކްއަށް އިއްޔެ ވަނީ މެރިން ރޭންޖަރުން ފޮނުވާފައި --

އަރިއަތޮޅު އުތުރުބުރީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޚާއްސަ ނަމެއް ކަނޑައަޅައި، އެ ސަރަހައްދު ބެލެހެއްޓުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ މެރިން ރޭންޖަރުން ފޮނުވައިފި އެވެ.

އަރި އަތޮޅު ދެކުނު ބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯ މީޓަރުގެ ސަރަހައްދަކީ 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އަދި މި އަހަރުގެ ޖުލައި 11 އިން ފެށިގެން އެ ސަރަހައްދަކީ "ސައުތު އަރި މެރިން ޕާކް" ސަރަހައްދު ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.

"ސައުތުއަރި މެރިންޕާކް" ސަރަހައްދު ބެލެހެއްޓުމަށް އިއްޔެ އިން ފެށިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މެރިން ރޭންޖަރުން ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.

މެރިން ރޭންޖަރުން ހަރަކާތްތެރިވުން ފެއްޓުން ފާހަގަކުރުމަށް އިއްޔެ އދ. މާމިގިލީގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް އެންވާރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މިނިސްޓަރު ވަނީ މި ސަރަހައްދު ބޭނުންކުރައްވާ ފަރާތްތަކުން މި ސަރަހައްދުގައި ހަރަކާތްތެރިވުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާ ވުމަށާއި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތެވެ.

އަދި މި ސަރަހައްދު ބޭނުންކުރުމަށް ވަންނަ އުޅަނދު ރަޖިސްޓްރީކުރުމަށް މިއަދު ހުޅުވާލާފައިވާކަން ފާހަގަކޮށް، އުޅަނދު ރަޖިސްޓްރީކުރުމަށް ވީހާ ވެސް ގިނަ ފަރާތްތަކަށް ބާރުއެޅުއްވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ މިފަދަ މުހިންމު ސަރަހައްދުތައް ފާހަގަކޮށް، އެ ސަރަހައްދުތަކަކީ ހިމާޔަތްކުރެވޭ ސަރަހައްދުތައް ކަމުގައި ހަދާ، އަދި މިހާރު ހިމާޔަތްކޮށްފައިވާ 61 ސަރަހައްދަކީ ރަނގަޅަށް މެނޭޖްކުރެވޭނެ ސަރަހައްދުތަކަކަށް ހެދުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ "ސައުތު އަރި މެރިން ޕާކް" ސަރަހައްދަކީ މުޅި އަހަރު ތެރޭގައި ވެސް ފެހުރިހި ފެންނަ ސަރަހައްދެކެވެ. އަދި މި ސަރަހައްދަކީ ފަރުގެ މުއްސަނދިކަމާއި، ފަރުގައި ދިރިއުޅޭ އެކި ބާވަތްތަކުގެ ދިރުންތަކުގެ ސަބަބުން، ފާހަގަކުރެވޭ ތަނެކެވެ. އެގޮތުން ވެލާ ކަހަނބު، މަޑި އަދި މިޔަރުގެ ބާވަތްތައް މި ސަރަހައްދުން ފެނެ އެވެ.

comment ކޮމެންޓް