ބާ ކައުންސިލަށް ވާދަކުރާ ބޭފުޅެއްގެ ކެންޑިޑެންސީ ބާތިލްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ އާ ލޯގާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ފުރަތަމަ ފަހަރަށް އުފައްދާ، ބާ ކައުންސިލްއަށް ވާދަކުރަން ހުށަހަޅުއްވާފައިވާ ވަކީލުންގެ ތެރެއިން ބޭފުޅެއްގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލްކޮށްފި އެވެ.

ބާ ކައުންސިލްގެ އިންތިހާބު މާދަމާ ބާއްވާއިރު، އީސީއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކުރިމަތިލުމަށް، ހުށައެޅި އަލީ ނަސީރު ގާސިމްގެ ނަން އެ ކޮމިޝަނުން ގަބޫލު ކޮށްފައި ވީނަމަވެސް އެކޮމިޝަނުން ފަހުން ބެލިބެލުމުން އޭނާއަކީ އެމަގާމަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ފަރާތެއް ނޫން ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"އަލީ ނަސީރު ގާސިމަކީ މި އިންތިހާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމުގައި މިކޮމިޝަނުން ކަނޑައަޅައި، މި އިންތިހާބަށް ކުރިމަތިލުމަށް އެފަރާތުން ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުން ގަބޫލު ކޮށްފައިވާކަމަށް މިކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލު ކޮށްފީމެވެ،" އީސީގެ އިއުލާނުގައިވެ އެވެ.

މިކަމުގެ ސަބަބުން، އިންތިހާބުގައި ވާދަ ކުރާ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތަކަށް ބަދަލު ނާންނާނެކަމަށް ވެސް އީސީއިން ބުންޏެވެ.

އީސީއިން މީގެ ކުރިން އިއުލާންކުރި ގޮތުގައި 23 ފަރާތަކުން ބާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރައްވަ އެވެ. އެހެން ނަމަވެސް އެއް ބޭފުޅެއްގެ ކެންޑިޑެންސީ މިހާރު ބާތިލްކޮށްފައި ވުމުން ދެން އެ އިންތިހާބުގައި ވާދަކުރައްވާނީ 22 ބޭފުޅުން އެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައި ވާއިރު، ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު ވާދަކުރައްވަ އެވެ. އަދި މެންބަރު ކަމަށް ވާދަކުރައްވަނީ 18 ބޭފުޅެކެވެ.

ރައީސް ކަމަށް ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އަދި ގާނޫނީ ވަކީލް މައުމޫން ހަމީދެވެ. ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ ކުރީގެ އޭޖީ އަބްދުﷲ މުއިއްޒު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ.

މި އިންތިހާބު މާލެ އާއި އައްޑޫގައި ވޯޓްފޮށި ބަހައްޓައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، 1،600 ގާނޫނީ ވަކީލުން ވޯޓުލާނެ އެވެ.

ބާ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި ބަންޑާރަ ނައިބާ އެކު، އެ ކައުންސިލްގައި ނުވަ ބޭފުޅުން ތިއްބަވާނެ އެވެ. އޭގެ ތެރެއިން ބަންޑަރަ ނައިބު ފިޔަވާ ހުރިހާ ބޭފުޅުންނަކީ ވެސް އިންތިހާބު ކުރާ ފަރާތްތަކެވެ.

comment ކޮމެންޓް