ދިވެހި ޒުވާނުންގެ ބޮޑު ކަންބޮޑުވަނީ ކޮރަޕްޝަން އާންމުވުން

ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދިވެހި ޒުވާނުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން ކަމަށް ދިވެހި ޒުވާނުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތައް ހޯދުމަށް ކުރިއަށް ގެންދިޔަ ދިރާސާ ރިޕޯޓް "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" އިން ދައްކައިފި އެވެ.

ގައުމީ ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާ އެކު، މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ފެބުރުއަރީގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސާވޭގައި 173 ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.

އެ ދިރާސާގެ ބައިވެރިން، ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ހަތް މައްސަލައެކެވެ. މައްސަލަތަކަށް ބަލާއިރު، އެންމެ ގިނަ ޒުވާނުން ގަބޫލު ކުރާ ގޮތުގައި ޒުވާނުންގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަނެވެ. އަދި ލިސްޓުގެ އެންމެ ފަހަތުގައި އޮތީ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނަ އަޅާ ދިޔުމެވެ.

ދިރާސާގެ ގިނަ ބައިވެރިން ފާހަގަކޮށްފައި ވަނީ ރާއްޖޭގެ ސިޔާސީ ކަންކަން ހުންނަ ގޮތުން، ވަޒީފާ އާއި ކުރިއެރުމުގެ ފުރުސަތުތައް ލިބެނީ މުޅިން ވެސް އެ އިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކަށް ވަފާތެރި މީހުންނަށެވެ. އަދި ވަކި ސިޔާސީ ފިކުރަކަށް ވޯޓުލުމުގެ ސަބަބުން ނޫނީ ސަޕޯޓް ކުރުމުގެ ވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮންނަ ކަމަށާއި، އިންތިހާބު ކާމިޔާބު ކުރާ ޕާޓީއަކަށް މެޖޯރިޓީ ނުދިން ރަށްތައް ބާކީކޮށް، ތަރައްގީ މަޑުޖައްސާލާ ކަމަށް ދިރާސާގެ ބައިވެރިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ ބޮޑު ކަމުން، މަތީ ތައުލީމު ހާސިލް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ގިނަ ބައިވެރިން ފާހަގަކުރެ އެވެ. ބައިވެރިން ގަބޫލު ކުރާ ގޮތުގައި، ރަނގަޅު ވަޒީފާތައް ލިބެނީ ސިޔާސީ ލީޑަރުންނާ ގުޅުން ރަނގަޅު މީހުންނަށެވެ.

"ކޮރަޕްޝަންގެ ސަބަބުން ތައުލީމު ހާސިލް ކުރުމުން ވެސް މީހާ މުޅިން ފޫހިކޮށްލާ. ޑިގްރީ އަކުން ވަޒީﷲާ ނުލިބޭ އިރު ކޮބާ މަތީ ޑިގްރީއެއް ހާސިލު ކުރުމުގެ ބޭނުމަކީ؟،" ދިރާސާގެ ބައިވެރިއަކު ސުވާލު އުފައްދާފައިވެ އެެވެ.

ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކުގެ ގޮތުގައި ދިރާސާގެ ބައިވެރިން ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކަކީ، ތައުލީމު، މަސްތުވާތަކެތި، ވަޒީފާ ނުލިބުން، ގެދޮރުވެރިކަން، ގޭންގްތައް އަދި ހަރުކަށި ފިކުރުތަކެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުތަކަށް ގޮސް، އަނިޔާވެރިވުމުގެ ބިރު އޮތް ކަމަށް ރިޕޯޓު ކުރި ނަމަވެސް، އެއަށް އެކަށީގެންވާ ހެއްކެއް ދެއްކިފައި ނުވާ ކަމަށް ދިރާސާގެ ބައިވެރިން ވަނީ ބުނެފަ އެވެ. ރަށްރަށުގައި ހަރުކަށި ފިކުރުތައް އުޅޭކަމަށް ގަބޫލުކުރަނީ ދިރާސާގައި ބައިވެރިވި މީހުންގެ 10 ޕަސެންޓެވެެ. ނަމަވެސް ރާއްޖޭގައި ވެސް މަދު ބައެއްގެ ތެރޭގައި އެފަދަ ވިސްނުން ހުރި ކަން ދިރާސާގެ ބައިވެރިން ގަބޫލު ކުރެ އެވެ.

ނަމަވެސް ފާއިތުވި އަހަރުތަކުގައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުން ކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގައި ނުތަނަވަސްކަން އުފެދޭ ކަމަށް ވެސް ބައިވެރިން ގަބޫލުކުރެ އެވެ.

comment ކޮމެންޓް